ޚަބަރު

އަހަރަމެންގެ މަދަދުވެރިންގެ ގޮތުގައި ނަރުހުން ކޮށްދެނީ ޤައުމީ ޚިދުމަތެއް


  • ލޯތްބާއި ކުލުނާއެކު ނަރުހުން އެ ދައްކަނީ އިންސާނިއްޔަތުކަމުގެ ނަމޫނާއެއް

  • ނަރުހުންގެ ޚިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަންޖެހޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނަރުހުންގެ ދުވަސް ކޮންމެ އަހަރެއްގެ މޭމަހުގެ 12 ވަނަ ދުވަހު ފާހަގަކުރަމުން އަންނަނީ ނަރުހުން ކުރަމުން އަންނަ ބުރަ މަސައްކަތް ފާހަގަކޮށް ނަރުހުންނަށް ދިމާވާ ގޮންޖެހުންތައް ހުރިހާ ލެވެލްއެއްގައިވެސް ދެނެގަނެވި އެކަމަށް ޙައްލު ހޯދުމުގެ މަޤްޞަދުގައެވެ.

މި ދުވަސް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނައިރު މިއަހަރު އިންޓަރނޭޝަނަލް ކައުންސިލް އޮފް ނާރސް އިން ކަނޑައަޅާފައިވާ ޝިއާރަކީ "އަވަރ ނާރސަސް. އަވަރ ފިއުޗަރ. ދަ އިކޮނަމިކް ޕަވަރ އޮފް ކެއަރ" އެވެ.

ހޮސްޕިޓަލުގައި ނުވަތަ ސިއްޙީ މަރުކަޒުގައި ބައްޔެއްވެގެން އެޑްމިޓުކުރާ ހިސާބުން އެންމެ ފުރަތަމަ އެހީތެރިކަމާއި އޯގާތެރިކަން ލިބިގެންދަނީ ނަރުހުންގެ ފަރާތުންނެވެ. ބަލިމީހާއާއި އާއިލީގޮތުން ގުޅުމެއް ނެތް ނަމަވެސް ނަރުހުން ވަރުބަލިކަމެއްނެތި ފޯރުކޮށްދޭ ޚިދުމަތަކީ އަޅާލުމާއި ލޯތްބާއި ކުލުނު ފެނިގެންދާ ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ.

އަމިއްލަ ދިރިއުޅުމުގައި ކުރިމަތިވާ އެކި އިހްސާސްތައް އެއްފަރާތްކުރުމަށްފަހު ނަރުހުން ހިނިތުންވުމާއެކު ދޭ ޚިދުމަތްތަކަކީ އަގުވަޒަންކުރަންޖެހޭ ޚިދުމަތެކެވެ.

ބައެއް ފަރާތްތަކަށް ޤަބޫލުކުރެވިފައި އޮންނަނީ ނަރުހުންގެ ދައުރަކީ ހަމައެކަނި ޑޮކްޓަރުން އަންގާ ކަންކަން ކޮށްލުންކަމަށެވެ. މިއީ ކުށް ހީއެކެވެ.

ނަރުހުންގެ ދައުރަކީ މިއަށްވުރެ މާ ފުޅާ ދައުރެވެ. ވަކި ޕްރޮފެޝަންއެކެވެ. ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ޑޮކްޓަރު ދޭ އިރުޝާދަށް ޢަމަލުކުރޭތޯ ބެލުމާއި، ބަލިމީހާގެ ޙާލަތު ޤަވާޢިދުން ބަލަހައްޓަނީ ނަރުހުންނެވެ. ކަމެއް ބޮޑުވެއްޖެނަމަ އެންމެ ކައިރިން ގޮވާލާ ހިސާބުގައި ހުންނަ މީހަކީ ނަރުހެވެ. ހޮސްޕިޓަލްގައި އޮންނައިރު ބަލިމީހާގެ ބެލެނިވެރިއަކީވެސް ނަރުހެވެ.

ޢާއިލާއާ ދުރުގައި އެތަށް ގަޑިއިރަކު ނަރުހުން މަސައްކަތްކުރަނީ އެހެން އާއިލާއެއްގެ ކޮންމެވެސް މީހެއްގެ ޚިދުމަތުގައެވެ. އެތަށްވަގުތެއް ގެއަށް ނުދެވި ހޭދަކުރަނީ ބަލިމީހާގެ ޚިދުމަތުގައެވެ. ދުވަހަކުވެސް ލޮލަށް ނުފެންނަ، ނުދަންނަ އެތަށް ބައެއްގެ މަދަދުވެރިއާއަކީ މިނަރުހުންނެވެ.

ރާއްޖޭގެ ނަރުހުންނަށް ބަލާއިރު ޒަމާނުއްސުރެ މިދާއިރާގައި ޙަރަކާތްތެރިވަނީ އަންހެނުންނެވެ. މިހާރުވެސް ނިސްބަތުން ރާއްޖޭގައި ގިނައީ އަންހެން ނަރުހުންނެވެ. އެހެންނަމަވެސް މިހާރު މަދުމަދުން މިދާއިރާއަށް ފިރިހެނުން ވަންނަމުންދާކަން ފާހަގަކުރެވެއެވެ.

ނަރުހުން ކުރިއަރައިދިޔުމަކީ ސިއްޙީ ނިޒާމަށް އޭގެ ހެޔޮބަދަލު އަންނާނެކަމެކެވެ. ޚާއްސަގޮތެއްގައި ބޭރު ނަރުހުންގެ ބަދަލުގައި އެ މަޤާމުތައް ދިވެހިން އަދާކުރުމުގެ ފުރުޞަތު ލިބުމަކީ ޤައުމުން ބޭރަށްދާ އެތަކެއް ފައިސާވެސް ހުއްޓޭނެކަމެކެވެ. ކިޔަވައިގެން ތިބި ގިނަ ދަރިންތަކަކަށް ލިބޭނެ ފުރުޞަތެކެވެ.

ނަރުހުންގެ ފެންވަރު ބެލުމަށް ޚާއްސަ އިމްތިޙާނުތަކެއް ހަދަމުން އަންނައިރު މީގެ ސަބަބުން ނަރުހުންގެ ޤާބިލުކަން ވަޒަންކުރެވި އިތުރަށް ބޭނުންވާ ތަމްރީނުތައް ފޯރުކޮށްދިނުމުގެ ފުރުޞަތު އެބަލިބެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރިސޓީގައި އިތުރަށް ކިޔެވުމުގެ ފުރުޞަތު ލިބޭިއރު ސްކޮލަރޝިޕްތައް ހޯދައިގެން ރާއްޖެއިން ބޭރަށް ކިޔަވަން ދިޔުމުގެ ފުރުޞަތުވެސް އެބަލިބެއެވެ.