އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއާއި ނައިބު ރައީސް އަޙްމަދު ސަލީމްއާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ނިމުމަކަށް އައުމާއި ގުޅިގެން ބޭއްވި ބައްދަލުވުމެކެވެ. މިގޮތުން އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުގެ މި ދައުރުގައި މަސައްކަތްތައް ކުރިއަށް ގޮސްފައިވާ ގޮތާ ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ވަނީ މަޖިލިސް ރައީސާއި މަޖިލީހުގެ ނައިބު ރައީސްއާ މަޝްވަރާކުރައްވާފައެވެ.
އެގޮތުން އެމްޑީޕީ އިސްނެގުމާއެކު މަޖިލީހުން ފާސްކޮށްފައިވާ ބައެއް ބިލްތައް އެޕާޓީން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، ފުލުހުންގެ ޚިދުމަތުގެ ބިލާއި، ޤާނޫނީ ފަންނުގެ ބިލާއި، ފޮރިން ސާވިސް ބިލް އަދި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު އެޕާޓީން ފާހަގަކުރެއެވެ.
މެޖޯރިޓީ ޕާޓީގެ ގޮތުގައި އެމް.ޑީ.ޕީ އޮވެ، ޕާޓީ ނިސްބަތްވާ ރިޔާސަތުން މަޖިލީހުގެ މައިނޯރިޓީއަށް އިހްތިރާމްކުރެއްވުމުގައި ނަމޫނާ ދެއްކި ކަމަށް އެމްޑީޕީން ބުނެއެވެ. މީގެ އިތުރުން، 19 ވަނަ މަޖިލީހުގައި އެމް.ޑީ.ޕީ ގެ ޕާލަމެންޓްރީ ގްރޫޕުން ކުރެއްވި ބުރަ މަސައްކަތްތަކަށް އެމް.ޑީ.ޕީގެ ރައީސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެމްޑީޕީން ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން އެ ޕާޓީން ފާހަގަ ކުރާއިރު، ސަރުކާރަށް ތާއިދު ކުރައްވާ ފަރާތްތަކުން ވަނީ މަޖިލީހުގައި މުހިންމު ބިލްތަކެއް މަޑުޖައްސާލައްވާފައިވާ ކަން ފާހަގަކޮށްފައެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް އެކަށީގެންވާ މަސައްކަތެއް އެމްޑީޕީން ނުކުރައްވާ ކަމަށް ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
ވެރިކަން ބަދަލުވުމަށް ފަހު އަދުގެ ސަރުކާރުން ހުށަހެޅި މުހިންމު ބިލްތައްވެސް މަޤުބޫލު އުޒުރެއް ނެތި މަޖިލީހުން ބޭރު ކުރަމުންދިޔަ ކަން ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.