ޚަބަރު

ކުޑަހުވަދޫ، މުލަކު އަދި ގަމު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލާން ހުޅުވާލައިފި


  • ބައި އިލެކްޝަން އޮންނާނީ 15 ޖޫން 2024 ގައި

  • 4 މެއި 2024 ވަނަ ދުވަހު އިތުރު ކައުންސިލްތަކެއްގެ ބައި އިލެކްޝަން ކުރިއަށްދާނެ

ދ. ކުޑަހުވަދުއާއި މ. މުލަކު އަދި ލ. ގަމު ކައުންސިލްގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އެގޮތުން، ކުޑަހުވަދޫ ކައުންސިލްގެ ރައީސް އާއި ގަމު ކައުންސިލްގެ މެންބަރުގެ ގޮނޑި އަދި މުލަކު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ވަނީ ހުސްވެފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިގޮތުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އާއި ގަމު ކައުންސިލްގެ މެންބަރުގެ ގޮނޑި އަދި މުލަކު ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ހުސްވެފައިވާތީ އެ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ޖޫން 15 ގައި ބައި އިލެކްޝަން ބާއްވާނެއެވެ. މި ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ މީހުންނަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ފުރުސަތުގައި ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށެވެ. ބޭރު ޤައުމެއްގެ ރައްޔިތަކު ދިވެހި ރައްޔިތަކަށްވެފައިވާތާ 5 އަހަރުވެފައިވާނަމަ އެ މީހަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން ސާބިތު ދަރަންޏެއް އޮތް މީހެއްނަމަ އެ މީހާއަކީ ހުކުމާ އެއްގޮތަށް ދަރަނި ދައްކަމުންދާ މީހަކަށް ވާން ޖެހޭނެ ކަމަށާއި ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއް ތަންފީޒު ކުރާ މީހުންނަށް ކުރިމަތި ނުލެވޭނެ ކަމަށް ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނުގައި ވަނީ ބަޔާންކުރައްވާފައެވެ.

ތިން ރަށެއްގެ ކައުންސިލްތަކުގެ ހުސްވެފައިވާ ގޮނޑިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މ. މަޑުއްވަރީ ކައުންސިލް ރައީސާއި ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލް މެންބަރު އަދި ހއ. ތަކަންދޫ އާއި ރ. އިންނަމާދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް މެއި 4 ވަނަ ދުވަހު ބައި އިލެކްޝަން ބޭއްވުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މި ބައި އިލެކްޝަންގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ވޯޓުލެވޭ މީހުން ލިސްޓުވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

މީގެ އިތުރުން މެއި 18ގައި ލ. އިސްދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވިއެވެ. ނަމަވެސް މުއްދަތު ހަމަވިއިރު ޝަރުތުހަމަވާ އެންމެ ބޭފުޅަކު ކުރިމަތިލުމުން އިންތިޚާބަކާ ނުލައި އޭނާ ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި ގޮނޑި ކާމިޔާބު ކުރެއްވީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ކުރިމަތިލެއްވި އިބްރާހިމް ޙަމީދެވެ.