ޚަބަރު

ވަޒީފާގެ ބިރު ދައްކާކަމަށް ބުނެ އެމްޑީޕީން ނެރުނީ ދޮގު ބަޔާނެއް: ޕީޕީއެމް/ޕީއެންސީ


  • ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމުގެ ފުރުސަތު ސަރުކާރުން ދެއްވާނެ

ސަރުކާރުން ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިހެން ބުނެފައި މިވަނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ނުކުރާ ފަރާތްތައް ވަޒީފާއިން ވަކިކުރާ ކަމަށް ތުހުމަތުކޮށް އެމްޑީޕީން ބަޔާނެއް ނެރުމާއި ގުޅިގެނެވެ.

އެމްޑީޕީގެ ވާހަކަތައް ދޮގުކޮށް ޕްރޮގްރެސިވް ކޮންގްރެސްއިން ނެރުނު ބަޔާނެއްގައި ބުނީ ވަކި ފަރުދަކު ފާޅުކުރާ ޚިޔާލަކީ އެ ކޯލިޝަނުން ގެންގުޅޭ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ ރީތި އުސޫލުގެ ތެރެއިން ހަމަހަމަކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދިއުމާއި ބައިވެރިވުމުގެ ފުރުސަތު ދެއްވުންކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުން ރައްޔިތުންގެ ތާއީދާއި ލޯބި ހޯދާނީ ރައްޔިތުން އެދޭ ތަރައްގީ ގެނެސްދީގެން، ރައްޔިތުންގެ އަޑުއަހައިގެން ކަމުގައިވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޕްރޮގްރެސިވް ކޮންގްރެސްއިން ނެރުނު ބަޔާނުގައި ބުނީ އެމްޑީޕީގެ ހަރަކާތްތަކުގައި ސަރުކާރުގެ ވަޒީފާގައި އުޅޭ ފަރާތްތަކުން މިހާރުވެސް ބައިވެރިވާކަމަށެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އެޅުމަކީ އެމްޑީޕީގެ ސަރުކާރުން ކުރި ކަމެއްނަމަވެސް، މި ސަރުކާރަކީ އެފަދަ ކަންކަމާއި ގުޅިގެން ފިޔަވަޅު އަޅާނެ ސަރުކާރެއް ނޫންކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެއެވެ.