ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ޢަމަލުކޮށްފައިވާގޮތުން އެނގެނީ އިޚްލާސްތެރިކަން ނެތްމިންވަރުކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަން ބޭނުންވެފައިވާ ކޮންމެ ރައްޔިތަކަށް އެކަން ކަށަވަރުކޮށްދެއްވައި ރައީސްގެ އެ ވަޢުދު ފުއްދަވާނެކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެން މި މައްސަލަ ހައްލުކުރެއްވުމުގެ މަސައްކަތް ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ، އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާކަމަށެވެ. އެގޮތުން ގުޅިފަޅާއި ފުށިދިއްގަރުފަޅު އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ހީނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ މުހިންމު ޤާނޫނުތައް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން ކުރިއަށް ގެންދަވާކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ރިއަލް އެސްޓޭޓުގެ ބިލާއި އިޖުތިމާއީ ގެދޮރުވެރިކަމާއި ބެހޭ ބިލު މަޖިލީހަށް ހުށައަޅުއްވާފައިވާކަންވެސް ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ވަނީ ކުރީ ސަރުކާރަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިއޮވެ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާފައިނުވާކަމަށް ވިދާޅުވެފައެވެ. އެކަމުގައި ޢަމަލުކުރައްވާފައިވާގޮތުން ކުރީސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތްކަން ސާފުވާކަމަށްވެސް ހީނާ ވިދާޅުވިއެވެ.
"2018 ވަނަ އަހަރު އެމްޑީޕީއަށް ސަރުކާރު ލިބުނުއިރު، ހިޔާ ފުލެޓުތަކުގެ މަސައްކަތްތައް ނިމި ރައްޔިތުންނަށް ފުލެޓު ދިނުމާ ހަމައަށް މަސައްކަތްތައް ހުރީ ގޮސްފައި. ނަމަވެސް އެއިރުގެ ސަރުކާރުން އެ ފްލެޓުތަކުގެ ތަޅުދަނޑި ޙަވާލުކުރުމަށްވެސް 3 އަހަރު ހޭދަކުރި." ހީނާ ވަލީދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިހިނގާ އޭޕްރީލް 21ގައެވެ. މި އިންތިޚާބުގައި 93 ދާއިރާއަށް 386 ކެންޑިޑޭޓުން ވާދަކުރެއެވެ. މިއިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރައްވަނީ 89 ދާއިރާއަކަށެވެ.