ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަރުހުން ޚިދުމަތުގެ އެންމެ ކުރީ ސަފުގައިތިބެ އަދާކުރަނީ ޤައުމީ ވާޖިބެއްކަމަށެވެ. އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއްގެގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
— Dr Mohamed Muizzu (@MMuizzu) May 12, 2024
ކޮންމެ އަހަރެއްގެ މޭ މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ނަރުހުންގެ ދުވަހުގެ ގޮތުގައެވެ. މިފަދަ ދުވަހެއް ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ އިންސާނިއްޔަތަށްޓަކާ ނަރުހުން ވަމުންދާ ޤުރުބާނީއާއި އެމީހުންގެ ޚިދުމަތް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އަގުވަޒަންކުރުމެވެ.
މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެގޮތުގައި އިންޓަރނޭޝަނަލް ކައުންސިލް އޮފް ނަރސަސްއިން ކަނޑައަޅާފައިވަނީ "އަވަރ ނަރސަސް، އަވަރ ފިއުޗަރ. ދަ އިކޮނޮމިކް ޕަވަރ އޮފް ކެއަރ" އެވެ. މިއީ ޞިއްޙީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާމެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.