ޚަބަރު

ރައްޔިތުންގެ ނިންމުން: 93 ދާއިރާއަށް މެންބަރުން ހޮވަން ވޯޓުލާން ފަށައިފި


  • ވޯޓުލާން ކަނޑައަޅާފައިވާ ގަޑިއަށްވުރެ އިތުރަށް ވަގުތު ނުދޭނެ

  • ރާއްޖެއިން ބޭރުގެ 3 ތަނެއްގައި ވޯޓު ލުން ކުރިއަށްދާނެ

  • 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވޭ

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވަނީ 08:00 ގައެވެ. ވޯޓުލުން ހަވީރު 17:30 އާއި ހަމައަށް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ.

މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި އިންތިޚާބުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށާކާއި، 34 ރިސޯޓް، ޖަލުތަކާއި ސިނާޢީ ރަށްތަށް އަދި ރާއްޖެއިން ބޭރުގައި 3 ޤައުމެއްގައި ވޮޓު ފޮށި ވަނީ ބަހައްޓާފައެވެ.

ވޯޓު ފޮށިތައް ބެހިފައިވާގޮތް:

• މާލެ: 181 ފޮށި
• ވިލިމާލެ: 9 ފޮށި
• ހުޅުމާލެ: 51 ފޮށި
• އަތޮޅުތަކުގައި: 319 ފޮށި
• ރިސޯޓުތައް: 34 ފޮށި
• ޖަލުތައް: 5 ފޮށި
• ރާއްޖޭން ބޭރުގައި: 3 ފޮށި

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބެހެއްޓި ޤައުމުތަކާއި ވޯޓުލުން ކުރިއަށްދާނެ ގަޑިތައް:

• އިންޑިއާގެ ޓްރިވެންޑްރަމް - 08:30 އިން 18:00އަށް
• ސްރީލަންކާގެ ކޮލޮމްބޯ - 08:30 އިން 18:00އަށް
• މެލޭޝިއާގެ ކުއާލަލަމްޕޫރު - 11:00 އިން 20:30އަށް

މިފަހަރުގެ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމުތައް ހަމަޖައްސަވާފައެވެ.

އެގޮތުން ކޮންމެ ވޯޓު ފޮށްޓަކަށް އެންމެ ގިނަވެގެން ވޯޓު ލާނީ 500 މީހުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅުއްވާފައެވެ. އިލެކްޝަންސް ކޮމިޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން އެދިވަޑައިގެންފައެވެ.

އެކޮމިޝަނުން ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އެއްވެސް ސަބަބަކާއި ގުޅިގެން ވޯޓުލާނެ ވަގުތު އިތުރު ނުކުރައްވާނެކަމަށެވެ. އެހެންކަމުން ވޯޓުލާ ގަޑިއަށް ވިހާވެސް ބޮޑަށް ސަމާލުކަން ދިއުމަށް އެކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ.

އެންމެ ގިނަ ދާއިރާ

މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް ޖުމްލަ 284،663 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. މީގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ދާއިރާ ކަނޑައަޅަފައިވާ ފަހަރެވެ. މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި ހިމެނެނީ 87 ދާއިރާއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށްވުރެ 6 ދާއިރާ އިތުރެވެ.

އިތުރުވާ 6 ދާއިރާ

• މާލޭ ސިޓީއަށް 2 ގޮނޑި
• އައްޑޫ ސިޓީއަށް 1 ގޮނޑި
• މާޅޮސްމަޑުލު ދެކުނުބުރިއަށް 1 ގޮނޑި
• މާލެ އަތޮޅަށް 1 ގޮނޑި
• ހުވަދުއަތޮޅު އުތުރުބުރިއަށް 1 ގޮނޑި

މިހާރު އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ މޭއިމަހުގެ 30 އަށެވެ.