ޚަބަރު

އައިވީއެފް ފަރުވާއަށް ދައުލަތުގެ އެހީއަށް އެދުމަށް އިތުރު މުއްދަތެއް


  • އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަރޗުމަހުގެ 15ވަނަ ދުވަހު

  • މުއްދަތު އަންނަ ޖުލައިމަހުގެ 31 ވަނަ ދުވަހުގެ ނިލަޔަށް ވަނީ އިތުރުކޮށްފަ

  • ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސައިދެވޭނެ

"އައި.ވީ.އެފް" ފަރުވާގެ ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ. އައި.ވީ.އެފްއަކީ ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާއެކެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން އައިވީއެފްއާއި އައިޔޫއައިއަށް ދައުލަތުގެ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަރޗުމަހުގެ 15ވަނަ ދުވަހުއެވެ. އޭރު ހުޅުވާލި ފުރުސަތުގެ މުއްދަތު މިއަދަށް ހަމަވާއިރު، ސަރުކާރުން މިވަނީ ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ ޖުލައިމަހުގެ 31ވަނަ ދުވަހުގެ ނިލަޔަށް އިތުރުކޮށްފައެވެ.

އެންސްޕާއިން ވިދާޅުވީ 15 މޭ ގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް، ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައި.ޔޫ.އައި" އަދި "އައި.ވީ.އެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް މި އުސޫލުގައި ބަޔާންކުރެވިފައިވާގޮތަށް އެހީ ހަމަޖައްސާދެވޭނެކަމަށެވެ.

"އައި.ވީ.އެފް" ފަރުވާއަށް ޚަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެންސްޕާ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި، ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެއެވެ. ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ޤާއިމްކުރެވިފައިވާ އެންސްޕާގެ ކައުންޓަރުތަކަށެވެ.

އައިވީއެފްއާއި އައިޔޫއައިގެ ޚިދުމަތް އާސަންދައިގެ ދަށުން ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މި ޚިދުމަތް ދިނުމާ ބެހޭ އުޞޫލެއް އެކުލަވާލައި މިދިޔަ ފެބްރުއަރީ މަހު ވަނީ ޢާންމުކޮށްފައެވެ.

އެންސްޕާއިން ބުނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދިނުމަށް ހަމަޖެހިފައިވަނީ އެންމެ މަތިން ޕޮއިންޓް ލިބޭ 100 ދެމަފިރިންނަށް ކަމަށެވެ. އަދި އައިވީއެފްގެ ޚިދުމަތް ރާއްޖޭގައި ފޯރުކޮށްދޭ މަރުކަޒުތަކާއި ރާއްޖެއިން ބޭރުން ޚިދުމަތް ފޯރުކޮށްދިނުމަށް އެމްޕެނަލްކުރެވޭ މަރުކަޒުތައް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް އެންސްޕާއިން ބުނެއެވެ.

އައިޔޫއައިގެ ޚިދުމަތް ފޯރުކޮށްދޭނީ އާސަންދަ ސްކީމްގެ ދަށުން ޚިދުމަތް ދިނުމަށް އެމްޕެނަލްކުރެވޭ ރާއްޖޭގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތައް މެދުވެރިކޮށެވެ.