ޚަބަރު

ފ.އަތޮޅުން ރައީސަށް ހޫނު މަރުޙަބާއެއް، ރައީސް ދެއްވީ ފ.އަތޮޅަށް އުންމީދެއް


  • ކޮންމެ ރަށަކުންވެސް ރައީސަށް ހޫނު މަރުޙަބާއެއް ދަންނަވާ

  • ތަރައްޤީގެ މަޝްރޫޢުތައް ރައްޔިތުންނާ ހިއްސާކުރެއްވި

  • ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިލަންދެ އަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ނިލަންދޫއަށެވެ. ނިލަންދުއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. އެ ވަގުތު ވާރޭ ވެހެމުން ދިޔަނަމަވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ނިކުމެ ރައީސަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ރައީސް ވަނީ ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އުންމީދީ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ.

އެގޮތުން ނިލަންދޫގެ އެއާޕޯޓް ތަރައްޤީކުރުމަށްޓަކައި ބިންހިއްކުމުގެ މަޝްރޫޢު ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި 2 ރިސޯޓެއް ތަރައްޤީކުރައްވާނެކަމަށާއި، ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ރާވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފަރާތުން އެދިލެއްވި ކަންކަމުގެ އިތުރުންވެސް ނިލަންދޫ ތަރައްޤީކުރުމަށް މަސައްކަތްކުރައްވާނެކަމުގައެވެ.

"އަޅުގަނޑަށް މުހިންމީ ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަކަމާއެކު ޚިދުމަތް ދޭން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ދަތުރުފުޅުގެތެރެއިން މިއަދު ވަނީ ނިލަންދޫ އެއަރޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ. އެސަރަހަށްދަށް ރައީސް ވަޑައިގަތުމުން ގިނަ ބަޔަކުވަނީ އެއަރޕޯޓަށް ކުރާ އުންމީދު ހިއްސާކޮށްފައެވެ. އަދި ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެ މަޝްރޫޢުއަށް ރައީސް އިސްކަންދެއްވާތީ ރައްޔިތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ނިލަންދޫ އެއަރޕޯޓު އެޅުމަށް 42 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ.

ނިލަންދޫއަށްފަހު ރައީސް ވަޑައިގަތީ ދަރަނބޫދޫއަށެވެ. ދަރަނބޫދޫންވެސް ވަނީ ރައީސަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ގިނަ ޢަދަދެއްގެ ރައްޔިތުން ބަނދަރު ސަރަޙައްދަށް ނިކުމެ ރައީސާ ސަލާމްކުރެއްވިއެވެ.

ދަރަނބޫދޫއަކީވެސް ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި މުހިންމު ރަށެއްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ދަރަނބޫދޫއަށްފަހު ވަޑައިގަތީ ބިލަތްދޫއަށެވެ. އެރަށުންވެސް ރައީސަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް އެންމެ ފަހު މަންޒިލަކަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފީއައްޔަށެވެ.

ރައީސްގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރަށްރަށިގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް، ރަށްރަށުގެ ކުރިއެރުމާ ތަރައްްޤީއަށްހުރި މަޝްރޫޢުތަކާއި ހުރި ގޮންޖެހުންތަކަށް މަޝްވަރާކޮށް ޙައްލު ހޯދައިދެއްވުމެވެ.

މިހާތަނަށް ރައީސް ވަނީ 167 ކައުންސިލާ ބައްދަލުކޮށްފައެވެ.

މީގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރުމަށް ނިންމާފައިވާ މަޝްރޫޢުތަކުގެ ތަފްސީލްވެސް ރައީސް ދަނީ ހިއްސާކުރައްވަމުންނެވެ.

ސަރުކާރުގެ ތަރައްޤީގެ އެޖެންޑާގައި ފ،.އަތޮޅަކީ މުހިންމު އަތޮޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ކުރާ އުންމީދަށްވުރެ ބޮޑަށް އަތޮޅު ތަރައްޤީކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

ރައީސްގެ ތަރައްްީގެ ޕްލޭންގައި ހިމެނޭ ކަންކަން ހަގީގަތަކަށް ހެދުމަށް ރައްޔިތުންނާ މަޖިލީހުގެ އެއްބާރުލުން ބޭނުންވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮންމެ ރަށެއްގެ ރައްޔިތުންގެ އުންމީދާ ތަރައްޤީ ހާސިލްކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެ މަޖިލީހެއް އިންތިޚާބުކޮށްދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިއާއެކު އަންނަ އަހަރުގެ ބަޖެޓުގައި ހުރިހާ ރަށެއްގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭނެ ފައިސާ ހިމަނާ ރައްޔިތުންގެ އުންމީދުތައް ޙާސިލްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.