ޚަބަރު

ފުރަތަމަ 3 މަހު އާސަންދަ ސްކީމުން 838 މިލިއަން ރުފިޔާ ޚަރަދުކޮށްފި


  • މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޚަރަދު 4.8 އިންސައްތަ އިތުރު

  • ފުރަތަމަ 3 މަހު 27،6439 މީހުން ޚިދުމަތް ހޯދި

  • 1599 ފަހަރަށް އިމަރޖެންސީ ހާލަތުގައި ބަލި މީހުން ގެންގޮސްފައިވޭ

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އާސަންދަ ކޮމްޕެނީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ޖުމްލަ 838 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މިއީ ނިމުނު 2023 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 4.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން ޚަރަދު ކޮށްފައިވަނީ 799 މިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އާސަންދައިން މައުލޫމާތު ދިންގޮތުގައި މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު އާސަންދަ ސްކީމުގެ ދަށުން ޚިދުމަތް ހޯދި މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު 276439 މީހުން ޚިދުމަތް ހޯދާފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޚިދުމަތް ހޯދާފައިވަނީ 273434 މީހުންނެވެ.

އާސަންދަ ސްކީމުގެ ދަށުން އަވަސް ފަރުވާ ދިނުމަށް އެއް ރަށުން އަނެއް ރަށަށް ގެންދިއުމަށް ވެސް ޚަރަދު ކުރެއެވެ. އެގޮތުން، މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ ސްކީމުގެ ދަށުން 1599 ފަހަރަށް އިމަރޖެންސީ ހާލަތުގައި ބަލި މީހުން އެއް ރަށުން އަނެއް ރަށަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ފަރުވާއަށް ރާއްޖެއިން ބޭރަށް މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި 1691 މީހަކު އާސަންދަ ސްކީމުގެ ދަށުން ފޮނުވާފައިވާ ކަމަށް ވެސް އާސަންދައިގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އާސަންދަ ސްކީމް ހަރުދަނާކޮށް އިތުރު ޚިދުމަތްތައް ވެސް އެ ސްކީމުގެ ދަށުން ލިބޭ ގޮތްތައް ހެދުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން، އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭގޮތް ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.

ސިއްޙީ ޚިދުމަތްތަކުގެ އަގުބޮޑުވުމުގެ ސަބަބުން އާސަންދައިން ކުރަންޖެހޭ ހޭދަވެސް އިތުރުވެއެވެ. އެހެންވެ، ރާއްޖެއާއި ރާއްޖޭން ބޭރުގައި ދެވޭ ސިއްޙީ ޚިދުމަތުގެ އަގު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައިމިނަތު ޒީނިޔާ ވަނީ ވިދާޅުވެފައެވެ.