މިއަދަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ މަންމައިންގެ ދުވަހެއެވެ. ކޮންމެ އަހަރެއްގެ މޭމަހުގެ ދެވަނައަށް އަންނަ އާދިއްތަ ދުވަސް ފާހަގަކުރަމުން އަންނަނީ ބައިނަލްއަޤުވާމީ މަންމައިންގެ ދުވަހުގެ ގޮތުގައެވެ.
މަންމައިންނާއި އެންމެ އެކަށޭނަ ޅެންބައިތަކާއި އެކު ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ އެމަނިކުފާނުގެ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.
މަންމައިންގެ ދުވަހާއި ގުޅިގެން ގިނަ ޝުޢޫރުތަކެއް ފާލުކުރަމުން ދާ ދަނޑިވަޅެއްގައި، ބުރަކޮށް މަސައްކަތްކޮށްގެން ދަރިންގެ ކަންކަން ހަމަޖައްސާ އެތައް ޤުރުބާނީއެއް ވަމުންދާ މައިންނާއި އަދި ގޭގައި ދަރިންގެ ކަންކަމަށް ހުސްވެގެން ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ މަންމައިންގެ އަގުވަޒަންކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެކެވެ.
— Dr Mohamed Muizzu (@MMuizzu) May 12, 2024
މަންމައިންގެ ދުވަސް ފާހަގަކުރުމަށް ތަހުނިޔާގެ މެސެޖުތަކާއި ސެލްފީތަކާއި މާބޮޑިތަކާއި ކާޑުތާއި ހަދިޔާތަކުގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ފުރާލިއަސް އަދި މައިންގެ އަގު އެންމެ ފުރިހަމަގޮތުގައި ވަޒަން ނުކުރެވޭނެއެވެ.
މައިންގެ މަސްއޫލިއްޔަތާއި ކުރާ މަސައްކަތާއި ޤުރުބާނީ ތަކަކީ، އަގު ނުކުރެވޭ ފަދަކަންކަމެވެ. މިފަދަ ދުވަހެއްގައި މައިންނަށް ހުރި ގޮންޖެހުންތައް ފާހަގަކޮށްލުމަކީ ވެސް މުހިންމުކަމެކެވެ.
އެހެން މީހުންގެ ފާޑުކިޔުންތައް އަމާޒުވުމާއި، ދަރިން ގެންގުޅޭގޮތާމެދު ކަމާއި ނުބެހޭ މީހުން ފާޑުކިއުމާއި، ދަރިން ބެލުމުގައި އެހެން މީހުން ނުފޫޒު ފޯރުވުމަކީ މިހާރު ގިނަ މައިންނަށް ކުރިމަތިފެވައިވާ ގޮންޖެހުންތަކެއްކަމަށް މަންމައިންގެ ގުރޫޕްތަކުގައި ވާހަކަދައްކާ ޒުވާން މަންމައިން ބުނެއެވެ.
މާބަނޑުވުމާއި ވިހެއުމާއި ގުޅިގެން ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ބަސްބަސް ބުނުމާއި ކުޑަ ދަރިފުޅުގެ ހެދިބޮވުމާއި މެދު އެކިކަހަލަ ބަސްތައް އަމާޒު ކުރުމަކީ މައިންނަށް ނުތަނަވަސްކަން ގެނުވައިދޭކަމެކެވެ. އޭގެ ސަބަބުން އެމައިންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަކުރުވައެވެ.
އެކަނި ވެރި މަންމައިނަށް ދިމާވަނީ އަދި މާ ބޮޑެތި ގޮންޖެހުންތަކެވެ. ގިނަ މަންމައިން ބުނާ ގޮތުގައި މި މުޖުތަމައުގައި ޙާއްސަކޮށް ވެރިރަށް މާލޭގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަމަޖެހިގެން ކުދިން ގޮވައިގެން ދިރިއުޅުވޭނެ ބޯހިޔާވަހިކަމުގެ މަގުތަނަވަސްވެފައި ނެތުމެވެ.
މީގެ އިތުރުން ގިނަފަހަރު ދަރިން ބަލަމުން، ވަޒީފާ އަދާކުރަމުން ނުވަތަ އާމްދަނީ ހޯދަން މަސައްކަތް ކުރަމުން، އަދި މުޖުތަމައުގެ ފާޑުކިޔުންތަކުން ސަލާމަތްވާން މަސައްކަތް ކުރުމަކީ، އެކަނިވެރި މައިންނަށް ހުރި ވަރަށް ބޮޑެތި ގޮންޖެހުން ތަކެކެވެ.
