ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިމުގެ ބިލުގެ ސަބަބުން ޝަރުޢީ ނިޒާމުގައި ހުރި ބިމާގުޅުހުންހުރި މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅުއްވި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ. މެންބަރު ސިރާޖު މިހެން ވިދާޅުވީ ބިމުގެ ބިލާ ގުޅޭގޮތުން ބަހުސް ކުރުމުގެ މަރުހަލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ ބިމާ ބެހޭ ބިލާއެކު ބަންޑާރަބިން ދޫކުރުމާ ގުޅޭ ތަފްސީލުތައް ބަޔާންކޮށްފައިވާނެ ކަމަށާއި ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ދޫކުރުމާ ގުޅޭ ތަފްޞީލުތައް ވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި ބިމުގެ ބާވަތްތަކާއި އެ ބިންތައް ބޭނުންކުރަން ޖެހޭގޮތުގެ ތަފްޞީލުތައް ވެސް ބަޔާންކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މެދުގައި ބިމާގުޅޭގޮތުން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިން އަގުކުރުމާ ގުޅޭ ކަންބޮޑުވުންކަން ފާހަގަކުރައްވައި ސިރާޖު ވިދާޅުވީ ބިން އަގު ކުރާނެ ގޮތާއި ޗީފް ވެލިއު އައްޔަންކުރާނެ ގޮތާއި ބިން އަގުކުރުމުގައި ރިއާޔަތް ކުރާނެ ކަންކަމާއި އިޖުރާއަތުތަކުގެ ތަފްޞީލުތައް ބަޔަންކޮށްފައިވާނެ ކަމަށެވެ. އަދި ބިން ކުއްޔަށް ދޫކުރުމާއި ވިއްކުމާ ގުޅޭކަންކަން ވެސް ހިމަނާފައިވާނެ ކަމަށާއި ބޭރުގެ ފަރާތްތަކަށް ބިން ނުވިއްކޭނެކަން ވެސް ބިލުގައި ހިމަނާފައިވާނެ ކަމަށް މެންބަރު މޫސާ ސިރާޖު ވިދާޅުވިއެވެ.
"މި ބިލް ޤާނޫނަކަށް ވެގެންދާއިރު ބިން، ރަހުނުކުރުމާ ގުޅޭގޮތުން ބޭނުންވާ މާއްދާތައް ތަފްސީލީގޮތުން ހިމެނިފައިވާނެ. އަދި ހިބައިން ނުވަތަ ވަސިއްޔަތުން ބިން ދިނުމާ ގުޅޭގޮތުން ވެސް ތަފްސީލުތައް ބަޔާންކޮށްފައިވާނެ. ބިން ވަކިކުރުމާއި ބިން ރީ-ރަޖިސްޓްރީ ކުރުމާއި ދަޢުލަތަށް ބިން ނެގުމާ ގުޅޭގޮތުން ވެސް ކަންކަން ތަފްސީލުތައް ބިލުގައި ބަޔާންކޮށްފައިވާނެ. އަދި ޝަކުވާ ހުށަހެޅޭނެ މެކޭނިޒަމެއް ވެސް ތައާރަފުވެގެންދާނެ" މެންބަރު ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ ކުރީގެ ޤާނޫނަކަށް މިހާރު އަމަލުކުރުމުގެ ސަބަބުން ޝަރުޢީ ނިޒާމުގައި ވެސް މައްސަލަތަކާ ދިމާވާ ކަމަށެވެ. އެގޮތުން، ކޯޓުތަކަށް ބިމާ ގުޅުންހުރި ގިނަ މައްސަލަތައް ހުށަހަޅާއިރު ޤާނޫނެއްގައި ތަފްސީލުކޮށް އެކަންކަން ބަޔާންކޮށްފައި ނެތް ކަމަށާއި، ސަރުކާރުން ހުށަހަޅާފައިވާ ބިމާ ބެހޭ ބިލުގެ ސަބަބުން އެކަންކަމަށް ހައްލެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިމާ ބެހޭ ބިލާއި ސޯޝަލް ހައުސިންގެ ބިލާއި ރިއަލްއެސްޓޭޓްގެ ބިލުތައް ފާސެވެ، ޤާނޫނަކަށް ވެގެންދިއުމުން ބޯހިޔާވަހިކަމުގެ ކަންކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވިއެވެ.