ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބުނު އައްޑޫ ސިޓީގެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދީފި


  • މިއަދުވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ވާރޭ ވެހޭނެ

  • އައްޑޫގެ 40 ވަރަކަށް ގެއަށް ފެންބޮޑުވެގެން އަސަރުކުރި

އައްޑޫ ސިޓީއަށް އިއްޔެ ކުރި ވިއްސާރައިގައި ގެއްލުން ލިބުނު 5 ގެއެއްގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުގައި އިއްޔެ އައްޑޫ ސިޓީއަށް 167.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. މިއީ އިއްޔެ އެންމެ ގިނައިން ވާރޭ ވެހެނު ސަރަހައްދެވެ.

ބޯކޮށް ވިއްސާރަވުމުގެ ސަބަބުން އައްޑޫ ސިޓީގެ ބައެއް ގެތަކަށް ގެއްލުން ވެފައިވާ ކަމަށް ނޭޝަނަލް ޑިޒަރސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދެއެވެ. އެގޮތުން، 40 އަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރުކޮށްފައިވާތީ އެހީ ފޯރުކޮށްދިނުމަށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ ވިއްސާރައިގައި ފަސް ގެއަކަށް ގެއްލުންވެ މީހުން ބަދަލު ކުރަން ޖެހުނު ކަމަށެވެ. އޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާ ވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި އަދި ތިން ގެއެއްގެ މީހުން އެ މހުންގެ އާއިލީ ގެތަކަށް ބަދަލުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކުރާ ގޮތުގައި މިއަދު ވެސް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އެގޮތުން އައްޑޫ ސިޓީއަށް ވިއްސާރަ ކުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިއަދު ވައިއެނބުރި މަޑުން، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި އާދައިގެ ވަރަކަށް ކަނޑު މަޑުވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

ވިއްސާރަވުމުގެ ސަބަބުން ފެންބޮޑުވާ ސަރަހައްދުތަކުގެ ގެތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ. އެގޮތުން، ގެއަށް ފެން ނުވަންނަ ގޮތަށް ވެލި ބަސްތާ ޖެހުމާއި ފެނުގެ ސަބަބުން ގެއްލުން ވެދާނެ ފަދަ ސާމާނުތައް.ރައްކާތެރި ހިސާބުތަކުގައި ބެހެއްޓުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ..