ދިވެހިރާއްޖޭގައި ކުށުގެ ވެއްޓަށް އަންނަ ބަދަލާއި ގުޅިގެން ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް އޮތްތަނުގައި ލީތަލް ވެޕަން ފޯރުކޮށްދޭން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ، ރާއްޖެ މިއަދު ޕްރޮގްރާމުގައި ކޮމިޝަނަރ ވިދާޅުވީ މިހާރު ހެދިފައިވާ ޤާނޫނުތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ ފުލުހުންނަށް އެކަށީގެންވާ ވަރަށް ބާރު ލިބޭ ކަމަށެވެ. އަދި ޤާނޫނުގެ ދަށުން މިހާރު ސްޕެޝަލައިޒްޑް އޮޕަރޭޝަންތައް ނުވަތަ ޚާއްޞަ އޮޕަރޭޝަންތައް ހިންގާ ޑިޕާޓްމަންޓުތަކުގެ ފުލުހުންނަށް ނޮން ލީތަލް ހަތިޔާރު ފޯރުކޮށްދީފައިވާއިރު ކުރިއަށް އޮތްތަނުގައި އެ ފުލުހުންނަށް ލީތަލް ހަތިޔާރު ވެސް ދޭން ޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިވަގުތަށް ލީތަލް ހަތިޔާރުގެ ބޭނުން ނެތް ނަމަވެސް ރާއްޖޭގައި ކުށްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުލުހުންނަށް އޮތް ނުރައްކާ އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، ސީންތަކަށް ދާ ފުލުހުންނަށް ނުރައްކާވާފަދަ ތަފާތު ހާދިސާތައް މިހާރު ވެސް ދިމާވަމުންދާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
"ފުލުހުންނަކީ އެންމެ ފުރަތަމަ ސީނަކަށް ގޮސް އެ ސީންގައި ހަރަކާތްތެރިވާ ބައެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ އޮފިސަރ ސޭފްޓީއަށް ނުރައްކާވާ ފަދަ ހާދިސާތައް ނުވަތަ ސީންތައް މިހާރުވެސް އަޅުގަނޑުމެންނަށް ކުރިމަތިވޭ. އެހެންވެ އަޅުގަނޑުމެންގެ އެންމެ ސްޕެޝަލައިޒްޑް ޚިދުމަތްދޭ ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާ ފުލުހުންނަށް ލީތަލް ވެޕަން ކުރިއަށް އޮތްތަނުގައި ކޮންމެވެސް މިންވަރަށް ފޯރުކޮށްދިނުން އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި މުހިންމު ކަމެއް." ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވިއެވެ.
ލީތަލް ހަތިޔާރު ފުލުހުންނަށް ދިނުމާ ގުޅޭގޮތުން އަދިވެސް ބަހުސް ކުރެވިދާނެކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
ފުލުހުންގެ ޤާނޫނުގެ ދަށުން މިހާރު ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ޑިޕާޓްމަންޓުތަކުގައި މަސައްކަތް ކުރާ އޮފިސަރުންނަށް ނޮންލީތަލް ހަތިޔާރު ފޯރުކޮށްދެއެވެ. މީގެ ތެރޭގައި މުގުރާއި ޓޭޒަރ ގަން ހިމެނެއެވެ.