ޚަބަރު

4 މަސްދުވަހުން 168 ކައުންސިލް ގާތަށް، އިތުރަށް ޤާނޫނީ ބާރުވެރިކަން ދެނީ


  • މިހާތަނަށް ބައްދަލުނުކުރަނީ 32 ކައުންސިލާ

  • ކައުންސިލްތަކާ ޑަބުލިއުޑީސީތަކަށް ޤާނޫނީ އިތުރު ބާރުވެރިކަންދޭނެ

  • ކައުންސިލްތަކާ ގުޅޭ ޚާއްޞަ މިނިސްޓްރީއެއް

ރާއްޖޭގައި 200އެއްހާ ކައުންސިލް އޮތްއިރު މީގެ ކުރިން އޮތް ސަގާފަތަކީ ކައުންސިލްތަކުން ދަތުރު ހަދައިގެން މާލެގޮސް ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރުމެވެ. އެގޮތުން ރަށުގެ ތަރައްޤީއަށް ކުރަން ހުރި މުހިންމު މަސައްކަތެއްވިޔަސް އަދި ރައްޔިތުންގެ ކަންބޮޑުވުން އޮތް ޤައުމީ މައްސަލައެއްނަމަވެސް އެކަމެއް ހިއްސާކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތު އޮތް މިންވަރަކުން ވަގުތު ދެއްވި ދުވަހަކުއެވެ.

ނަމަވެސް އަދުގެ ސަރުކާރުގެ ވިސްނުން މިކަމުގައި ވަރަށް ތަފާތެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވި ވާހަކަފުޅަކީ، އެއްވެސް ކައުންސިލަކުން އެމަނިކުފާނާ ބައްދަލުކުރަން އެމަނިކުފާނުގެ އަރިހަށް އައުމުގެ ބަދަލުގައި، ކައުންސިލްތައް އޮތް ރަށަކަށް، ނުވަތަ ސަރަޙައްދަކަށްގޮސް އެ ކައުންސިލަކާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަކާ ބައްދަލުކުރައްވާނެކަމަށެވެ.

އެކަން ރައީސް ގެންދަވަނީ ޢަމަލީގޮތުން ސާބިތުކޮށްދެއްވަމުންނެވެ.

168 ކައުންސިލެއް ގާތަށް

ރާއްޖޭގައި އޮތް 200އެއްހާ ކައުންސިލްގެ ތެރެއިން މިހާތަނަށް 168 ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރައްވާ ރައްޔިތުންގެ މަންދޫބުންގެ އަޑު ގާތުން އައްސަވައިފިއެވެ. ބާކީ އޮތީ އެމަނިކުފާނު ބައްދަލުނުކުރައްވާ 32 ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއެވެ.

ވެރިކަމުގެ 4 މަހެއްހާ ދުވަހުގެ ތެރޭގައި މިހާ ގިނަ ޢަދަދެއްގެ ރައްޔިތުންގެ މަންދޫބުންނާ ރައީސް ބައްދަލުކުރެއްވުމުން، ރައްޔިތުންނާއި، އެ ރައްޔިތުންގެ މަންދޫބުންގެ ކަންބޮޑުވުންތައް އަޑުއައްސަވަން ރައީސް ދެއްވާ އަހަމިއްޔަތު ވަރަށް ސާފެވެ.

ރައީސް ދެއްވި ޔަޤީންކަމަކީ ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައިވެސް ބާކީހުރި ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެކަމެވެ.

ރައްޔިތުންގެ މަންދޫބުންނާ ގާތުން ބައްދަލުކޮށް މަޝްވަރާކުރުމުގެ ބޭނުނަކީ، އެ މަންދޫބުންގެ ފަރާތުން ރައްޔިތުންގެ ކަންކަން އޮޅުން ފިލުއްވުމެވެ.

ރައީސް ވިދާޅުވީ އެބައްދަލުކުރެއްވުންތަކުގެ ނަތީޖާއަކަށްވާނީ ހުރިހާ ރަށެއްގެ ކަންކަންވެސް ބާރަށް ކުރިއަށް ގެންދިއުމަށް މަގުފަހިވުމެވެ. ރައީސް ވިދާޅުވީ ކައުންސިލްތަކާ ގާތުން ބައްދަލުކުރެއްވުމުން ކަންކަން ހައްލުކުރެއްވުމަށް ވަރަށް ބޮޑަށް ފަސޭހަފުޅުވާކަމަށެވެ. ބޭނުމަކީ ބާރު ސްޕީޑުގައި ނަތީޖާ ނެރުންކަމަށްވެސް ވިދާޅުވިއެވެ.

