ޚަބަރު

ރައީސް ދެއްކެވި ރީތި ނަމޫނާއަށް އެތައް ބައެއްގެ ތައުރީފު


  • ރައީސްގެ ނަސޭހަތްޕުޅު ގިނަ ބަޔަކު ސިފަކުރީ ޤައުމުގެ ވެރިއަކު ރައްޔިތުންނަށް ދައްކަވާނެ ރީތި ނަމޫނާއެއްގެ ގޮތުގައި

  • މިއީ ހެޔޮ ވެރިކަމެއް ހިންގަވާނެކަމުގެ ހެޔޮ ނިޝާނެއް ކަމަށް ގިނަ މީހުން ބުނޭ

  • އެކި ފިކުރުގެ މީހުން ވަނީ ރައީސަށް ތައުރީފުކޮށްފައި

މީހަކަށް ކުށެއް ކުރެވުމުން އެ މީހާގެ އެ ކުށުގެ ވާހަކަތައް ދައްކައި އެ މީހާ ފަޟީހަތްވާގޮތަށް ވީޑިއޯތައް އާންމުކުރުމަކީ ސޯޝަލްމީޑިއާގައި މިހާރު އާއްމުކަމެކެވެ. އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް ކާކުކަން ނޭނގޭ ގޮތަށާއި އަދި ކާކުކަން އެނގޭގޮތަށްވެސް މީހުންނަށް ކުރެވޭ ކުށްތަކުގެ ވާހަކަތައް ދައްކައި ފަޟީހަތް ކުރުމުގެ އަމަލުތައް ހިންގައެވެ.

މީހުން ފަޟީހަތްކުރުމަށް ހިންގާ އަމަލުތައް ގިނަވެފައިވާ ދަނޑިވަޅެއްގައި، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މިފަދަ އަމަލުތައް ކުށްވެރިކުރައްވައި، އެކަންކަން ނުކުރުމަށް ގޮވާލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކަށެވެ. އެތައް ބައެއްގެ ތައުރީފް ލިބިގެންދިޔަ އެ ޕޯސްޓް ސިޔާސީ އެކި ފިކުރުގެ މީހުންވެސް ސިފަކުރެއްވީ އެއީ ޤައުމުގެ ވެރިއަކު ރައްޔިތުންނަށް ދައްކަވާ ރީތި ނަމޫނާއެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެސް މަގުސަދެއްގައި ވީޑިއޯކޮށް އާންމުންގެ ތެރޭގައި އެ މީހާ ފަޟީހަތްކުރުމަކީ އަޚްލާގީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި ކުށެއް ކުރި މީހަކަމާމެދު ކަންކުރާނެ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި ފިޔަވަޅު އެޅުމަށް މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމުވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިޖުތިމާޢީ ގޮތުންނާއި ދީނީގޮތުން އޮންނަ ރީތި މިންގަނޑުތައް ދޫކޮށް، ޤާނޫނީ ވެރިކަން އަތްމައްޗަށް ނެގުމުގެ މިފަދަ އަމަލުތަކުގެ ސަބަބުން ބަދަލު ހިފުމުގެ ރޫހު މުޖުތަމައުން ނައްތާލުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކޮންމެ ރައްޔިތަކު ވެސް އޯގާތެރި، ކުލުނުވެރި އަދި ޒިންމާދާރު މުޖުތަމައެއް ބިނާ ކުރުމުގެ ޒިންމާ އަދާކުރުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ނަސޭހަތާއެކު ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކުރި އެތައް ބަޔަކު ވަނީ އެމަނިކުފާނު ދެއްކެވީ ޤައުމުގެ ވެރިއެއްގެ ހައިސިއްޔަތުން ފުރިހަމަ ނަމޫނާއެއްކަން ފާހަގަކޮށްފައެވެ. އެމަނިކުފާނުގެ ފަރާތުން ފެނިގެންދަނީ ހެޔޮލަފާ ވެރިއެއްގެ ސިފަތައް ކަމަށާއި ސިޔާސީ ގޮތުން ވަކި މީހަކު ތަފާތު ނުކުރައްވާކަން އެމަނިކުފާނުގެ ނަސޭހަތުން ހާމަވާ ކަމަށް ދަނީ ބުނަމުންނެވެ.

