ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމުގެ މަސައްކަތް ފެށުނީ ދައުރުގެ ފަހުކޮޅުކަމަށާއި، ނަމަވެސް އެއީ ހުރިހާ ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ފެށި މަސައްކަތެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.
އެމްޑީޕީން މާފަންނު ދެކުނު ދާއިރާގައި ކުރިއަށްގެންދިޔަ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޟް ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަމަށް މަސައްކަތް ކުރިކަމަށެވެ. ނަމަވެސް ބޯހިޔާވަހިކަމުގެ މައްސލައިގެ ހައްލަކާ ހަމައަށް ދެވުނީ ދައުރުގެ ފަހުކޮޅުކަމަށް ފައްޔާޟް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ރަނގަޅު ކަނޑުން ހިއްކާފަ މިދެނީ. އަޅުގަނޑުމެންނަށް އިނގޭ ހިއްކޭކަން، ހިއްކޭނެ މެޝިނަރީ ދުނިޔޭގަ އެބަހުރިކަން. ހިއްކަން ލާރި ލިބޭނެކަން. އަދި އެތަންތަންތަނަކީ ހިއްކޭނެ ތަންތަންކަން." ފައްޔާޟް އިސްމާޢީލް ވިދާޅުވިއެވެ.
ފައްޔާޟް ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ބޯހިޔާވަހިކަން ޙައްލުކުރުމަށް މަސައްކަތްކުރީ ގްރޭޓަރ މާލެ ސަރަހައްދު ބޮޑުކޮށްގެންކަމަށާއި، އެކަމުގައި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅުވެސް ހިމެނޭނެކަމަށެވެ.
ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ފައްޔާޟް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ޙައްލުކަމަށްވާ ރަސްމާލެއާއި މާލެއާ ދެމެދު ރައީސް ވިދާޅުވާ ޓަނަލް ނޭޅޭނެކަމަށެވެ. އެއީ ވާނެކަމެއް ނޫންކަމަށް ފައްޔާޟް ވިދާޅުވިއެވެ. އެކަމަށް އެންމެ މަދުވެގެން 200 ބިލިއަން ޑޮލަރު ބޭނުންވާނެކަމަށްވެސް ފައްޔާޟް ވިދާޅުވިއެވެ.
ފައްޔާޟް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގައި ބޯހިޔާވަހިކަމަށް މާލެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވަނީ ގިރާވަރުފަޅާއި ގުޅިފަޅުން ނުހިއްކާ ތަންތަނުންކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
އުތުރުތިލަފަޅުގައި ދިވެހި ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ހެއްދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށްވެސް ފައްޔާމް ވަނީ ފާޑުވިދާޅުވެފައެވެ. ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޟް ވިދާޅުވީ އުތުރުތިލަފަޅުގައި ދަނޑު ހެއްދިނަމަވެސް، އެމްޑީޕީގެ ސަރުކާރެއްގައި އެތަން ބޯހިޔާވަހިކަމަށް ބަދަލުކުރާނެކަމަށެވެ.
ފައްޔާޟް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އުފެއްދޭނެ ކާބޯތަކެތީގެ ހުރިހާ ބާވަތެއް ރާއްޖޭގައި އުފައްދައި، ކާބޯތަކެތީގެ ފުރިހަމަ ޔަޤީންކަން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ކަށަވަރުކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އުތުރުތިލަފަޅުން 200 ހެކްޓަރުގެ ބިން ހިއްކައި އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތި ޙައްދަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ އެކަމުގެ އެއްބަސްވުމުގައި ސަރުކާރުން ވަނީ ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފައެވެ.