ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބާއްވަން އުޅުނު ޖަލްސާއަށް ހުރަސްއަޅައި އެސްއޯ ފުލުހުން ނުކުމެފައިވަނީ އެމަނިކުފާނުގެ ސީދާ އިރުޝާދާ ޚިލާފަށްކަމަށާއި، އެ އެންގުމާ ޚިލާފުވީ ބަޔަކަށް ފިޔަވަޅު އަޅުއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސްގެ ރަސްމީ ގެ މުލިއާގޭގައި ޢީދު ސަލާމްކުރެއްވުަމށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދަކީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރުންކަމަށެވެ. ކުރީގައި ރާއްޖެއިން ފެނުނުފަދަ ބަދަލު ހިފުމުގެ ރޫހު ނުގެންގުޅުއްވާނެކަމަށާއި، ސިޔާސީ ޚިޔާލު ފާޅުކޮށްގެން އެއްވެސް މީހަކަށް ދޭނެ އަދަބެއް ނޯންނާނެކަމަށް ރައީސް ވިދާޅުވާ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.
ނަމަވެސް ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް މަސައްކަތްކުރަނިކޮށް އެސްއޯ ފުލުހުން ހުރަސްއެޅި މައްސަލައަށް އިޝާރާތްކުރައްވާ ރައީސް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެކަމާ ހިތާމަކުރައްވާކަން ހާމަކުރައްވާ ރައީސް ވިދާޅުވީ، ހޯމް މިނިސްޓަރާއި، ކޮމިޝަނަރ އޮފް ޕޮލިސހާއި ފުލުހުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު މީގެ ކުރިން ދެއްވާފައިވާ އިރުޝާދަކީ ސިޔާސީގޮތުން އެއްވެސް މީހަކަށް ގޯނާއެއް ކުރުމަށް އެމަނިކުފާނުގެ އެއްވެސް އެންގުމެއް ނާންގަވާނެކަންކަމަށެވެ. ސަރުކާރުގެ އެއްވެސް ހިސާބަކުން އެކަމެއް ނުކުރާނެކަމަށާއި، އެކަމެއް ހިނގައިފިނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ފުލުހުން ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމަށް ކަމަށާއި، ޚާއްޞަކޮށް ކުރީގައި ފެނުނުގޮތަށް އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް، ހިފާ ހައްޔަރުކުރުންފަދަ އެއްވެސް ކަމަކަށް ޖާގަ ދެއްވަން ބޭނުންފުޅުނުވާކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރީގަ ފެނިފަ އެބަހުރި ހަމަ ޚިޔާލު ފާޅުކޮށްލާއިރަށް ޕިކަޕަށް އާޅާލައިގެން ނުވަތަ ވެހިކަލަށް ލައިގެން ގެންދަނީނޫންތޯ. އެކަން އަޅުގަނޑު ޤަބޫލެއް ނުކުރަމޭ މިޤައުމުގަ އޮންނަންޖެހޭނެކަމަކަށް. އެއީ އަޅުގަނޑު މިދަންނަވާ ހަމަޖެހުން ގެނައުމުގެ މާނައަކީ. ކްލިއާ އިންސްޓްރަކްޝަން ދީފައި އޮންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރީ ސަރުކާރުގައި މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބިގެން ކުރި މުޒާހަރާގައި ބައެއް ތަކެތި ހަލާކުކޮށްލާނެކަމުގެ ބިރު އޮތްއިރުވެސް އެސްއޯ ފުލުހުން ނުފޮނުވާ މަޑުކުރެއްވިކަމަށެވެ.
"އެހެން އޮއްވާ ރޭގަ މިފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއަރ އިންސްޓަރކްޝަން ދީފައި އޮންނާނީ އެއްގޮތަކަށްވެސް ނުވާނޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް. ފޮނުވަން ޖެހިއްޖާ އަޅުގަނޑަށް އެނގޭނޭ މިޤައުމުގަ އެހިސާބަށް ދިޔާމަ. އަޅުގަނޑު ދަންނަވާނަމޭ އެކަން ކުރަންޖެހިއްޖެއްޔާ. އެއީ ބައެއްގެ މުދަލަށް ގެއްލުންދީ ތަނެއްގަ ރޯކޮށް މީހުންނަށް އަނިޔާކޮށް މިކަހަލަ ކަންތައްތައް ނޫނީ މުގައްދަސްތަނަކަށް ނޫނީ މިސްކިތަށް ގެއްލުންދިން. އެނގޭނެ އެންމެނަށް. އިރާދަކުރެއްވިއްޔާ ނުވެސްދާނެ އެހިސާބަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެހާ ސާފުކޮށް ރައީސް އަންގަވާފައިވަނިކޮށް ހިނގާ ދިޔަ ކަންކަމާއި ގުޅިގެން ވަގުތުން އެކަމަށް އެޓެންޑުވިކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ވަގުތުން ހޯމް މިނިސްޓަރަށާއި، ކޮމިޝަނަރ އޮފް ޕޮލިސްއަށް ގުޅުއްވައި ކަން ހިނގައިދިޔަ ގޮތް ސާފުކުރެއްވިކަމަށެވެ. ސިޔާސީ އެއްވެސް ކަމަކަށް ހުރަސް އަޅުއްވައިގެން ނުވާނެކަމަށް އަންގާފައިވަނިކޮށް މިކަން ހިނގުމުން، މިކަމުގެ ތަހުގީގެއް ހިންގުމަށް ޢަމުރުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ދެންނެވިން ކީއްވެހޭ މިކަން މިހެން މި ހިނގީ. އަޅުގަނޑު ކްލިއަރ އިންސްޓްރަކްޝަން ދީފައި އޮތްކަމެކޭ. އަޅުގަނޑު ބޭނުމޭ މިކަން އިންވެސްޓިގޭޓުކުރެވެން. ކާކު ކޮންގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ ކިހިނެއް ހިނގި ކަމެއްތޯ. ހޯމް މިނިސްޓަރަށްވެސް އަޅުގަނޑު ވާނީ ދަންނަވާފައި މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެންޖެހޭނޭ އިންވެސްޓިގޭޝަން ހަދާފަ ރިޕޯޓެއް. އެއީ އަޅުގަނޑު ޓޮލެރޭޓުކުރާނެ ކަމެއް ނޫން. އަޅުގަނޑުގެ ސިޔާސަތު، ރައްޔިތުންނަށް ވީ ވަޢުދު. އަޅުގަނޑު ބޭނުމެއްނޫން ކުރީގެ ކަންތައްތައް މިތާގަ ތަކުރާރުވާކަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީއެންއެފްގެ ބޭފުޅުންނަށް އެ ޖަލްސާ ބޭއްވުމަށް ފަހިކުރެވެން އޮތް ކޮންމެ ކަމެއް ކުރެއްވުމަށް އެންގެވިކަމަށެވެ.
