ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ގަދަ ވަޔާއިއެކު ވިއްސާރަކުރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ.
އެއިދާރާއިން މިއަދު ހާމަކުރި ގޮތުގައި، ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ކުރިއަށް އޮތް 5 ދުވަހަށް ރާއްޖޭގެ ސަރަހައްދަށް ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
މިއާއެކު ވިލާގަނޑުގައި 45 މޭލާއި 50 މޭލާއި ދެމެދު ބާރުމިނުގައި ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
Southwest monsoon is likely to intensify over the Maldives in the coming days. pic.twitter.com/bcPSoDyK6f
— Maldives Meteorology (@MetMaldives) May 15, 2024
ވިއްސާރާއިގައި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެދިފައެވެ. އަދި ވިއްސާރައިގައި ލިބިދާނެ ގެއްލުމަކަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެއިދާރާއިން އިރުޝާދުދެއެވެ.
މިކަމާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން ވަނީ މޫސުމަށް ސަމާލުވުމަށާއި މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރައްކާވެ ތިބުމަށް އިރުޝާދުތަކެއް ދެއްވާފައެވެ. އެގޮތުން ވިއްސާރަވެ ފެންބޮޑުވާ ހާލަތެއްގައި ގޭގެއަށް ފެން ވަދެދާނެ ކަމަށް ބަލާ ވެލިބަސްތާ ޖެހުމާއި، ފެނުގެ އަސަރުކޮށް ގެއްލުންވާ މުދާތައް އުސްތަންތަނަށް ބަދަލު ކުރުން ހިމެނެއެވެ.
މީގެ އިތުރުން ގަދަވަޔާއެކު ފުރާޅު އެއްލާލާނެ ކަމަށް ލަފާ ކުރެވޭ ހިނދެއްގައި ފުރާޅު ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހަރުކުރުމާއި، ބޭނުން ނުކުރާ ހާލަތުގައި ކަރަންޓު ސާމާނު ނިވާލާފައި ބެހެއްޓުމަށް އެ އިދާރާއިން އިރުޝާދު ދެއެވެ.
އެންޑީއެމްއޭއިން ވަނީ މިފަދަ ކަންކަމަށް ރަށު ފެންވަރުގައި ސަމާލުވެ ރައްޔިތުން ހޭލުންތެރިވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.