އަންހެނުންގެ ކޮމިޓީތަކަށް ބާރު ދޭނެ

ޤާނޫނުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުފެދިފައި އޮތްގޮތުން މާބޮޑު ބާރުވެރިކަމެއް ނެތެވެ. އެ ކޮމިޓީތަކަށް ލިބެނީ ކައުންސިލްތަކުގެ ބަޖެޓުގެ 5 އިންސައްތަ ބަޖެޓެވެ. ކުޑަ ކައުންސިލެއްނަމަ މަދު ފައިސާކޮޅެކެވެ. އާބާދީ މަދު ނިސްބަތުން ކުޑަ ރަށެއްނަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ދޭންޖެހޭ މުސާރަ މުޅި އަހަރުވެސް ނުދެވި ހުސްވެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ބައެއް ކޮމިޓީތަކުގެ ބަޖެޓު މިހާރުވެސް ވަނީ ހުސްވެފައެވެ. ނަތީޖާއަކީ އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތްތައް މަޑުޖެހުމެވެ.

"އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް އުފެދިފައިވީނަމަވެސް އަމަލީގޮތުން އެކޮމިޓީތަކަށް ހަރަކާތްތެރިވެވޭނެ ގޮތަކަށް ނޫން ޤާނޫނު ބައްޓަންކޮށްފަ އޮތީއެއް. ލާމަރުކަޒީ ޤާނޫނުން ކޮމިޓީ އުފެދިފަ މިއޮތީ. އެހެންނަމަވެސް އެލަވެންސެއްގެ ގޮތުގައި ކުޑަ އެއްޗެއް ފިޔަވާ މާބޮޑު ފުރުޞަތެއް ނެތް". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ މިކަންކަމަށްވެސް ޤާނޫނީ ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ބައެއް ރަށްރަށުގައި އާބާދީ ކުޑަވީމަ އެ އޮންނަ ބަޖެޓުން އަހަރު ދުވަހުގެ އެލަވެންސް ނުދެވޭ. ބައެއް ޑަބްލިއުޑީސީތަކާ އަޅުގަނޑާ ބައްދަލުވެއްޖެ. ތިންމަހުގެ އެލަވެންސް ދެވިފަ ބާކީ މަސްތަކުގަ ނުދެވޭ. 6 މަސް ދުވަހު ދީފަ ބާކީ މަސްތަކުގަ ނުދެވޭ. މިކަހަލަ ގޮތަކަށް މިއޮތީ". ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް އިނާޔަތްތައް ހަމަޖެހިފައި ނެތުމަކީވެސް ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރޯދަމަހުގެ އެލަވެންސާއި، ވިހެއުމުގެ ޗުއްޓީފަދަ އިނާޔަތް ނުލިބެއެވެ. އަދި ލިބޭ އެލަވެންސް ބޭނުންކޮށްގެން ލޯން ނެގުމުގެ ފުރުޞަތެއްވެސް ނުލިބެއެވެ.

މައްސަލަތަކަށް ޤާނޫނީ ޙައްލެއް

ރައީސް ވިދާޅުވީ ބޭނުންވަނީ މަޖިލީހުގެ އެހީތެރިކަމާއެކު ލާމަރުކަޒީ ޤާނޫނު އިސްލާހުކުރުމަށްކަމަށެވެ. އެ ގޮންޖެހުންތައް ޙައްލުކޮށް އިނާޔަތްތައް ހަމަޖައްސައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ އިތުރުކުރުމަށް ޓެކްސްގެ ޤާނޫނަށްވެސް އިޞްލާހު ގެންނަން ބޭނުންފުޅުވާކަމަށެވެ. މިއާއެކު ރަށްރަށުގެ ކައުންސިލްތަކުގެ އާމްދަނީ އިތުރުވެ ރައްޔިތުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްކަމަށެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެމަސައްކަތް ނިމޭއިރު ރާއްޖޭގެ ކޮންމެ ރަށު ކައުންސިލަކަށްވެސް ފަޅުރަށެއް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ކޮންމެއަކަސް ރައީސްގެ މި ތަސައްވުރާ އެއްގޮތަށް ރަށްރަށުގެ ކައުންސިލްތަކާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާހުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އެމަނިކުފާނަށް މުހިންމުވާނެއެވެ. ރައީސް ވަނީ އެކަމަށް އެހީތެރިވެދެއްވާނެ މެންބަރުން މަޖިލީހަށް އިންތިޚާބުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދެވުމަށް އެންމެ ދުވަހެއްވެސް ބޭކާރު ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.