ޚަބަރު

ސަރުކާރުގެ ސިޔާސަތާ ދެކޮޅު ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަ އޮތީ ގެއްލުން: ރައީސް


  • އެސްޑީއެފް ހިމާޔަތްކުރުމަކީ ރައީސްގެ ވަޢުދެއް

  • އެސްޑީއެފް ބިލު މަޖިލީހަށް ބަލައިނުގަތީ ސަބަބެއް ނެތި

  • ސަރުކާރު ހަވާލުވިއިރު އެސްޑީއެފްގަ ހުރީ 2 މިލިއަން ޑޮލަރު

ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު މަޖިލީހަށް ބަލައިނުގަތީ، ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު މަޖިލީހުގައި ތިބުމުންކަމަށާއި ސަރުކާރުގެ ސިޔާސަތާ ދެކޮޅު ބަޔަކު މަޖިލީހަށް ހޮވައިގެން ރައްޔިތުންނަ އޮތީ ގެއްލުންކަމަށް ރައިސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހެޅުއްވި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގެ ބިލު ބަލައި ނުގަތުމަށް އަންގާރަ ދުވަހު ބެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ވަނީ ފާސްކޮށްފައެވެ.،

މަޖިލިސް އިންތިޚާބުގައި ހޮޅުދޫ ދާއިރާއަށް ވާދަކުރާ ސަރުކާރު ކޯލިޝަންގެ ކެނޑިޑޭޓްގެ ކެޕްޕއިން ހަރަކާތެއްގައި މިކަމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، ސޮވްރިން ފަނޑުގައި ހުރި ޑޮލަރު ކުރީގެ ސަރުކާރުން ރުފިޔާއަށް ބަދަލުކުރި ކަމަށާއި އެކިކަހަލަ ބޭނުންތަކަށް ބޭނުން ޖެހުނީމަ ބޭނުން ކުރާ އެއްޗަކަށް ހެދިނަމަވެސް މިސަރުކާރުން އެފަންޑު ހިމާޔަތްކުރުމަށް ވީ ވައުދާއެއްގޮތަށް މަސައްކަތް ފެއްޓެވިކަމަށެވެ.

އެސްޑީއެފްގެ ބިލު ފާސްކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ހަމަމަގުން ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަކަށްވީނަމަވެސް ސަރުކާރުން ހުށަހެޅި ކަމާ ގުޅޭ ބިލު މަޖިލީހަށް ބަލައި ނުގަތީ އެއްވެސް ސަބަބެއް ނެތިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެފަދަ ވިސްނުމުގެ ބަޔަކު ހޮވައިގެން މިސްރާބު ދާނީ ގޯހަށްކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"ކޮބާތޯ ސަބަބު. އެއްވެސް ސަބަބެއް ނެތް. އެއޮތީ އެކަންވެސް ކުރެއްވި ގޮތް ފެންނަން. ދެން ކީކުރަންތޯ އެ ވިސްނުމުގައި ތިބި ބަޔަކު މަޖިލީހަށް ހޮވަންވީ. އެންމެ މިސާލަކުންވެސް ދޭހަކޮށްދޭ ސަރުކާރާއި ދެކޮޅަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކާއި ސިޔާސަތުތަކާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކު ހޮވައިގެން ވާނެ ފައިދާއެއް ނެތް ކަން. ވާނީ ގެއްލުންކަން. " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވިއިރު އެ ފަންޑުގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށާއި ނަމަވެސް ވޭތުވެދިޔަ 4 މަސް ދުވަހުގެ ތެރޭ 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އަމާޒަކީ އަހަރު ނިމޭއިރު އެ ފަންޑު 100 މިލިއަން ޑޮލަރާއި ހަމައަށް ގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.

ސޮވްރިން ޑިވެލޮޕްމެންޓް ފަންޑަކީ ސަރުކާރުގެ ދަރަނިތައް އަދާ ކުރުމަށް އެހީވުމަށް 2017 ވަނަ އަހަރު ޤާއިމް ކުރެވެނު ފަންޑެކެވެ. އެފަނޑުގައި ހުރި ޑޮލަރު މިދިޔަ ސަރުކާރުން ވަނީ ކޯވިޑުގެ ހާލަތުގައި ބޭނުން ކުރުމަށް މާރުކޮށްފައެވެ.

މި ސަރުކާރުން މަޖިލީހަށް ފަންޑާއި ގުޅޭގޮތުން ހުށެހެޅި ބިލުގައި އެ ފަންޑު ބޭނުން ކުރެވޭނީ އެންމެ ދެ ހަލާތެއްގައި ކަމަށް ވަނީ ހުށަހަޅާފައެވެ. އަދި ފަނޑު މެނޭޖްކުރުމަށް ކޮމެޓީއެއް އެކުލަވާލާ އިދާރީގޮތުން ފަންޑު ހިންގުމަށް އޮފީހެއް ޤާއިމް ކުރުމަށްވެސް ބިލުގައި ވެއެވެ.