މުނިފޫހިފިލުވުން

ވާހަކަ: ގަނާ


  • މިއީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ކުރުވާހަކަ މުބާރާތުގައި ބައިވެރިކޮށްފައިވާ ވާހަކައެއް

  • ލިޔުއްވީ: ހިދާޔާ ނަޢީމް، ރިހިގެ ހއ. ހޯރަފުށި

  • ހުށަހެޅުއްވީ: ހިދާޔާ ނަޢީމް، ރިހިގެ ހއ. ހޯރަފުށި

  • އެއަރކުރާ ދުވަސް: 25.03.2024

މި ރެއަކީ މިއީ، މީގެ 8 މަސްކުރިން އަހަރެން ކުރަމުންއައި ދިގު އިންތިޒާރެއްގެ ނިމުން އައި ރެއެވެ. ދިވެހި ފިލްމު އުފެއްދުމުގައި، ޚާއްޞަކޮށް އޯޑިއަންސް ރޮއްވާލާ ފަދަ ފިލްމުތައް އުފެއްދުމުގައި، ކުޅަދާނަ ޑައިރެކްޓަރ އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނާއިލާގެ "ގަނާ" ފިލްމުގެ ފުރަތަމަ ޝޯ އޮންނަ ރެއެވެ. މި ފިލްމުގެ ޓްރެއިލަރ ދެއްކީއްސުރެ، ފިލްމު އަޅުވާ ދުވަހަކަށް އަހަރެން ދިޔައީ ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުންނެވެ.

ފިލްމު ބެލުމަށް ޓަކައި އޮލިމްޕަހަށް ދާން ލާނެ ހެދުމަކާ ދޭތެރޭ އަހަރެން ވަރަށް ވިސްނީމެވެ. އަހަރެން ބޭނުންވަނީ އަހަރެންނަކީ ކާކުކަން އެހެން މީހުންނަށް ނޭނގޭނެހެން ހެދުން އަޅާށެވެ. އެހެންވެ، އަލަމާރި ހުޅުވާލާ ކޮނޑުގައި އަޅުވާލާފައި ހުރި ހައެއްކަ ހެދުމަށް ވަކިވަކިން ނަޒަރެއް ހިންގާލީމެވެ. އެ އަލަމާރީގައި މީހަކު ހިތްކިޔާކަހަލަ ރީތި ހެދުމެއް ނެތެވެ. ހުރީ މީގެ 5 ވަރަކަށް އަހަރު ކުރިއްސުރެ ވެސް ލަމުން އައި ހެދުންތަކެވެ. އެއިން ކޮންމެ ހެދުމެއް ލިޔަސް އަހަރެން ދަންނަ މީހުންނަށް އަހަރެންނަކީ ކާކުކަން ދެނެގަންނާކަށް މާ ގިނަ ވަގުތެއް ނުނަގާނެކަން ގައިމެވެ. މި ކަމާ ފިކުރު ބޮޑުވެފައި ހުއްޓާ ހަނދާނަށް އައީ އަހަރުތަކެއް ކުރިން ބައްޕަ ފަރާތުގެ ބޮޑުދައިތަ ހައްޖަށް ގޮއްސަ އައިސް ދިން ކަޅު ހެދުމެވެ. އެއީ ވެސް ބޮޑު ދައިތަ އަހަރެންނަށް ކުރި ޖެއްސުމެކެވެ. އަހަރެންނަކީ އެކަހަލަ ހެދުން ލާ

މީހަކަށް ނުވާތީ ބޮޑުދައިތަ ދިން ގޮތަށް އަލަމާރީގެ އެއް ކަނުގައި އެ ހެދުން އެބަ އޮތެވެ. އަވަސް އަވަހަށް އެ ހެދުން ނަގާ ދޮވެ ލުމަށް ފަހު، އިސްތިރިން ހިއްކާލީމެވެ. އެއަށްފަހު ފެންވަރާ ހަދާލައިގެން އަހަރެން ތައްޔާރުވާން ފެށީމެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރުހުޅުވާލާފައި އައިސް އެ ވަނީ އަހަރެންގެ މަންމައެވެ.

