ޚަބަރު

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން: ރައީސް


  • އެސްއޯ ފުލުހުން ބޭނުން ނުކުރާނެކަމަށް

  • ޤައުމަށް ހަމަޖެހުން ގެނަންން ބޭނުންފުޅުވާކަމަށް

  • އެކަމުގައި އިތުބާރު އެބައޮތްކަމަށް ވިދާޅުވި

ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންއެފް އުފައްދާ ޖަލްސާއަށް އެސްއޯ ފުލުހުން ހުރަސްއެޅި އެޅުމާއިގުޅިގެން މީޑިއާއާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކޮށް، ނުވަތަ ހިފާ ހައްޔަރުކުރާ ބައެއްގެގޮތުގައި އޮންނަން ބޭނުން ނުވާކަމަށެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ފުލުހުންގެ މުއައްސަސާއަށް ކުރާ ތުހުމަތުތައް ނައްތާލާއި، ރައްޔިތުން އިތުބާރުކުރާ މުއައްސަސާއަކަށް ހެދުމަށްކަމަށެވެ.

"އަޅުގަނޑު ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮންނަން ބޭނުން. އެއީ އަޅުގަނޑުގެ ވަޢުދު." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެސްއޯ ފުލުހުން މަގުތަކަށް ނެރެ، ކުރިން ރާއްޖޭގައި ހިނގާފައިވާ ކަންކަން ތަކުރާރުވާން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ.

"އަޅުގަނޑު ރޭގަވެސް އެވާހަކަ ދެއްކި. ދައްކާ ނިމުނުއިރު މިއޮތީ އެކަން އެގޮތާ ޚިލާފަށް ހިނގާފަ. އެހެންވީމަ މިކަން ބަލާފަ ހަމައަކަށް އަޅުވާނަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅވީ އެއްވެސްކަމެއްގައި އެސްއޯ ފުލުހުން ބޭނުންކުރަން ބޭނުންފުޅު ނުވާކަމަށެވެ.

"ތަނަކަށް ގެއްލުމެއްދީ ރޯކޮށް މިފަދަ ކަމެއް ހިނގާ ހިސާބުން ދެން އިނގޭނެ އެންމެނަށްވެސް އެކަމު އެކަހަލަ ކަމެއްވެސް އިރާދަކުރެއްވިއްޔާ މީޤައުމުގަ ހިނގާ ހިސާބަށް ނުދާނެ. އެއަށްވުރެ މާހަމަޖެހޭ ޤައުމެއްގެ ގޮތުގައި މާ ހަމަޖެހޭ މުޖުތަމައަކަށް ކުރިއަށްގެންދާނީ. ޔަޤީންކަން އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕޮލިހާއި ފުލުހުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ އިރުޝާދަކީ ސިޔާސީގޮތުން އެއްވެސް މީހަކަށް ގޯނާއެއް ކުރުމަށް އެމަނިކުފާނުގެ އެއްވެސް އެންގުމެއް ނާންގަވާނެކަންކަމަށެވެ. ސަރުކާރުގެ އެއްވެސް ހިސާބަކުން އެކަމެއް ނުކުރާނެކަމަށާއި، އެކަމެއް ހިނގައިފިނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ފުލުހުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް ކަމަށާއި، ޚާއްޞަކޮށް ކުރީގައި ފެނުނުގޮތަށް އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް، ހިފާ ހައްޔަރުކުރުންފަދަ އެއްވެސް ކަމަކަށް ޖާގަ ދެއްވަން ބޭނުންފުޅުނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.