ޚަބަރު

އެސްއެމްއީތަކަށް އެހީވުމާއިގުޅޭ ފަހުމުނާމާއެއްގައި ބީސީސީން ވިލާ ކޮލެޖާއެކު ސޮއިކޮށްފި


  • ފަހުމުނާމާގެ ދަށުން އެސްއެމްއީތަކަށް ބީސީސީން ފޯރުކޮށްދޭ ޚިދުމަތުގައި ވިލާ ކޮލެޖުން އެހީވެދޭނެ

  • ފަހުމުނާމާގެ ދަށުން ވިޔަފާރިއާއި ގުޅުންހުރި ދިރާސާތައް ހެދުމުގައި ވިލާ ކޮލެޖުން އެހީވެދޭނެ

  • ދަރިވަރުންނަށް ވިޔަފާރީގެ ހުނަރު ދަސްކޮށްދިނުމުގައި އެއްބާރުލުން ދިނުމަށް ފަހުމުނާމާގައި ހިމެނިފައިވޭ

ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބޭނުންވާ އެހީތެރިކަން ދިނުމާއި، ވިޔަފާރިއާއި ގުޅުންހުރި އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކުރުމާއި ގުޅޭ ފަހުމުނާމާއެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި، ބީސީސީން އާ ވިލާ ކޮލެޖުން ސޮއިކޮށްފިއެވެ.

ވިލާކޮލެޖުގައި ބޭއްވި ރަސްމިއްޔާއެއްގައި މި ފަހުމުނާގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ، އެ ކޯޕަރޭޝަނުގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ސާމިހް އާދަމްއެވެ. އަދި ވިލާ ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ، ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބެވެ.

މި ފަހުމުނާގެ ދަށުން ދެފަރާތުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި، ދަރިވަރުންނަށް ވިޔަފާރިޔާ ގުޅުންހުރި ހުނަރުތައް ދަސްކޮށްދިނުމާއި، ބީސީސީން ފަންނީގޮތުން ވިޔަފާރިތަކަށް ފޮރުކޮށްދޭ އެކި ޚިދުމަތްތަކުގައި ވިލާކޮލެޖުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީސީސީން ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ކުރުމާއި ވިޔަފާރިއާ ގުޅުންހުރި ބައެއް ރިސާޗްތައް ހެދުމުގައިވެސް ދެ މުވައްސަސާ ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މީގެ އިތުރުން މުޖުތަމައުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި ގުޅިގެން ހޭލުންތެރިކަމުގެ އެކި ޕްރޮގްރާމްތަކާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއާ ގުޅުންހުރި އެކި ކަންކަމުގައި ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިއާއެކު ކިޔަވާ ދަރިވަރުން ބޭނުންވާ އެކި މަޢުލޫމާތު އެއްކުރުމުގައި ދެ މުއައްސަސާގެ ތަޖުރިބާއާއި ވަސީލަތްތައް ހިއްސާކުރުމަށް މި ފަހުމުނާމާގެ ތެރެއިން ވަނީ އެއްބަސްވެފައެވެ.

މި ފަހުމުނާމާ އަކީ ކުދި ވިޔަފާރިތައް ތަރައްޤީކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީސީސީން ކުރަމުންދާ މަސައްކަތައް ލިބިގެންދިޔަ ކުރިއެރުމެއްކަމަށް ބީސީސީން ވިދާޅުވެއެވެ. އަދި މިއީ ހުރިހާ ފަރާތެއް ޝާމިލްވާ ވިޔަފާރީގެ މާހައުލެއް ޤާއިމް ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތް އިތުރަށް ފުރިހަމަވުމަށް މަގުފަހިވާކަމެއްކަން ބީސީސީން ފާހަގަކުރެއެވެ.