" މިއަދު ކޮން ގޮތަކަށް ހެދުން އަޅައިގެން ކޮންތަނަކަށް ދާން ތިއުޅެނީ" ނުރުހުމާއެކު މަންމަ ބުނެލިއެވެ.

"އޮލިމްޕަހަށް"

"އޮލިމްޕަހަށޭ. ކަލޭ. ކާކާއެކު ކޮން ސަކަރާތެއް ނުޖެހިގެންތަ ތި އުޅެނީ."

"އެއްވެސް މީހަކާއެކު އެއްވެސް ސަކަރާތެއް ޖަހާކަށް ނޫން. ފިލްމު ބަލާލަން." މަޑުމައިތިރި އަޑަކުން އަހަރެން ބުނެލީމެވެ.

"ކަލޭ ކުޅޭ ފިލްމުތައް މަދީތަ؟ ފިލްމު ބަލާށޯ. ކަލެއާ ހެދި މަ ބަލަންޖެހޭ ކިތައް ފިލްމު ކޮންމެ ދުވަހަކު މި ފެނިގެންދަނީ. މިރޭ ވެސް މީހުންތައް ސޯޝަލް މީޑިއާގައި ވާހަކަތަކެއް ނުފަތުރައިފިއްޔާ ހެޔޮ." މިހެން ބުނެފައި ބާރުބާރަށް ދޮރުލައްޕާފައި މަންމަ ހިނގައްޖެއެވެ. މިއީ މިހާރު އަހަރެންނަށް އާ ވާހަކަތަކެއް ނޫނެވެ. އިރުއަރާ އިރުއޮއްސޭ ކޮންމެ ދުވަހަކު މިފަދަ އެތައް ވާހަކައެއް އަހަރެން އަޑުއަހަން ޖެހެއެވެ. އެހެންކަމުން އެ ވާހަކަތައް ސިކުނޑިން ނެރެލުމަށް ފަހު ތައްޔާރުވާން ފެށީމެވެ.

ތައްޔާރުވާން ހުރި އިރު ވެސް އަހަރެންގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ. އަތުގައި މަޑުމަޑު ތުރުތުރެއް ވާކަމަށް އަހަރެންނަށް އިހުސާސްކުރެވުނެވެ. ހާސްވާގޮތެއް ވާހެން ވެސް ހީވިއެވެ. އެކަމަކު އަހަރެން ހާސްވާ ގޮތް ވާންވީ ކީއްވެ ހެއްޔެވެ؟ ބުނަން ނޭގޭ ކަހަލަ އިހްސާސްތަކެއް މި ކުރެވެނީ ކީއްވެ ހެއްޔެވެ؟ އެހެންޏާ ފަސްމިނިޓުން އަހަރެންނަށް ތައްޔާރުވެވޭ އިރު، މި ރޭ އަހަރެންނަށް އެތައް ވަގުތެއް މި ކަމަށް މި

ހޭދަކުރެވެނީ ކީއްވެބާވައޭ އަހަރެން ހިތަށް އަރަމުން ދިޔައެވެ. ތައްޔާރުވެ ނިމުމަށް ފަހު އެންމެ ފަހު ފަހަރަށް ލޯގަނޑުން އަހަރެންގެ ސޫރައަށް ބަލައިލީމެވެ. އާއެކެވެ. މޫނުބުރުގާގެ ފަހަތުގައި ފޮރުވިފައިވާ އަހަރެންގެ މޫނާއި ލާފައި ހުރި ހެދުމުގެ ސަބަބުން ހަމަޔަޤީނުން ވެސް އަހަރެންނަކީ ކާކުކަމެއް މިހާރަކު އެއްވެސް މީހަކަށް ނޭނގޭނެއެވެ.

