ޚަބަރު

ސަން ކުންފުނިން ހިލްޓަންއަށް 31 މިލިއަން ޑޮލަރު ދައްކައިފި


  • އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ އެއްގޮތަށް ރިސޯޓު ނުހިންގުމުން

  • އަދިވެސް އެ ގެއްލުމުން ސަންއަށް އަރައިގަނެވިފައެއް ނުވޭ

  • ގާނޫނީ ފަރުވާތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން

ނ. އިރުފުށި ރިސޯޓު ހިންގުން ހިލްޓަންއާއި ހަވާލުކުރުމަށް ސޮއިކުރި މެނޭޖުމަންޓް އެއްބަސްވުން ބާޠިލުކުރުމާއި ގުޅިގެން ސިންގަޕޫރު އާބިޓްރޭޝަނުން ހިލްޓަންއަށް އެވޯޑުކުރި ފައިސާ ސަން ޓްރެވަލްސްއިން ދައްކާ ޚަލާސްކޮށްފިއެވެ.

އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދުގެ އިރުފުށި ރިސޯޓު ހިންގުމުގެ މެނޭޖުމަންޓް އެއްބަސްވުން ސަން ކުންފުނިން ބާޠިލުކުރީ 2013 ވަނަ އަހަރުއެވެ. މި މައްސަލާގައި ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ 24 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ސަން ކުންފުނީގެ މައްޗަށް ޢަމުރުކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ސަން ޓްރެވެލްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ، އެ ކުންފުނިން ހިލްޓަންއަށް ދައްކަން އާބިޓްރޭޝަނުން އެވޯޑުކުރި ފައިސާއާއި، އިންޓްރެސްޓުގެ ގޮތުގައި ޖުމުލަ 31.2 މިލިއަން ޑޮލަރު ސަންއިން ސީދާ ހިލްޓަންއަށް ދައްކާފައިވާކަމަށެވެ. އަދި ޤާނޫނީ ޚަރަދާއި އެނޫންވެސް ޚަރަދުތައް ހިމެނޭހެން އެކުންފުނިން 5.6 މިލިއަން ޑޮލަރު ހޭދަކުރަންޖެހުނުކަމަށްވެސް ސަން ޓްރެވެލްއިން ނެރުނު ބަޔާނުގައިވެއެވެ.


ސަން ޓްރެވެލްގެ ބަޔާނުގައި ހިލްޓަންއާއި ހަވާލުކޮށްގެން އިރުފުށި ހިންގި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ހިލްޓަންއިން ރިސޯޓް ހިންގަމުން ގޮސްފައި ވަނީ އިންތިހާއަށް ޚަރަދު ބޮޑުކޮށް، އަދި ގެއްލުން ބޮޑުކޮށެވެ. އެގޮތުން ރިސޯޓަށް ބޭނުންވާ ސަޕްލައި ގަތުމުގައިވެސް މަކަރުހަދައި، ސަންއަށް ގެއްލުންވާ ގޮތަށް އެކަށީގެންނުވާ ބޮޑެތި އަގުތައް ޖަހައިގެން ކޮންސިއުމަބަލްސް ގަތުންފަދަ ކަންކަން ކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ. މީގެ އިތުރުން ރިސޯޓަށް މުވައްޒަފުން ހޯދުމަށްޓަކައި މަސައްކަތްތެރިން ހޯދައިދޭ އެޖެންސީތަކަށްވެސް މާކެޓު ރޭޓާ ނުބައްދަލު ބޮޑެތި ޢަދަދުތަކުން ހިލްޓަންއިން އަގު ދައްކާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

އެރިސޯޓް ހިންގުމަށް ހިލްޓަންއިން އެއްވެސް ޚަރަދެއް ނުކުރާ ކަމަށާއި، ހުރިހާ ފައިސާއެއް ޚަރަދުކުރީ ސަން ޓްރެވަލްސް ކުންފުނިން ކަމަށްވެސް ބުންޏެވެ.
ރިސޯޓް ހިންގައިގެން ލިބޭނެ ކަމަށް ހިލްޓަނުން ލަފާކުރި އާމްދަނީ ނުލިބުމުން ސަން ކުންފުނިން ދައުލަތުގެ އިދާރާތަކަށް ފައިސާ ދެއްކީ ވެސް ސަންއާ ގުޅުން ހުރި އެހެން ކުންފުނިތަކުގެ އެހީތެރިކަމާއެކުކަމަށް ބަޔާނުގައިވެއެވެ. އޭގެ ސަބަބުން ކުންފުނީގެ ލޯނުތައް ރީޝެޑިއުލް ކުރުން ފަދަ ފިޔަވަޅުތައް އަޅަން ޖެހުނުކަން ސަން ޓްރެވެލްއިން ފާހަގަކުރިއެވެ.

ސަން ޓްރެވެލްގެ ބަޔާނުގައި އެގްރިމެންޓް ބާތިލް ކުރުމަށް ނިންމި ނިންމުމަކީ ބަނގުރޫޓުވަމުން ދިޔަ ކުންފުންޏެއް ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހުނު ކަމެއްކަމަށާއި، އެއީ ސަންގެ މަސްލަހަތު ރައްކާތެރިކޮށް، ކުންފުނީގެ ތަސައްވުރު ނަގަހައްޓައި، ދެމެހެއްޓުމަށް ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއްކަމަށް ބުނެފައިވެއެވެ. މެނޭޖްމެންޓް އެގްރީމެންޓާ ޚިލާފަށް ހިލްޓަންއިން ކުރަމުންދިޔަ ކަންތައް ހިލްޓަންގެ ސަމާލުކަމަށް ގެނައުމުންވެސް އިސްލާހްކޮށްފައި ނުވާކަމަށްވެސް ސަން ޓްރެވެލްސްގެ ބަޔާނުގައިވެއެވެ.

ވުމާއެކު އެއްބަސްވުން ބާތިލްކުރީ ސަން ކުންފުނިން ބަނގުރޫޓްވުމުން ސަލާމަތް ކުރުމަށްޓަކައިކަމަށް ބަޔާނުގައިވެއެވެ. އެއީ ސަންގެ މަޞްލަޙަތު ރައްކާތެރިކޮށް، ކުންފުނީގެ ތަޞައްވުރު ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކޮންމެހެން އަޅަން ޖެހުނު ފިޔަވަޅެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިލްޓަންގެ އަމަލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ސަން ކުންފުނިން އަދިވެސް މަސައްކަތް ކުރަމުން އަންނަކަމަށާއި، އެކަމަށްޓަކައި ގާނޫނީ ފަރުވާތައް ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ސަން ކުންފުނިން ބުންޏެވެ.

އިރުފުށި ރިސޯޓަކީ ނ. މެދަފުށީގައި ސަން އިން ޚަރަދުކޮށްގެން ތަރައްޤީކޮށް، 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ހުޅުވާފައިވާ 221 ކޮޓަރީގެ މައްޗަށް އެކުލެވޭ ފަސް ތަރީގެ ރިސޯޓެކެވެ. މިއީ ނ. އަތޮޅުގައި ހުޅުވި އެންމެ ފުރަތަމަ ޓޫރިސްޓު ރިސޯޓެވެ.