ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށޭނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރައްވާފައިވަނީ ޒިކުރާ މިސްކިތުގެ އައު އިމާރާތުގެ ކުރެހުން އާންމު ކުރެއްވުމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ޒިކުރާ މިސްކިތަކީ އަމިއްލަ ފަރާތެއްގެ އެހީގައި 3 ބުރިއަށް އިމާރާތް ކުރެވޭ މިސްކިތެއް ކަމަށެވެ. އަދި މި މިސްކިތުގެ ޢަމަލީ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މާލޭ ގެ ޒިކުރާ މިސްކިތް އަލަށް އިމާރާތްކޮށް ނިމޭ އިރު ހުންނާނެ ގޮތް. މިއީ އަމިއްލަ ފަރާތެއްގެ އެހީގައި ތިން ބުރިއަށް ޢިމާރާތްކުރެވޭ މިސްކިތެކެވެ. މިސްކިތުގެ އަމަލީ މަސައްކަތް މިއަހަރުތެރޭ އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. pic.twitter.com/v0VsMyXV3G
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 9, 2024
ޒިކުރާ މިސްކިތް އެޅުމަށް ހަވާލުކޮށްފައިވަނީ އެސްޖޭ ކުންފުންޏާއެވެ. މި މިސްކިތުގެ މަސައްކަތް ފުރަތަމަ 2018 ވަނަ އަހަރު ޖުލައި މަހު އެސްޖޭ ކުންފުންޏާއި ހަވާލު ކުރެވުނީ 10 ބުރީގެ އިމާރާތެއް އެޅުމަށެވެ.
އެ މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ އެއްބަސްވުން ބާތިލް ކުރުމުން ކޯޓަށް އެސްޖޭއިން މައްސަލަ އޭރު ވެއްދިއެވެ. ނަމަވެސް ސިވިލް ކޯޓުން މައްސަލަ ސަރުކާރާއި އެއްކޮޅަށް 2021 ވަނަ އަހަރު ޖެނުއަރީގައި ނިންމިއެވެ. އަދި ސަރުކާރުން އެސްޖޭއާއި ދެކޮޅަށް އެ އެއްބަސްވުމުގެ ދަށުން 30 މިލިއަން ހޯދުމަށް ކޯޓަށް މައްސަލަ ވެއްދިއެވެ.
އޭޖީގެ ލަފާގެ މަތިން ފަހުން އެ މައްސަލަ ކޯޓުން ބޭރުގައި ނިންމީ އޭގެ ބަދަލުގައި އެސްޖޭއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3000 މީހުންގެ މިސްކިތެއް އަޅާށެވެ.
އޭގެ ފަހުން ސަރުކާރުން އަނެއްކާވެސް ޒިކުރާ މިސްކިތް ހުރި ބިމުގައި 3 ބުރީގެ މިސްކިތެއް އެޅުމަށް އެސްޖޭއާއެކު އެއްބަސްވުމެއްގައި މިއަހަރު ޖެނުއަރީ މަހު ސޮއިކުރިއެވެ. އަދި ފަހުން އެކުންފުންޏާއެކު މި މަޝްރޫޢު ކުރިއަށްގެންދަން އެއްބަސްވީ އެސްޖޭގެ ސޯޝަލް ސަރވިސް އިނީޝިއޭޓިވްގެ ދަށުން އެ މަޝްރޫއަށް ޚަރަދު ކުރާ ގޮތަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.