ޝޯގެ ވަގުތު ފެށެން ބާކީ އޮތީ 30 މިނިޓެވެ. އޮލިމްޕަހާ ގެއާ ދުރުނޫންކަމުން އަހަރެން ދިޔައީ ހިނގާފައެވެ. ކާރޫބާރު ބޮޑު މާލޭގެ މަގުމަތިން ހިނގާފައި އުޅުމަކީ ވެސް ދަތިކަމެކެވެ. ޕާކުކޮށްފައިވާ އެތައް ސައިކަލަކާއި އެތައް ކާރެއްގައި ޖެހެއެވެ. ޕޭވްމެންޓެއް އޮތަސް އެތާ މަތިން ހިނގޭ ވަރު ވަނީ ނަންނުގައްޗެއް ދާހެން ހުރެގެންނެވެ. އޭސީތަކުން ފައިބަމުންދާ ފެންތަކުން ސަލާމަތްވާން އަރިއަކަށް ޖެހިލާއިރަށް ކޮންމެވެސް ގެއަކުން ނެރެފައިވާ ކުނިއެއްޗެއްގައި ނޫނީ ފިހާރައަކުން މުދާހުސްކޮށްފައި ހުރި ފޮށިގަނޑެއް ނުޖެހިދެވެނީ މަދު ފަހަރަކުއެވެ. މިފަދަ ހާލެއްގައި މަޖީދީމަގަށް ނުކުމެވުނު އިރު ދިގު ކިޔު ލައިން އޮތެވެ. އަހަރެން ވެސް ކިއުލައިނަށް ވަނީމެވެ. ގާތުގައި ހުރި އަހަރެންގެ އަވަށްޓެރިޔާ ފެނުމުން އަހަރެންނަށް ތެޅިގަނެވުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އަހަރެން ހަމަޖެހިލީ އޭނާގެ މޫނުމަތިން ކަމެއް ރޭކާލިހެން ހީނުވުމުންނެވެ. އެހިސާބުން އަހަރެންނަށް ޔަގީންވީ އެހެން މީހުންނަށް އަހަރެންނަކީ ކާކުކަން ނޭނގޭނެ ކަމަށެވެ.

އޮލިމްޕަހުގެ ދޮރުން އަހަރެންނަށް ވަދެވުނުއިރު 9 ޖަހަން 10މިނެޓަށް ވެއްޖެއެވެ. އެއިރުވެސް މީހުންތައް ވަންނަމުންދިޔައެވެ. ހައުސްފުލް ޝޯއަކަށް ވުމުން އެ ތަނުގެ ތެރޭގެ ހަލަބޮލިކަން ވެސް ވަކި ކުޑައެއް ނޫނެވެ. މީހުންގެ ގައިން ނެއްޓުމުން ފިރުކެމުން ކަހަލަ ގޮތަކަށް ގޮސް އަހަރެންގެ ގޮނޑީގައި އިށީނދެ ވަށައިގެން ބަލައިލީމެވެ. މީހުންތައް ތުންގުޅުވާލައިގެން ފިލްމުގެ ޓްރެއިލަރގެ ވާހަކަތައް ދައްކަމުން ދިޔައެވެ.

ޙަޤީޤީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމު ބެލުމަށް އެންމެން ވެސް ތިބީ ކެތްތެރިކަމެއް ނެތި އިންތިޒާރުގައެވެ.

