ޚަބަރު

ފެހުމާއި ފެޝަން ޑިޒައިންކުރުމުގެ ދާއިރާ ކުރިއެރުވުމަށް ބީސީސީން ހާއްސަ ބައްދަލުވުމެއް


  • މި ބައްދަލުވުމުގައި މިދާއިރާގައި މަސައްކަތްކުރާ 26 ފަރާތެއް ބައިވެރިވި

  • ރާއްޖޭގެ ދެކުނުގައި ގާމެންޓް ފެކްޓްރީއެއް ޤާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުން

ފެހުމާއި ފެޝަން ޑިޒައިން ކުރުމުގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖޭގައި އީޖާދީ އަދި ފަންނުވެރި މަސައްކަތްތައް ކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އެފަދަ ދާއިރާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ބީސީސީއިން "ކްރިއޭޓިވް ކޮންފްލުއެންސް"ގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއްކަމަށް ބީސީސީއިން ބުންޏެވެ.

މި ބައްދަލުވުމުގައި ފެހުމާއި ފެޝަން ޑިޒައިނިންގގެ ދާއިރާގައި ހަރަކާތްތެރިވާ 26 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. އެ ފަރާތްތަކުން ވަނީ މި ދާއިރާގައި ހުރި ގޮންޖެހުންތަކާއި ފުރުޞަތުތައް ހިއްސާކޮށް އެކަންކަމާމެދު ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައެވެ.

ރާއްޖޭގެ ދެކުނުގައި ގާމެންޓް ފެކްޓްރީއެއް ޤާއިމް ކުރުމުގެ މަސައްކަތް ބީސީސީން ކުރަމުންދާއިރު، މި ބައްދަލުވުން ވެގެންދިޔައީ މި މަސައްކަތަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި މަޝްވަރާ ލިބިގެންދިޔަ ބައްދަލުވުމެއްކަމަށް އެ ކޯރޕަރޭޝަނުން ބުންޏެވެ. އެގޮތުން މިފަދަ ފެކްޓްރީއެއް ޤާއިމް ކުރުމުގެ ކުރިން ކުރަންޖެހޭ ކަންތައްތަކާއި، ފަހިވާންޖެހޭ ފުރުޞަތުތަކުގެ މަޢުލޫމާތު އެ ފަރާތްތަކުން ވަނީ ބީސީސީއާ ހިއްސާކޮށްފައިވާކަމަށްވެސް އެ ކޯރޕަރޭޝަނުން ބުންޏެވެ.

މިފަދަ ކޮންފުލުއެންސްތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާއެކު ސަރުކާރުން ރާއްޖޭގައި ޤާއިމް ކުރުމަށް މަސައްކަތްކުރާ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އީޖާދީ އަދި ފަންނުވެރި އިޤްތިޞާދަށް ފަހި ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު އެއްކުރުމަށްވެސް ކުރެވޭ މުހިންމު މަސައްކަތެކެވެ. ބީސީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައި މިފަދަ އިތުރު ކޮންފުލުއެންސްތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުން ކަމުގައި ބީސީސީއިން ބުނެއެވެ.