ޚަބަރު

އުއްމީދަކީ ރައީސް ޔާމީނަށް އިންސާފު ލިބި، މިނިވަންވެވަޑައިގަތުން: ރައީސް


  • ކުރިން ވެރިކަން ކުރި ހުރިހާ ރައީސުންވެސް މިނިވަންކަމާއެކު އުޅުއްވާތަން ފެންނާނެ

  • ކުރިންވެސް ރައީސް ޔާމީނުގެ މައްސަލަ އިންސާފުވެރިކަމާއެކު ނިންމަވައިދެއްވުމަށް ރައީސް ގޮވާލެއްވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް އިންސާފު ލިބި، މިނިވަންވެޑައިގަތުމަކީ ވަރަށް ބޮޑު އުއްމީދެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުންނަށް ކުރީ ސަރުކާރުތަކުން ސިޔާސީ ގޮތްގޮތުން އުނދަގޫތައް ކުރިމަތިކުރުވި ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލައިގައި ހުކުމް އިއްވެވުމަށް މާދަމާއަށް ތަވާލުކުރެއްވުމުން އުފާކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައީސް ޔާމީން މިނިވަންވެޑައިގަތުމުން ދެން ފެނިގެންދާނީ ރާއްޖޭގައި ކުރިން ވެރިކަން ކުރި ހުރިހާ ރައީސުންވެސް މިނިވަންކަމާއެކު އުޅުއްވާތަންކަމަށެވެ.

"އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެން އަބަދުވެސް ދަންނަވަމުން އައިގޮތަށް ރައީސް ޔާމިން މިނިވަން ވެގެން އައުން. މާދަމާގެ ޝަރީއަތުގެ މަޖިލިސް ބޭއްވޭނެ ކަމަށް މައުލޫމާތު ލިބިފައި އޮތީ. އަޅުގަނޑުގެ ދުޢާއަކީ އެމަނިކުފާނަށް އިންސާފުލިބި، އެމަނިކުފާނު މިނިވަންވެގެން އައުން،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ވެސް އެކި ބައްދަލުވުންތަކާއި ޖަލްސާތަކުގައި ރައީސް ޔާމީނުގެ މައްސަލަ އިންސާފުވެރިކަމާއެކު އަވަހަށް ނިންމަވައިދެއްވުމަށް ގޮވާލައްވާފައެވެ. އެގޮތުން، ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އޭރުގެ ސަރުކާރުގައި ރައީސް މުއިއްޒު އެދިވަޑައިގަތުމުންނެވެ.

ރައީސް ޔާމީނަށް އިއްވާފައިވާ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކުރައްވާފައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ގިނަ ދުވަސްތަކެއް ފަހުން ހުކުމް އިއްވުމުގެ އަޑުއެހުން ވަނީ މާދަމާއަށް ތާވާލުކޮށްފައެވެ.