ބާރާބަރު 9 ޖެހުމާއެކު ފިލްމު ފެށިއްޖެއެވެ. ހޯލުތެރެއަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ފެންނަމުން ދިޔައީ ރާއްޖޭގެ ހިތްގައިމު ރަށްތަކުގެ ތެރެއިން ރަށެއްގެ އަތިރިމަތީ ދޮންވެލިގަނޑުމަތީގައި ކުރަހާފޮތަކާއި ފަންސުރެއް ހިފައިގެން މޫދާވީ ފަރާތަށް ބަލަހައްޓައިގެން އިން ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ވަށައިގެން ތިބި މީހުން އެ އަންހެން ކުއްޖާއާ ދިމާއަށް ފާޑަކަށް ބަލަމުން ދިޔައެވެ. އެއްވެސް މީހަކު އެ ކުއްޖާގެ ގާތަކަށް ނުދެއެވެ. ބައެއް ކުޑަކުދިން އޭނާ ފެނުމާއެކު ބިރުން ރޯންފަށައެވެ. އެއިން ކޮންމެ ފަހަރަކު އަޑު އަންނަ ދިމާއަށް އެ އަންހެން ކުއްޖާ ބަލާލައެވެ. ކަރުނަވީ ދެލޮލަކުންނެވެ. އެއަށްފަހު އަނެއްކާ ވެސް ކުރަހާފޮތަށް އޭނާގެ ނަޒަރު ސީދާކޮށްލައެވެ. އޭނާ ކުރަހަމުންދަނީ ކުޑަކުއްޖަކަށް އަނިޔާ ދޭ މަންޒަރެކެވެ. ދުރުގައި އެ މަންޒަރު ބަލަން ބަޔަކު ތިބޭ ތަނެވެ. ކުއްލިއަކަށް މީހަކު އައިސް އެ ކުއްޖާގެ ގާތުގައި މަޑުކޮށްލުމުން ސިއްސައިގެން ގޮސް އެ ކުއްޖާ އެ މީހާއާ ދިމާއަށް ބަލައިލިއެވެ. އަންހެން ކުއްޖާގެ މޫނު ސާފުކޮށް ފެނިގެން ދިޔަ އެ ވަގުތު މުޅި އޯޑިއަންސަށް ވެސް ލިބުނީ ސިހުމެކެވެ. ބައެއް މީހުންނަށް ހަޅޭއްލައިވައިގަނެވުނެވެ. އަނެއް ބަޔަކަށް "އޯނޯ" އޭ ބުނެލެވުނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެ މޫނުގެ އެއްފަޅި ވަނީ އެއްކޮށް ފިހިފައެވެ. ނުފިހި ހުރި ފަޅީގައި ހުރި ލޯ ވެސް ހުރީ ފާޑަކަށެވެ. އެހެންވެ ފެންނަނީ ބިރުވެރި ގޮތަކަށެވެ. އެ ވަގުތު އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާގަތެވެ. ކައިރީގައި ތިބި މީހުންނަށް ސިއްރުން އަތުގައި އޮތް ރުމާލުން، މޫނުފޮތިކޮޅުގެ ދަށުން ކަރުނަ ފުހެލީމެވެ.

އެ އަންހެން ކުއްޖާގެ ގާތުގައި މަޑުކޮށްލީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނާއިލާއެވެ.

" ކޮއްކޯ ކިހިނެއް ވެފަ ކޮންމެ ދުވަހަކު މި އަތިރިމަތީގައި އެކަނި ތި އިންނަނީ. ކޮން އެއްޗެއް ތި ކުރަހަނީ؟" ނުހަނު ލޯތްބާއެކު ނާއިލާ ބުންޏެވެ.

ނާއިލާގެ އޯގާވެރިކަމުގެ އަޑު ޖެހުމުން އެ ކުއްޖާގެ ލޮލުން ހިފެހެެއްޓުމެއް ނެތި ކަރުނަ ފައިބާގަތެވެ.

" ނުރޮއި ކޮއްކޯ. ވީގޮތެއް ބުނެބަލަ.އަހަރެންނަށް ކޮއްކޮއަށް އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ"

އެވަގުތު އެ ކުއްޖާގެ ލޮލުން އުއްމީދުގެ އަލިކަމެއް ފެނިގެން ދިޔައެވެ.

"ޔަޤީންތަ؟ އެކަމަކު ... އަޅުގަނޑަށް އެހީވާން ތީ ކާކު ކަމެއް ވެސް އަޅުގަނޑަކަށް ނޭނގޭ."

"އަހަރެންމީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ނާއިލާ. ނޭނގުނުތަ؟"

"ނޫން މިހާރު އެނގިއްޖެ. ޓީވީއިން ފެންނަގޮތާ ކުޑަ ތަފާތެއް ހުރީމަ ޔަޤީން ނުވީ؟"

"މި ކުރެހުމާއި ކޮއްކޮގެ ހަޔާތާ އޮތީ ކޮން ގުޅުމެއް؟" މި ސުވާލާއެކު އެ ކުއްޖާ އަނެއްކާ ބާރުބާރަށް ރޮއިގަތެވެ. "އަޅުގަނޑު ސަލާމަތްކޮށްދީ... އަޅުގަނޑު މި ތަނުން ގެންދޭ، ޕްލީޒް އަޅުގަނޑަށް އެހީތެރިވެދީ."

"ކޮއްކޯ ނިކަން ހަމަޖެހިބަލަ... ވީ ގޮތް ކިޔައިދީބަލަ."

