ޚަބަރު

މެޑިކަލް ސްކޫލް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަނީ ވަގުތީގޮތުން


  • ދާއިމީ ކެމްޕަސް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ދަނީ ކުރަމުން

  • 2018ވަނަ އަހަރު މެޑިކަލް ސްކޫލް ދަރުމަވަންތައިގަ ޤާއިމުކުރީވެސް ވަގުތީގޮތުން

  • ކިޔެވުން އެމްއެންޔޫ ކެމްޕަހަށް ބަދަލުކުރަނީ، ދަރުމަވަންތައަށް އިތުރު ޖާގަ ބޭނުންވާތީ

އައިޖީއެމްއެޗުގައި ހިންގަމުން އައި ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް، އެޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަނީ ވަގުތީ ގޮތުންކަމަށާއި، ދާއިމީކޮށް ދަރިވަރުންނަށް ކިޔަވައިދޭނީ މެޑިކަލް ސްކޫލް ހިންގުމަށް ޚާއްސަކޮށް ހުޅުމާލޭގައި ތަރައްޤީކުރާ ދާއިމީ ކެމްޕަހުގައިކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެޑިކަލް ސްކޫލް ދަރުމަވަންތަ ހޮސްޕިޓަލްގައި، 2018ވަނަ އަހަރު ޤާއިމުކުރީ ވަގުތީގޮތުންނެވެ. ނަމަވެސް މިހާރު ވަނީ މެޑިކަލް ސްކޫލްގެ ޚިދުމަތް އެމްއެންޔޫގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމާފައެވެ.

މިކަމާ ގުޅިގެން ގައުމީ ޔުނިވަރސިޓީން ނެރުނު ބަޔާނެއްގައި ވަނީ، މެޑިކަލް ސްކޫލްގެ ވަސީލަތްތައް ޤައުމީ ޔުނިވަރސިޓީގެ މައި ކެމްޕަހަށް ބަދަލުކުރަން ނިންމީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ފުޅާކޮށް ޢާއްމު ރައްޔިތުންނަށް ކަންކަން ފަސޭހަކުރުމަށް އެ ހޮސްޕިޓަލުން އިތުރު ޖާގަ ބޭނުންވާތީކަމަށެވެ.

އަދި މެޑިކަލް ސްކޫލްގެ އިންތިޒާމްތައް ޔުނިވަރސިޓީގެ މައި ކެމްޕަހުގައި ހަމަޖައްސާނީ، ގެނެވޭ ބަދަލުގެ ސަބަބުން މެޑިކަލް ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމަށާއި ޕްރެކްޓިކަލް ލެބުތަކުންދެވޭ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެގޮތަށްކަމަށް ޔުނިވަރސިޓީން ބުނެއެވެ. އެކަމުގެ ވަސީލަތްތައް ޔުނިވަރސިޓީއަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަދި ދަރިވަރުންނަށް ހޮސްޕިޓަލުން ލިބެންޖެހޭ ޢަމަލީ ތަޖުރިބާތައް ކުރިއެކޭ އެއްގޮތަށް ދަރުމަވަންތަ ހޮސްޕިޓަލުން ފޯރުކޮށްދެމުންދާނެކަމަށްވެސް ޔުނިވަރސިޓީން ބުނެއެވެ.

ޤައުމީ ޔުނިވަރސިޓީން ބުނީ މެޑިކަލް ސްކޫލްގެ ޚިދުމަތް ދިނުމަށް އަޅާ ދާއިމީ ކެމްޕަހުގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށްދާކަމަށެވެ. އެ މަސައްކަތް ނިމުމުން ކިޔެވުމުގެ ހުރިހާ ކަމެއް ހިންގާނީ އެ ކެމްޕަހުގައިކަމަށެވެ.

ޔުނިވަރސީޓީން ބުނެފައިވަނީ އިންތިޒާމްތައް ހަމަޖެއްސުމުގައި ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ބުރުލެއް ނާރާގޮތަށް ކުރިއަށްގެންދިއުމަށް އިސްކަންދޭކަމަށެވެ. އަދި އާއްމުންގެ މަސްލަހަތާ ގުޅިފައިވާ މިފަދަ ކަންކަމުގައި ޙަޤީގަތް އޮޅޭގޮތަށް ޚަބަރު ނުފެތުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.