ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވާ މިންވަރު ދެނެގަތުމަށް ސާރވޭއެއް ކުރަމުންދާކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެވެ. އީޕީއޭއިން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ގާ ހުދުވުމުގެ މައްސަލަ ބޮޑު ދުވަސްވަރެކެވެ. ރާއްޖޭގެ ފަރުތަކުން ގާ ހުދުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަވީ 1998 ވަނަ އަހަރުއެވެ. އޭގެފަހުން ގާ ހުދުވުމުގެ މައްސަލަ މެދުވެރިވާ މިންވަރު ގާތްވަމުން އަންނަކަން އީޕީއޭއިން ފާހަގަކުރެއެވެ.
Our teams are actively conducting coral bleaching surveys in MPAs and addressing the noncompliance reports related to dredging and reclamation activities. pic.twitter.com/2O1U4ffTte
— EPA Maldives (@EPAMaldives) May 21, 2024
އީޕީއޭއިން ވިދާޅުވީ މިފަދަ ދުވަސްވަރެއްގައި ހިންގާ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުން، އަދި އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މިގޮތުން ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި، ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ، މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމެއްކަން އީޕީއޭއިން ފާހަގަކުރެއެވެ.
ރާއްޖޭގެ ފަރުތަކުގެ ގާތައް ހުދުވާތީ މަޝްރޫއުތައް ހިންގާ ފަރާތްތަކުން އަމަލު ކުރަން އެންގި ފިޔަވަޅުތަކަށް ބައެއް ފަރާތްތަކުން އަމަލު ނުކުރާކަމުގެ ޝަކުވާތައް އެޖެންސީއަށް ހުށަހަޅަމުންދާތީ، އެފަދަ މައްސަލަތައް ބަލަމުންދާކަމަށް އީޕީއޭއިން ވިދާޅުވިއެވެ.
އީޕީއޭއިން ވަނީ މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިން އިވެންޓުގެ އަސަރު ކުޑަކުރުމަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، އައްސޭރިފަށުގެ ތަރައްޤީގެ ބޮޑެތި ހުރިހާ މަޝްރޫއުތަކާއި ބިން ހިއްކުމުގެ މަޝްރޫއުތައް 2024 ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން ހުއްޓާލަން އެންގި ނަމަވެސް ބައެއް މަސައްކަތްތައް ކުރިއަށްގެންދިޔުމަށް މިހާރު ވަނީ ހުއްދަދީފައެވެ.
އެގޮތުން ނުކުރަން އެދިފައިވާ ކަންތައްތަކަކީ ބިން ހިއްކުމާއި، ވެލި ނެގުން، ގޮނޑުދޮށް ތަރައްޤީ ކުރުމާއި، ވެލި އެޅުން، މީގެ އިތުރުން ފަރުމަތީ ޕައިޕްލައިން އެޅުމާއި ކޭބަލްތައް އެޅުން އަދި ބަންޑް ވޯލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
ގާ ހުދުވުމުގެ މައްސަލައާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކުން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާ ހުދުވާކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ލިބެމުންދާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.