މިއަހަރުގެ މިހާތަނަށް ދައުލަތަށް 11 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެއްކަމަށް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަކީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 3.7 އިންސައްތަ އިތުރު އަދަދެކެވެ.
މާލީ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައިވާގޮތުން މި ނިމުނު އޭޕްރީލްމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 11.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބުނު 10.7 ބިލިއަން ރުފިޔާގެ އާމްދަނީއާ އަޅާބަލާއިރު 3.7 އިންސައްތައިގެ އިތުރުވުމެކެވެ.
މާލީ ވުޒާރާގެ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި ލިބިފައިވާ ޢަދަދުގެ ތެރޭގައި ހިމެނެނީ ޓެކްސް އާމްދަނީގެ ގޮތުގައި ލިބިފައިވާ 9.2 ބިލިއަން ރުފިޔާއާއި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބިފައިވާ 1.8 ބިލިއަން ރުފިޔާއާއި އެހީގެ ގޮތުގައި ލިބުނު 51.6 މިލިއަން ރުފިޔާއެވެ.
ޓެކްސް ޢާމްދަނީގެ ތެރޭގައި ހިމެނެނީ މައިގަނޑު ގޮތެއްގައި އިމްޕޯޓު ޑިއުޓީއާއި ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީއާއި ގުޑްސް އެންޑް ސަރވިސް ޓެކްސް، ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީއެވެ.
• އިމްޕޯޓް ޑިއުޓީން 700 މިލިއަން ރުފިޔާ
• ބީޕީޓީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ
• ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ
• ގްރީން ޓެކްސްގެ ގޮތުގައި 374.8 މިލިއަން ރުފިޔާ
• އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 348.5 މިލިއަން ރުފިޔާ
ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ދައުލަތުގެ ޚަރަދުތައް ހުރީ 12.6 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޙަރަދުވެފައިވާ 15.8 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު ކުޑަވުމެއްކަން ފާހަގަކުރެވެއެވެ.
ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދަށް ހިނގި 9.7 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދަށް ހިނގި 2.8 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިމެނެނީ މުސާރައާއި އިނާޔަތަށް ޚަރަދުކޮށްފައިވާ 3.2 ބިލިއަން ރުފިޔާއާއި އިދާރީ ހިންގުމަށް ހިނގާފައިވާ 6.3 ބިލިއަން ރުފިޔާއެވެ. ކެޕިޓަލް ޚަރަދުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް ހިނގާފައިވާ ޚަރަދެވެ.