ސަރުކާރުގެ އަމާޒަކީ ޤާނޫނީ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެއްވެ އުޅުމުގެ ފުރުޞަތު ވީހާވެސް ބޮޑަށް ހުޅުވާލާފައި ބޭއްވުންކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވީ، އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި އައު މަޖިލީހުގެ ދައުރުގައި އެ މަސައްކަތް ކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުގެ ވިސްނުން އެބަހުރި އަންނަ މަޖިލީސް ފެށިގެންދާއިރު، އެ ޤާނޫނަށް އިސްލާހު ހުށަހަޅަން. ސަރުކާރުގެ އަމާޒަކީ ވީހާވެސް އެއްވެ އުޅުން ޤާނޫނު އަސާސީން ލިބިދޭ ހުދޫދުގެ ތެރެއިން ހުރިހާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައި ބޭއްވުން. އަންނަ މަޖިލީހުގައި އެއްވެ އުޅުމުގެ ޤާނޫނަށް އިސްލާހު އިރާދަ ކުރެއްވިއްޔާ ހުށަހެޅިގެންދާނެ." ހީނާ ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް 2016 ވަނަ އަހަރު ގެނެވުނު އިސްލާހާއެކު ވެރިކަން ކުރާ މާލޭގައި އެއްވެ އުޅުމުގެ ފުރުޞަތު ވަނީ ވަރަށް ބޮޑަށް ހަނި ވެގެން ގޮސްފައެވެ. އެގޮތުން ފުލުހުންގެ ހުއްދައާއި ނުލައި މާލެ ސަރަހައްދު މިހާރު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަންޏެވެ.
މި ޤާނޫނަށް ގެނައި އިސްލާހު އުވާލުމަކީ ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙު ވެވަޑައިގެންނެވި ވަޢުދެކެވެ. ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އޭރުގެ ސަރުކާރަށް ލިބި 2019 ވަނަ އަހަރު އޯގަސްޓު މަހު އެ މާއްދާ އުވާލުމަށް މަޖިލީހަށް ހުށަހެޅި އިސްލާހުގެ މަސައްކަތް މަޖިލީހުގެ މި ދައުރު ފުރިހަމަ ވަމުންދާއިރުވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ.
މި ޤާނޫނުގެ ދަށުން އެއްވެ އުޅުމުގައި ލުއިތަކެއް ދިނުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ދާޙިލީ ސަލާމާތާއި ފަންނިޔާތާއި ބެހޭ ވުޒާރާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު އަލީ އިހުސާން ވަނީ މާލެ ސަރަހައްދުގައި މިހާރު އެއްވެ އުޅެވެނީ އެންމެ ތަނަކަށްކަން ފާހަގަކޮށް އެގޮތަށް އެއްވެ އުޅެވޭނެ އިތުރު ތަންތަން ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.