ރައީސް ނުކުންނެވީ އެމަނިކުފާނަށް ކުޑައިމީސްކޮށް ވާހަކަދައްކަވާ ބޭފުޅެއްގެ ދިފާއުގައިކަން ފާހަގަކުރައްވައި އެތައް ބަޔަކު ވަނީ އެއީ ޙައްގު ބަސްބުނުމުގައި އެމަނިކުފާނު ފަސްޖެހިވަޑައިނުގަންނަވާނެ ކަމުގެ ނަމޫނާއެއްކަމަށް ބުނެފައެވެ. އަދި ޤައުމުގެ ރައީސް ރައްޔިތުންނާ ގާތްވުމުން މިފަދަ ރިވެތި މިސާލުތައް ފެނުން އިތުރުވާ ކަމަށް ވެސް ޚިޔާލު ފާޅުކުރި މީހަކު ވަނީ ބުނެފައެވެ.

ރައީސަށް ތައުރީފުކޮށް މީހަކު ކުރި ޕޯސްޓެއްގައި ވަނީ މިއަދުގެ ސިޔާސީ ލީޑަރުން، މަޖިލީހުގެ މެންބަރުންގެ ސުލޫކަށް ފާޑުކިޔުމުން ދުރުހެލިވެ، ފަހަތަށް ޖެހޭކަމަށް ފާހަގަކޮށްފައެވެ. ނަމަވެސް ރައީސްގެ ނަސޭހަތްޕުޅާއެކު އެކަން ބަދަލުވެފައިވާ ކަމަށާއި މިއީ ހެޔޮ ވެރިކަމެއް ހިންގަވާނެކަމުގެ ހެޔޮ ނިޝާނެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ސިޔާސީ އެކި ފަރާތްތަކުން ވެސް ވަނީ ރައީސް ދެއްވި ނަސޭހަތަށް ތައުރީފު ކުރައްވާފައެވެ. އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ދެއްވިފަދަ ހެޔޮ ނަސޭހަތާއި ނަމުނާއަކީ މުޖުތަމައަށް އެންމެ ބޮޑަށް ބޭނުންވެފައިވާ އަދި ބޭނުންތެރި އިންވެސްޓްމަންޓް ކަމަށެވެ.

އެމްޑީޕީގެ ޔޫތު ވިންގުގެ ނައިބު ރައީސް އަހުމަދު މައިމޫން މުޙައްމަދުވެސް ވަނީ ރައީސް ދެއްކެވީ ރީތި ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ. އަދި މި މުޖުތަމައަކީ ލޯތްބާއި ކުލުނުން ފުރިގެންވާ، އޯގާތެރި އަދި އެކަކު އަނެކަކަށް އިހުތިރާމް ކުރަން ދަންނަ މުޖުތަމައަކަށް ވާންޖެހޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ރައީސަކު ހުންނެވިކަން އިހުސާސްކުރެވޭ ކަމަށާއި ދައުލަތުގެ ކުންފުނިތަކާއި ވުޒާރާތަކުގެ ވެރިން ގޯސް ހެދުމުން ފިޔަވަޅު ނާޅާއި ބަސްބުނަން ނުކުރުނު ޒަމާން މާޒީވެފައިވާ ކަމަށެވެ. އަދި ޤައުމު މިހާރު މިދަނީ ރަނގަޅު މިސްރާބަކަށް ކަމާމެދު ޝައްކު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޤައުމުގައި ހަމަޖެހުން ޤާއިމުކޮށް އިޖުތިމާޢީ އަދި ދީނީ ރީތި އުސޫލުތައް ނެގެހެއްޓެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ދައްކަވަމުންގެންދެވި ވާހަކަފުޅެކެވެ. މި ޤައުމުގައި ސިޔާސީ ފިކުރެއް ފާޅު ކުރުމުގެ ސަބަބުން އެމީހަކާ މެދު ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމަށާއި. ކުރީ ސަރުކާރުތަކުން ފެނުނު ބަދަލު ހިފުމުގެ ރޫހު މިސަރުކާރުން ފެނިގެން ނުދާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.