ގިނަފަހަރު ކުދިންގެ ޚަރަދުތައް އެކަނި ބަލަން ޖެހިފައިވާއިރު، ވަކިވުމަށްފަހު ވަރަށް ގިނަ ބައްޕައިން ކުދިންނަށް ޚަރަދު ނުދިނުމާއި އަޅާލުން ކުޑަވުމަކީ މަންމައިންނަށް އޭގެ ބުރަ އުފުލަން ޖެހިފައިވާކަމެކެވެ. އެފަދަ މައިންގެ ހިތްވަރަށް ސާބަސް ދޭންޖެހެއެވެ.
އެކަނިވެރި މައިންގެ އިތުރުން އުމުރުން ދުވަސްވީ މަންމައިންނަކީ އަދި ތަފާތު ގޮންޖެހުންތަކަކާއި ކުރިމަތިލާ ބައެކެވެ. ގައިބާރުދެރަވެ ބަލިވެފައިވާ އުމުރުގައިވެސް، މާމަ ދަރިން ބަލަނީ، އެމަންމައިންގެ މައިވަންތަ ކުލުނާއި ދަރިންގެ ކުރިއެރުމަށް އެދޭ މިންވަރުގެ ސަބަބުން އެއްވެސް ޝަކުވާއެއްނެތި، ކުރާ ހިތުން ކުރާކަމެއްގެ ގޮތުގައެވެ. ނަމަވެސް އެކަމުގެ ސަބަބުން އެމަންމައިންގެ ސިއްޙަތަށް އަސަރުކުރާނެކަން ދަރިން ވިސްނަންޖެހެއެވެ.
ދޮށީއުމުރުގެ މަންމައިންނަށް ކުރިމަތިވާ އަނެއް ތަކުލީފަކީ ދަރިންނާއި މެދު އޮންނަ ދުރުކަމެވެ. ބުރަކޮށް އުޅޭ ދަރިން، ލޮލަށް ނުފެނި އުޅެން ޖެހުމާއި، ވާހަކަ ދައްކާލާ، ލޯބިން އެކުގައި ވަގުތު ހޭދަކޮށްލަން ނުލިބުމަކީ އެފަދަ މައިންގެ އުދާހެކެވެ. މައިންނަކީ ދަރިންދެކެ އިންތިހާއަށް ލޯބިވާ ބަޔަކަށްވާއިރު އެކުދިން ބޮޑެތި ވިޔަސް އެކުދިންގެ ލޯތްބާ އަޅާލުމާ، ގާތްކަން ބޭނުންވާ ބައެކެވެ.
މަންމައިންގެ އުދާސްތަކާ ޝަކުވާތަކުގެ ވާހަކަ ދައްކާ ދައްކާ ކޮޅުން ނުލާނެއެވެ. މިއަދު އެކިގޮތަގޮތުން މަންމައިންގެ ދުވަސް ފާހަގަކުރާއިރު މަންމައިންގެ ދުވަހަކީ ވަކި ދުވަހެއްގައި ފާހަގަކުރަން އޮތް ދުވަހެއް ނޫނެވެ. އެހެންނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރަނީ މަންމައިންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. މިފަދަ ދުވަހަކު މައިންގެ ހިތްވަރަށް އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހެއެވެ.
އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް މަންމައިންގެ ދަރަޖަ އަކީ މަތިވެރިވެގެންވާ ދަރަޖައަކަށް ވީއިރު، މަންމައިންގެ ހިތުގެ ޝުޢޫރުތައް އަޑުއަހާ ހިތްވަރުދޭ ބަޔަކަށް ކޮންމެ ދަރިއަކުވެސް ވާންޖެހެއެވެ. މައިންނަށް، ނަފްސާނީ އަދި ޖިސްމާނީ ދުޅަޖެހެޔޮ ދިރިއުޅުމެއް އުޅެވޭ އާމާން ވެއްޓެއް ހޯދައިދޭ ބަޔަކު ކަމުގައި ކޮންމެ ފަރުދަކުވެސް ވާންޖެހެއެވެ.