ޚަބަރު

ބައެއް ޓީވީ ޗެނަލްތަކާއި ފަރުދުންނަށް އިންޒާރުދިން މައްސަލަތަކެއް ފުލުހުން ބަލަނީ


  • އެ އަމަލުތައް ތަހުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން

ރާއްޖޭގެ ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރުދީފައިވާ މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވީ އެފަދަ މައްސަލަތައް އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތައް ތަޙުގީގުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ސައިބަރ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީހުންނާއި ތަންތަނަށާއި ތަކެއްޗަށް، ޚާއްސަކޮށް މީހުންގެ ފުރާނައާއި މީޑިއާތަކަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދޭ މައްސަލަތައް ޚާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ބަލަމުންދާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ބައެއް ޕްރައިވެޓް މީޑިއާތަކަކަށް ގެއްލުންދޭނެކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށް އެ މީޑިއާތަކުން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ބައެއް އަމިއްލަ ފަރާތްތަކަށް ވެސް އިންޒާރު ދިން މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.

މީޑިއާތަކަށް އިންޒާރުދިނުން ސަރުކާރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ދިވެހި މީޑިއާތަކާއި ނޫސްވެރިންގެ ހިމާޔަތުގައި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.