ކުޅިވަރު

ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ހުރީ އެންމެ މަތީގައި: ރައުޝާން


އޭޝިއާގެ އެންމެ ބޮޑު ކެރަމް މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ނުކުންނައިރު، ކުޅުންތެރިންގެ ފެންވަރު ހުރީ އެންމެ މަތީ ލެވެލްގައި ކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝާން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "ސްޕޯޓްސް ބަޒް" ޕްރޮގްރާމުގައި ވާހަދައްކަވަމުން ރައުޝާން ވިދާޅުވީ މުބާރާތަށް ތައްޔާރުވުމަށް ކުރިއަށްދިޔަ ތަމްރީން ކޭމްޕުގައި ބައިވެރިވި ތަޖުރިބާކާރު ކުޅުންތެރިން ފާހަގަކުރި ގޮތުގައި، އެ ކުޅުންތެރިންނާ އެއް ހަމައެއްގައި ގައުމީ ޓީމުގައި މިހާރު ހިމެނޭ ކުޅުންތެރިން ހިފަހައްޓާލާ ކަމަށެވެ.

އެކަމަކު ރާއްޖޭގެ ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އެހެން ގައުމުތަކާ ޚިލާފަށް ހުރިހާ ވަގުތެއް އެ ކުޅިވަރަށް ހުސްކޮށްގެން ނުކުޅެވުން ކަމަށް ރައުޝާން ވިދާޅުވިއެވެ. އެގޮތުން ވަޒީފާ އަދާކުރަމުން، އެ ކުޅިވަރުގައި އުޅެން ޖެހެމުން ހުރިހާ ކުޅުންތެރިން އެކީ ކޭމްޕް ކުރަންވެސް ދަތިކަމެއް ކުރިމަތިވި ކަމަށް ވިދާޅުވިއެވެ.

"
އަނެއްހެން ދަންނަވާ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ފުލް ކޭމްޕެއް މި ކޮށްލެވެނީ އެއް މަހުން. އަޅުގަނޑުމެންނާ އެންމެ ވާދަވެރި ގައުމު އިންޑިއާ މި ކުޅިވަރުގައި 12 މަހު އެ އުޅެނީ ފުލްޓައިމްކޮށް. އަޅުގަނޑުމެން ކުޅުންތެރިން އެގޮތަށް 12 މަސް ލިބޭނެނަމަ، ހިތަށްއަރާ އަޅުގަނޑުމެން ކުޅުންތެރިން ހާދަ ރަނގަޅެއް ވާނެއޭ.
ހުސެއިން ރައުޝާން - ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ

ރާއްޖޭއަކީ މިވަގުތު ކެރަމްގައި އިންޑިއާގެ އެންމެ އެންމެ ބޮޑު ވާދަވެރިޔާއެވެ. އެގޮތުން 2022 ވަނަ އަހަރު ވޯލްޑް ޗެމްޕިއަންޝިޕްގައި ދިވެހި ކުޅުންތެރިއަކު ވަނީ ދުނިޔޭގައި އެއްވަނަ ހޯދާފައިވާ އިންޑިއާގެ ކުޅުންތެރިޔަކު ބަލިކޮށްފައެވެ. އަދި 2012 ވަނަ އަހަރު ހަމަ އެ މުބާރާތުގައި ރާއްޖެއިން ވަނީ ދުނިޔޭގެ ޗެމްޕިއަނެއް ބަލިކޮށްފައެވެ.

ރައުޝާން ވިދާޅުވީ ދުނިޔޭގެ ޗެމްޕިއަނުން ބަލިކުރުމުގެ ފެންވަރު ދިވެހި ކުޅުންތެރިންގެ ކިބައިގައި ހުރިކަން މިކަމުން އެނގިގެންދާ ކަމަށެވެ. އަދި ރާއްޖޭގައި ގައުމީ ޓީމެއްގެ ތަމްރީނަށް އެންމެ ގިނަ ވަގުތު ދާ ކުޅިވަރަކީ ކެރަމް ކަމަށާއި، އެގޮތުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ ދުވަހަކު އަށް ގަޑިއިރު ގައުމީ ޓީމުން ކުޅުމުގައި ހޭދަ ކުރި ކަމަށްވެސް ވިދާޅުވިއެވެ.

ރައުޝާން ވިދާޅުވީ ކުޅުންތެރިންނަށް ނަފުސާނީ ގޮތުންވެސް ވަރުބަލިވުމާ ކަންކަން އިހުސާސް ކުރެވޭ ކަމަށާއި، އެހެންނަމެވަސް އޭޝިއަން ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދުމަށް ޓީމު އަންނަނީ ބުރަކޮށް މަސައްކަތްކުރަމުން ކަމަށެވެ.