ޚަބަރު

ސަރުކާރުގެ ފިޔަވަޅުތަކާއެކު ޚަރަދުތައް ކުޑަވެ، އާމްދަނީއަށް ކުރިއެެރުން


  • އާމްދަނީ އުޅެނީ 13.2 ބިލިއަން ރުފިޔާގައި

  • ޙަރަދަކީ 14.9 ބިލިއަން ރުފިޔާ

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކައިފިއެވެ.

މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު، ކުރި ހަރަދުތަކާއި އަޅާބަލާއިރު ދައުލަތުގެ އާމްދަނީ ވަނީ އިތުރުވެފައެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިޒްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތައް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 13.2 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 12.7 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ %4 އިތުރުވުމެކެވެ.

މިއަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވާ އާމްދަނީގެ އެންމެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ. އެއީ 10.9 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ.

ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މި މުއްދަތުގައި ލިބިފައިވަނީ 2.1 ބިލިއަން ރުފިޔާއެވެ. މި މުއްދަތުގައި ދައުލަތައް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ އަދަދުވެސް މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރުކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައެވެ. އެގޮތުން މިއަހަރުގެ މެއި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބުނީ 91.4 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރު މި އަދަދު އުޅުނީ 57.7 މިލިއަނުގައެވެ.

ޙަރަދަށް ބަލާއިރު މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޙަރަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ. އެގޮތުން މިއަހަރުގެ މި މުއްދަތުގައި ދައުލަތުގެ ޙަރަދު އުޅުނީ 14.9 ބިލިއަނުގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދު އުޅުނީ 17.2 ބިލިއަނުގައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކޮށް، ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅު އަޅަމުންދާއިރު، ރާއްޖޭގެ އިޤްތިޞާދު ކުރިއަރާ ދުވެލިވެސް ހަލުވިވަމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިޞާދަށް އޮތީ އުޖާލާ ދުވަސްތަކެއްކަމަށްވެސް އިޤްތިޞާދު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.