ޚަބަރު

ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ހުށަހެޅުމުން ރާއްޖޭން މަރުޙަބާ ކިޔައިފި


  • މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދުމުގައި އެޅޭ މުހިންމު ފިޔަވަޅެއް

  • ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ހޯދަން ބޭނުންވާވަރަށް ހެކި ހުންނާނެ ކަމަށް ގަބޫލުކުރައްވާ

  • ރާއްޖޭން އަބަދުވެސް ފަލަސްތީނުގެ ދިފާއުގައި ވަކާލާތު ކުރާނެ

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަކަށް އެދި ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސިކިއުޓަރުން ހުށަހެޅި މައްސަލައަށް ދިވެހިރާއްޖޭން މަރުޙަބާ ކިޔައިފިއެވެ.

ނަތަންޔާހޫގެ އިތުރުން ޔަހޫދީ ދައުލަތުގެ ދިފާއީ ވަޒީރު ޔޯއޭވް ގަލާންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ވެސް އައިސީސީގައި ވަނީ އެދިފައެވެ. މި މައްސަލަ ހުށަހަޅުއްވާފައިވަނީ އައިސީސީގެ ޕްރޮސެކިއުޓަރު ކަރީމް އޭ.އޭ ޚާން ކޭސީއެވެ.

މި ނިންމުމަށް ރާއްޖޭގެ ފަރާތުން މަރުޙަބާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއްވެސް ޤައުމެއް ބައިނަލްއަގުވާމީގޮތުން ހެދިފައިވާ ޤާނޫނުތަކަށްވުރެ މަތި ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަހޫދީން އަތްގަދަކޮށްފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ފަރާތްތައް ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން އައިސީސީގެ ޕްރޮސެކިއުޓަރ އޮފީހުން ހުށަހެޅި މައްސަލައިގައި ޔަހޫދީ ދައުލަތުން ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާކަން ސާބިތުކުރެވޭމިންވަރަށް ހެއްކި އެއްކުރެވިފައިވާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަގުވާމީ އެކި މައިދާންތަކުގައި ފަލަސްތީނުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ ކަމެއް ރާއްޖޭން ކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ވެސް ތަކުރާރު ކުރައްވާފައެވެ.

އައިސީސީގެ ޕްރޮސެކިއުޓަރ ވިދާޅުވެފައިވަނީ ނަތަންޔާހޫއާއި އޭނާގެ ދިފާއީ ވަޒީރު ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައިވަނީ ހޯދާފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީ ދައުލަތުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ދިފާއީ ވަޒީރުގެ އިތުރުން ޙަމާސް ޖަމާއަތުގެ ބައެއް އިސްވެރިން ހައްޔަރުކުރުމުގެ އަމުރަކަށް ވެސް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ ޕްރޮސިކިއުޓަރުން ވަނީ އެދިފައެވެ.