ޚަބަރު

ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރަނީ


  • މިއީ ޖިނާޢީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުރި ސަބަބުތައް ހޯދަން ކުރާ ފުރަތަމަ ދިރާސާ

  • ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާން ޖެހޭ ގޮތްތައް ކަނޑައެޅޭނެ

  • ދުރާލާ ހިންގަންޖެހޭ، އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ

ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތައް ދެނެގަތުމަށް ޚާއްޞަ ދިރާސާއެއް ކުރުމުގެ މަސައްކަތް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަށައިފިއެވެ.

އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މި ދިރާސާއަކީ ފަންނީ މިންގަނޑުތަކަށް ރިއާޔަތްކޮށް، ދިރާސީ ބުރަދަންދެވޭ ހޯދުންތަކުގެ އަލީގައި ރާއްޖޭގައި ކޮރަޕްޝަނުގެ ކުށްތަކަށް އަރައިގަންނަ ގޮތުގެ ތަފްސީލް ހޯދައި އެފަދަ ކުށްތައް ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމަށް ކުރިއަށްގެންދާ ދިރާސާއެއް ކަމަށެވެ. މިއީ ރާއްޖޭގައި ޖިނާޢީ ކުށަށް އަރައިގަތުމުގެ ފަހަތުގައި ހުންނަ ސަބަބުތައް ދެނެގަތުމަށް ކުރިއަށްގެންދާ މިފަދަ ފުރަތަމަ ދިރާސާއެވެ.

އޭސީސީން ވިދާޅުވީ މި ދިރާސާގައި ކޮރަޕްޝަން ހިންގާ ފަރާތްތަކުން ކުށްތަކަށް އަރައިގަންނަން ވިސްނާ ސަބަބުތަކާއި އެ ކުށްތަކަށް އަރައިގަންނަ ގޮތްތަކާއި، ދައުލަތުގެ މަޤާމާއި ނުފޫޒާއި ބާރު ބޭނުންކުރާ ގޮތާއި އެކަމުގައި އެހެނިހެން މުވައްޒަފުން ބޭނުންކުރާ ގޮތާއި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރާއި ޚަރަދު ބަލަހައްޓާ ގޮތް ފަދަ "ކްރިމިނަލް މައިޑް ސެޓް" އާއި އެފަދަ އެހެނިހެން ކަންކަން ތަފްސީލުކޮށް ދިރާސާ ކުރާނެކަމަށެވެ.

މީގެ އިތުރުން ކުށްކުރާ ފަރާތްތަކުގެ ސުލޫކާ ގުޅުންހުރި ކަންކަމާއި، ދިވެހި މުޖުތަމަޢުގައި ކޮރަޕްޝަނުގެ ކުށާ ގުޅޭ ސުލޫކީ ނިންމުންތައް ނިންމާއި ގޮތާއި އެފަދަ ކުށްތަކަށް އަރައިގަތުމާ ގުޅުންހުރި ހެވާއި ނުބައި ވަކިކުރުމުގެ ވިސްނުން ގެންގުޅޭ ގޮތްވެސް މި ދިރާސާގެ އަލީގައި ދެނެގަނެވޭނެ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ތަކުރާރުކޮށް ކޮރަޕްޝަނަށް އަރައިގަންނަ ސަބަބުތަކާއި ޖުމްލަކޮށް ކޮރަޕްޝަނަށް އަރައިގަންނަ ފަރާތްތަކުގެ ފުދުންތެރިކަމާއި ތަޢުލީމާއި އެހެނިހެން ކުށްތަކާ ގުޅުންހުންނަ މިންވަރުވެސް މި ދިރާސާގައި ބަލާނެއެވެ.

މީގެ ކުރިން އޭސީސީން ވަނީ ކޮރަޕްޝަނާ މެދު އާންމުން ދެކޭގޮތާއި އާންމު ހޭލުންތެރިވެފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ކޮށްފައެވެ. ދެ ދިރާސާގެ ހޯދުންތައް އެއްކޮށްލައިގެން ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާނެ ފަންނީ މިންގަނޑުތަކުން ބާރުދެވޭ އޮނިގަނޑެއް ގާއުމު ކުރެވޭނެ ކަމަށް ވެސް އޭސީސީން ވިދާޅުވިއެވެ.

އޭސީސީން ވިދާޅުވީ މި ދިރާސާގެ ހޯދުންތަކުން ނަޒާހަތްތެރިކަން ކުރިއެރުވުމަށް ސްކޫލްތަކުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ތައުލީމުގެ ތެރެއިން ނަޒާހަތްތެރިކަން ކުދީންގެ ކިބައިގައި އަށަގެންނެވުމަށް އަމަލުކުރަން ޖެހޭ ގޮތްތަކާއި ވަޒީފާތަކުގައި ކޮރަޕްޝަން ހުއްޓުވުމަށް ވިސްނުން ގެންގުޅެން ޖެހޭ ގޮތްތައް ދެނެގަނެ އެކަންތައް ތަންފީޒު ކުރުމަށް ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެކުލަވައިލާން ޖެހޭ ގޮތްތައް ކަނޑައެޅޭނެ ކަމަށެވެ. އަދި އެ ކޮމިޝަނުން ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި އެހެން މަސައްކަތްތައް ވެސް ހަރުދަނާ ކުރެވޭނެ ކަމަށް އޭސީސީން ވިދާޅުވިއެވެ.

މި ދިރާސާގެ އަލީގައި ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަނެ ދުރާލާ ހިންގަންޖެހޭ، އިންޓަވެންޝަން ޕްރޮގްރާމްތައް ބައްޓަން ކުރެވޭނެ ކަމަށްވެސް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިދާޅުވިއެވެ.