ޚަބަރު

ވަޒީރުންގެ މަޖިލީހުގެ ނިންމުންތައް އާންމުކުރާނެ ޚާއްސަ ނިޒާމެއް ޤާއިމްކުރަނީ


  • ކެބިކެޓް ބައްދަލުވުންތަކުން ނިންމާ ނިންމުންތައް އާންމުކުރާނެ ޚާއްސަ ނިޒާމެއް ކުރިން ނޯވޭ

  • ސަރުކާރުގެ ވުޒާރާތަކާއި އެސްއޯއީ ތަކުގެ މަސައްކަތްތައް އެއްތަނުން ފެންނާނެ ނިޒާމެއްވެސް ޤާއިމްކުރާނެ

ސަރުކާރު އިދާރަތަކުގެ މަސައްކަތްތަކާއި އަދި ކެބިނެޓުގެ ނިންމުންތައް ހާމަކުރުމަށް ވަކި ޕްލެޓްފޯމެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ސިލްސިލާކޮށް ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ކެބިނެޓުގެ ނިންމުންތައް ދުވަހުން ދުވަހަށް މިހާރު ފެންނަ ވަކި ނިޒާމެއް ނެތް ކަމަށެވެ. އެހެން ކަމުން އެކަމަށް ހާއްސަ ނިޒާމެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައިވް ކޮށްލާނަން ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ވެބްސައިޓާއި ލިންކް ކުރެވޭ ގޮތަށް، ރައީސް މުޢިއްޒުގެ ވެރިކަމުގެ ކޮންމެ ކެބިނެޓް [ބައްދަލުވުމެއްގެ] ނިންމުންތައް، ނޫސްވެރިންނަށް ފެންނާނެ ގޮތަށް، އެ ނިންމުންތަކާއި ގުޅޭ މައުލޫމާތާއި އެކީގައި ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ޤާއިމް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިދަނީ " ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ވަނީ ވަޢުދުވެވަޑައިގަންނަވާފައެވެ. އެގޮތުން ނޫސްވެރިންނާއި ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މިއާއެކު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތައް އެއްތަނަކުން ފެންނަ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ފޮޓޯ، ވީޑިއޯ އަދި ޙަބަރު ގެނެވޭނެ ނިޒާމެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އަދި މި ނިޒާމުވެސް މިމަސް ނިމޭހާތާ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ހީނާ ވިދާޅުވީ މި ދެ ޕްލެޓްފޯމް ޤާއިމް ކުރުމުގެ ބޭނުމަކީ ނޫސްވެރިންނާއި ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ގެނެސްދެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.