ޓެކްސީތަކުގެ އަގު ބޮޑު ނުވާ ކަމަށާއި މިހާރު ބޮޑެތި އުޅަނދުތަކަށް ހެޔޮ އަގެއް ސަރުކާރުން ހަމަޖައްސައި ދެއްވީކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މިކަމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އެ ވުޒާރާގެ ނައިބު އަލީ ނިޝާން ވިދާޅުވީ، ޓެކްސީތަކުން އަގު ނަގާ ގޮތާއި ގުޅޭގޮތުން އެ ވުޒާރާއަށް ވަރަށް ގިނަ ޝަކުވާތައް ލިބެމުން އައި ކަމަށެވެ. އަދި އެކަމަށް ކިއު އާރް ކޯޑެއްވެސް ތަޢާރަފްކޮށްފައިވާއިރު ލިބޭ ޝަކުވާތަކަށް އެ ވުޒާރާގެ މުވައްޒަފުންގެ ޓީމަކުން ބަލާ ޖަވާބު ދެމުންދާ ކަމަށް ނިޝާން ވިދާޅުވިއެވެ.
ޝަކުވާތައް ބެލުމުގައި ޓެކްސީ ޝަކުވާ ހުށަހެޅި ފަރާތައް ގުޅައި ޓެކްސީ ޑްރައިވަރު ގެނެސް ޝަކުވާ އަކީ ރަނގަޅު ޝަކުވާއެއްތޯ ކަށަވަރު ކުރާ ކަމަށް ވިދާޅުވިއެވެ. މިއާއެކު މިހާރު މިހަފްތާއާއި ހަމައަށް ހުރި ހުރިހާ ޝަކުވާތަކަށް ޖަވާބު ދެވިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ނިޝާން ވިދާޅުވީ ދަތުރުފަތުރާ ބެހޭ ވުޒާރާއަށް ލިބެމުންދިޔަ ޝަކުވާތަކަށް ބަލާއިރު، އެންމެ ބޮޑަށް އައި އެއް ޝަކުވާއަކީ ބޮޑެތި އުޅަނދުތައް ނުވަތަ 7 ސީޓާއި 10 ސީޓާއި ދެމެދުގެ ވޭނުތައް ދަތުރުކުރާ ވަކި އަގެއް ކަނޑައެޅިފައި ނެތުމުގެ ސަބަބުން ބޮޑު އަގު ނަގާ މައްސަލަ ކަމަށެވެ. އެހެންކަމުން ވުޒާރާއިން ފުރަތަމަވެސް އެ މައްސަލަ ހައްލުކުރަން އަގުތައް ކަނޑައަޅަން ނިންމީ ކަމަށް ވިދާޅުވިއެވެ.
މިއާއެކު މީގެ ކުރިން އަގު ކަނޑަނޭޅި އޮތް ސެކްޓަރ އަކަށް އަގު ކަނޑައެޅިގެން ދިޔަކަން ނިޝާން ފާހަގަ ކުރެއްވިއެވެ.
"ބައެއް ފަހަރު މީޑިއާތަކުން ފެނޭ ޓެކްސީގެ އަގުބޮޑުވެއްޖެއޭ. ހަގީގަތުގައި ޓެކްސީގެ އަގު ބޮޑުވެގެން ނޫން މިއުޅެނީ. ކުރިން އަގު ކަނޑަނޭޅި އިން ސެކްޓަރއެއް މިއީ. ކުރިން އަގު ކަނޑަނޭޅި އިނީ 7 ސީޓާއި 10 ސީޓަށް. އެއަށް އަސްލު އަގެއް މި ކަނޑައެޅުނީ. ހަގީގަތުގައި ބައެއް އެޕްތަކުގައި ބޮޑު އަގު ޖަހައިގެން މި ދުއްވާ އަގަށް އަސްލު ހެޔޮ އަގެއް ސަރުކާރުން މި ކަނޑައެޅީ." ނިޝާން ވިދާޅުވިއެވެ.
މި އަގުތަކާއި ގުޅިގެން އެޕްތަކުގައި މިހާރު ހުރި އަގުތަށް ބަދަލު ކުރުމަށް ލިއުމުން އަންގާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މިހަފްތާގައި ވަނީ 7 ސީޓާއި 10 ސީޓުގެ އުޅަނދުތަކަށް މާލެ ސަރަޙައްދުގައި ދަތުރު ކުރެވޭނެ އަގުތަށް ކަނޑައަޅާފައެވެ. މީގެ އިތުރުން ޓެކްސީ ތަކަށް ލަގެޖް އަރުވާއިރު 3 ލަގެޖަށް ވުރެ އިތުރުވާނަމަ، އިތުރުވާ ކޮންމެ ލަގެޖަކަށް އަގު ނެގޭ ގޮތް ހަދާފައިވާއިރު، މާލޭގެ ޑޮމެސްޓިކް ޓަރމިނަލަށް ދަތުރު ކުރާނަމަ އިތުރަށް ޗާޖް ކުރެވޭ ގޮތަށް ވަނީ ހަދާފައެވެ.
މިއާއެކު އެއާޕޯޓުގައި ޓެކްސީ ކިއުގައި ދިމާވާ މައްސަލަ ހައްލު ކުރުމަށް ފުލުހުންނާއި އެމްއޭސީއެލް އަދި ދަތުރުފަތުރާ ބެހޭ ވުޒާރާގެ ގުޅިގެން މަސައްކަތް ވަނީ ފަށާފައެވެ. މިމަސައްކަތާއި އެކު ރައްޔިތުންގެ ފަރާތުން އެކަމަށް ބޮޑު ތަރުހީބެއް ލިބޭ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.