ޚަބަރު

ވަޒީރު މޫސާ ޒަމީރުގެ ފުރަތަމަ ބައިލެޓްރަލް ދަތުރުފުޅު އަވައްޓެރި އިންޑިއާއަށް


  • މިއީ 3 ދުވަހުގެ ދަތުރުފުޅެއް

  • އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާއި ބައްދަލުކުރައްވާނެ

  • ދެ ޤައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރައްވާނެ

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގެންފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅަކީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަޒީރުކަމާ ހަވާލުވެވަޑާއިގެންނެވުމަށްފަހު ބޭރުގެ ޤައުމަކަށް ރަސްމީ ގޮތުން ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މިދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު މީގެ ކުޑައިރުކޮޅެއްކުރިން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވަޑައިގެންނެވުމުން އިންދިރާ ގާނދީ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގަރުވާލްއާއި އެމިނިސްޓްރީގެ އިސްބައެއް ބޭފުޅުންނެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޚާރިޖީ ވަޒީރު ވިދާޅުވީ މިއީ އަވައްޓެރި އިންޑިއާ ރާއްޖެއާ ދެމެދުއޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ފަސޭހަ ގޮތްތައް ފަހިކުރުމަށް މަޝްވަރާކުރެއްވުމުގެ މަގުޞަދުގައި ކުރައްވާ ދަތުރުފުޅެއްކަމަށެވެ.

ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް އަވަސްކުރުމަށް މިދަތުރުފުޅުގެ ތެރެއިން މަޝްވަރާ ކުރައްވާނެކަމަށެވެ.

"އެނގިވަޑައިގަންނަވާނެ އިންޑިއާގެ ހިލޭ އެހީއާ ލޯނު އެހީގެ ދަށުން ވަރަށް ގިނަ މަޝްރޫއުތަކެއް ރާއްޖޭގައި މިހާރުވެސް ކުރިއަށްއެބަދޭ. ރައީސް ޑރ. މުޢިއްޒުގެ މަޝްވަރާގެ މަތިން އެމަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް އޭގެ ލާބައާ މަންފާލިބޭނެ ގޮތެއް ހެދުމައްޓަކައި މަޝްވަރާކުރުން އެއީ މިދަތުރުގެ މަޤްޞަދަކީ." ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަތައް ކުރިއަށްގެންދިއުމަށް ބާއްވާ ބައިލެޓްރަލް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މިދަތުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.