" އަޅުގަނޑު ދެންނެވި ސްޕޯޓްސް މިނިސްޓަރ ރާފިއުއަށް ގުޅާފަ މިހާރުން މިހާރަށް ރާފިއު ގުޅުއްވާށޭ ޕީއެންއެފްގެ އިސްވެރިންނަށް. ގުޅުއްވާފަ ދަންނަވާށޭ މިހާރުވެސް ހަމަ ބޭނުމިއްޔާ ސޯޝަލް ސެންޓަރު ލިބޭގޮތަށޭ. އެތަން ދެއްވާށޭ. ހިލޭ ދެއްވާށޭ ލާރިވެސް ނުނަގާ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މިއާއެކު މިނިސްޓަރ ރާފިޢު ޕީއެންއެފްގެ އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރ މުޙައްމަދު މަލީހުއަށް ގުޅުއްވައި އެތަން ލިބޭނެކަން ދެންނެވިއެވެ. އޭރު ޕީއެންއެފް ތައްޔާރުވީ ރާޅުގަނޑު ސަރަހއްދުގައި ޖަލްސާ ބޭއްވުމަށެވެ.
"އަޅުގަނޑު ދެންނެވިން އެއްވެސް ގޮތަކަށް އެސްއޯ ފުލުހެއްވެސް އަދި ނޯމަލް ފުލުހެއްވެސް ފޮނުވައިގެން ނުވާނޭ އެބޭފުޅުން ރާޅުގަނޑު ސަރަހައްދުގަ އެ ހިސާބުގަވެސް ފެނިގެން ނުވާނޭ. އަޅުގަނޑޫ ވަރަށް ދެކޮޅު ކަމެއްމީ. އަޅުގަނޑު ބޭނުމެއް ނޫން ކުރީގަ ހިނގިގޮތަށް ރާއްޖޭގަ ކަންކަން ހިނގާކަށެއް. އެހެންވީމަ އެއީ އެކަން ދިޔަ ގޮތަކީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ފުލުހުންގެ މުއައްސާއަށް އިތުބާރު ހޯދަންކަމަށެވެ. ފުލުހުންނަށް ކުރިން ކުރެވޭ އެކި ތުހުމަތުތައް ނިމުމަކަށް ގެންނަވަން ބޭނުންފުޅުވާންކަން ތަކުރާރުކުރައްވާ ރައީސް ވިދާޅުވީ ރޭ ހިނގާދިޔަ ކަންކަމުގެ އިސްވެސްޓިގޭޝަން ރިޕޯޓު ހޯދައި ފިޔަވަޅު އަޅާނެކަމަށް ރައީސް ވިދާލުވިއެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އިތުބާރު އަނބުރާ ހޯދަން ބޭނުންވާކަމާއި، ސަރުކާރަށް އިތުބާރު އޮންނަން ބޭނުންވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ބަޔަކަށްވެސް ސިޔާސީ ޕާޓީ އުފެއްދެން ޖެހޭނެކަމަށާއި، އެއީ ކޮންމެ ބަޔަކަށްވެސް އޮތް ހައްގެއްކަމަށެވެ. ޕީއެންއެފް އުފެއްދުމަށް ބޭނުންވާ ޤާނޫނީ ކަންކަން ފުރިހަމަކުރައްވާފައިވުމުން ރައީސް ވަނީ މަރުހަބާ ވިދާޅުވިއެވެ. މިއާއެކުވެސް ރައީސް ވިދާޅުވީ ޕީއެންއެފްވެސް އަދި އެހެންސިޔާސީ ޕާޓީއެއް އުފައްދަން ބޭނުންވާކަމަށްވވާނަމަ އެބަޔަކަށް އެ ފުރުޞަތު އޮންނާނެކަމަށެވެ. އެކަމަށް މަރުހަބާ ކިޔާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.