އެ އަންހެން ކުއްޖާ ކިޔައިދޭ ވާހަކައެއްގެ ގޮތަށް ފިލްމު ކުރިޔަށް ދާން ފެށިއެވެ. އާދައިގެ ޢާއިލާއަކަށް ދެވަނައަށް ލިބުނު އަންހެން ކުއްޖެކެވެ. ސިފަ ކަޅުވެފައި އެއް ލޯ ރަނގަޅަށް ހުޅުވިފައި ނުވާ ޖިސްމާނީ އުނިކަމެއް ހުރި ކުއްޖެކެވެ. ވިހޭ ދުވަހުން ފެށިގެން މަންމައާއި ބައްޕަގެ ނުރުހުން ލިބެމުންދިޔައެވެ. އެހެން ކުދިންނަށް އަޅާލުމާއި ލޯތްބާއި ކުލުނު ލިބެމުން ދާއިރު އެއިގެ ޒައްރެއްގެ މިންވަރު ވެސް އެ ކުއްޖާއަށް ޙައްޤުވާނެކަމަކަށް އެމީހުން ނުދެކެއެވެ. ތަންތަނަށް ދާއިރު ވެސް ދަނީ ގޭގައި އެކަނި ބަހައްޓާފައި ނޫނީ

ބައްޕަ ފަރާތު ބޮޑު ދައިތަގެ ގާތުގައި ބަހައްޓާފައެވެ. ބޮޑުދައިތަ ވެސް އެ ކުއްޖާ ބަލަނީ ބަލާހިތަކުންނެއް ނޫނެވެ. މަޖުބޫރުވެގެންނެވެ.

މި ގޮތަށް ބޮޑުދައިތަގެ ގާތުގައި އެ ކުއްޖާ ބަހައްޓާފައި އެ ކުއްޖާގެ މަންމަމެން ކައިވެނީގެ ހަފްލާއަކަށް ދިޔަ ދުވަހެކެވެ. ބޮޑުދައިތަ އަވަދިނެތި ކައްކަން އުޅުމުގެ ތެރޭގައި ރިހަތެލި ބަންޑުންވީ އެކުއްޖާގެ ގަޔަށެވެ. އެ ދުވަހު އެ ކުއްޖާއަށް ވަރަށް ބޮޑުވަރުވިއެވެ. މޫނާ އެކު ކަނާތްފަރާތް އެއްކޮށް ފިހިގެން ދިޔައެވެ. މި ވާހަކަ އަޑުއިވުމުން ދުނިޔޭގެ ލަދަށް މައިންބަފައިން އައި ނަމަވެސް އެ މީހުންނަށް އެކަމުން މާބޮޑު އަސަރެއް ނުކުރެއެވެ. އެ މީހުންގެ ވާހަކަތަކުން ދޭހަވީ އެ ކުއްޖާ ދުނިޔޭގެ ނެތްނަމަ އެ މީހުންނަށް މާ ރަނގަޅުވީސް ކަމެެވެ. ޑޮކްޓަރުން ލަފާ ދިންނަމަވެސް އިތުރު ފަރުވާ ހޯދާކަށް ރާއްޖެއިން ބޭރަށް ގެންދާކަށް އެ މީހުން ބޭނުމެއް ނުވިއެވެ. ހަސްފަތާލުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހު އެ ކުއްޖާ އޮންނަން ޖެހުނު އިރު، ގިނައީ އެ ކުއްޖާގެ ގާތުގައި މީހަކު ނެތްއިރުތަކެވެ.

