ޚަބަރު

ރައީސް ދަރަނބޫދޫއަށް ދެއްވީ ބޭނުންވާ ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން


  • ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި

  • ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓާއި އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި

ދަރަނބޫދޫއަށް ބޭނުންވާ ކަންކަމަށް އެދެވޭ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ދަރަނބޫދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ. އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ މުހިންމުކަމެއްގެ ގޮތުގައި އެރަށު ކައުންސިލުން ފާހަގަކުރެއްވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބޭނުންވާކަމެވެ. އަދި ރަށުން ދޫކޮށްފައި ހުރި ގޯތިތަކުގައި ގެދޮރުއެޅުމަށް ލުއިލޯނުފަދަ ލުއިފަސޭހަގޮތެއް ހޯދައިދިނުމަށާއި ސްކޫލުގެ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތް އަވަހަށް ނިންމަން ބޭނުންވާކަމަށާއި، މަގުތައް ހެދުމާއި، ޞިއްޙީ ދާއިރާއިން ބޭނުންވާކަންކަމާއި، ފުޓްބޯޅަދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ވޮލީ ކޯޓެއްގެ އިތުރުން ޕާކެއް ތަރައްޤީކުރަން ބޭނުންވާކަން ކައުންސިލުން ވަނީ ރައީސާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން ވަނީ ބަޖެޓުގެ ދަތިކަމާއި އެކޮމިޓީގެ މަސައްކަތްތައް ހިންގުމަށް ލިބިފައިވާ އިމާރާތް ބޭނުން ހިފޭގޮތަށް ހެދުމަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންގެ މަރުކަޒާއި ވޮލީކޯޓާއި އަދި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލުން ފާހަގަކުރި ކަންކަމަށް އެދެވޭ ހައްލުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ވެސް ހިއްސާކުރައްވާފައެވެ.