އަންނަ އާދީއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހަރަކާތްތެރިވާނެ އޮފިޝަލުން މިހާރު ހަމަވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން އޮތީ މުއްދަތެއް ނެތް ގޮތަށް އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. ބޭނުންވާ އަދަދަށް އޮފިޝަލުން ހަމަވެފައިވަނީ އެންމެ ފަހުވަގުތު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ މިއިންތިޚާބުގައި 602 ވޯޓު ފޮށި ބަހައްޓާއިރު އާންމުކޮށް އަމަލުކުރާ އުސޫލުން 6000 އެއްހާ އޮފިޝަލުން ބޭނުންވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ މާލީ ހާލަތާއި ޚަރަދުތަކަށް ބެލުމަށްފަހު ޚަރަދު ކުޑަކުރުމުގެ ގޮތުން ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އަދަދު މަދުކޮށްފައިވާކަމަށް ވިދާޅުވިއެވެ.
އޮފިޝަލުން މަދުކޮށްފައިވަނީ ރިސޯޓުތައް ފަދަ މަދުން މީހުން ވޯޓުލާ މަރުކަޒުތަކުގައެވެ. އެ މަރުކަޒުތަކުގައި ވެސް މެނޭޖުކުރެވޭ ވަރަށް އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
"މިއެޖަސްޓްމަންޓުތަކާއެކު ވެސް 4000 އަށްވުރެ ގިނަ އޮފިޝަލުން އުޅޭނެ. މިހާރުގެ ހާލަތަށް ބަލާއިރު 602 ވޯޓު ފޮށްޓަށް ބޭނުންވާ ވަރަށް އޮފިޝަލުން ވަނީ ހަމަވެފައި" ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.
އޮފިޝަލުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމް އަންގާރަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވާއިރު އެޕްރޮގްރާމާއެކު މާލެ ސިޓީއަށް ދިމާވެފައިވާ އޮފިޝަލުންގެ މައްސަލަވެސް ހައްލުވެފައިވާ ކަމަށް ހަސަން ޒަކަރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރާ އޮފިޝަލުންގެ އިތުރުން ރިޒަރވް ޕޫލަށް ބޭނުންވާ އޮފިޝަލުން ވެސް ހަމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮފިޝަލުންގެ އިތުރުން މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ކެންޑިޑޭޓުންގެ މަންދޫބުންނާއި މޮނިޓަރުންނާއި އޮބްޒަރވަރުންގެ ގޮތުގައި 6000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.