ސްކޫލަށްދާ އުމުރު ފާއިތުވެ އެތައް އަހަރެއް ދިޔަފަހުން، މީހުން ކިޔާފާނެ އެއްޗަކަށް ބަލައި، ރަށު މަދަރުސާގެ ގްރޭޑް 3އަށް ވެއްދިއެވެ. ލިޔަންކިޔަން ދަސްވެފައި ނުުވުމާއެކު ކުލާހުގައި ކިޔަވައިދޭ އެއްޗެއް ނޭނގެއެވެ. އެކަމާ ކިޔަވައިދޭ ޓީޗަރުންގެ ފަރާތުން ވެސް ލިބެމުންދަނީ ނުރުހުމެވެ. ކުލާސްކުދިންގެ ފަރާތުން އެ ކުއްޖާއަށް ކުރިމަތިވާން ފެށީ މަލާމާތާއި ފުރައްސާރައެވެ. ބައެއް ކުދިން ކުދިކުދި އަނިޔާތައް ވެސް ކުރަމުން ދިޔައެވެ. ދޭތެރެއަކުން ފަންސުރާއި ގަލަން ހަރާލުން ފަދަ އަނިޔާތައް ވެސް ދެމުންދެއެވެ. ބައެއް ފަހަރު ފާހަނާކުރަން ގޮސް ހުއްޓާ ބޭރުން ތަޅުލާ ވެސް ހަދައެވެ. މިފަދަ އެތައް ދުވަހެއް އެ ކުއްޖާ ދެކެފައި ވެއެވެ. ބައެއް މުދައްރިސުން މިކަމާ ވާހަކަދެއްކުމުން ފަހަކަށް އައިސް އެފަދަ ގޯނާތައް ކުރަމުންދަނީ މުދައްރިސުންނަށް ސިއްރުންނެވެ. ގެއަށް އައިސް ރޮއިރޮއިފާ އެ ވާހަކަތައް މަންމަ ގާތުގައި ބުނުމުން އިތުރަށް ލިބެނީ އަނިޔާއެވެ. ނުރުހުމުގެ ބަސްތަކެވެ.

މިފަދަ ޙާލެއްގައި މަތީ ގްރޭޑްތަކަށް ދިޔައިރު، ރުހުމާއެކު ބަލާލާ ކުއްޖަކު މުޅި އެ ސްކޫލުގައި ވެސް ނެތެވެ. ގާތުގައި އިށީންނަށް ކަމުނުދާ ތާނގައި ކުއްޖެއްގެ އަތުގައި އޮންނަ އެއްޗެއް ބޭނުމެއް ޖެހިގެން ބުންޏަސް ދިއްކޮށްނުލައެވެ. މިއާއެކު ފާޑުފާޑުގެ ނަންނަމުން އެ ކުއްޖާއަށް ގޮވަމުން ދެއެވެ. "ލޯކަނު ކުއްޖާ"، "ލޯނެތް ކަޅު ފާތުމާ" ފަދަ ނަންނަމުން ގޮވަމުންދެއެވެ. މިފަދަ ހިތްދަތިކަމުގައި ބައެއްފަހަރު ބައެއް މާއްދާއިން ފާސްވަމުން އަނެއްބައި ފަހަރު ފެއިލްވަމުން ގޮސް ސްކޫލު ދައުރު ނިންމާލައިފިއެވެ.

ބޮޑު ސްކްރީނަށް "އިންޓަމިޝަން" އެރުމާއެކު މުޅި ހޯލު ދިއްލިގެން ދިޔައެވެ. އަހަރެން އަނެއްކާ ވެސް މޫނު ފޮތިކޮޅުގެ ދަށުން އަވަސް އަވަހަށް ލޯ ފުހެލީމެވެ. އަހަރެންނަށް ކޮށްފައިވާ އަސަރު މީހަކަށް ފެނިދާނެއޭ ހިތައެވެ. އިސާހިތަކު ހޯލުތެރެ ހަލަބޮލި ވެގެން ދިޔައެވެ. ފިލްމުގެ އެކި މަންޒަރުތަކުން އެބަޔަކަށް ކަމުދިޔަ ބަޔަކާ ބެހޭ ގޮތުން ވާހަކަދައްކަމުން އެއްބަޔަކު ބޭރަށް ނުކުތްއިރު، އަނެއް ބަޔަކު ހޯލުގައި ތިބެގެން ފިލްމުގެ ވާހަކަތައް ދައްކަމުންދިޔައެވެ. އެވަގުތު އަހަރެންގެ އަތްދަބަހުން ފޯނު ވައިބްރޭޓްވާން ފެށިއެވެ. ދަބަސް ހުޅުވާލާ ފޯނުނެގީމެވެ. ފޯނުގެ ސްކްރީނަށް އަރާފައިވާ ނަން ފެނުމުން ލުއިލުއި ހިނިތުންވުމަކާއެކު "ހަލޯ" ބުނެލީމެވެ.

"ފިލްމު ކަމުދޭތަ؟" އަހަރެން މަޑުމަޑުން "ހޫމް" އޭ ބުނެލީމެވެ. އެވަގުތު އެކޮޅުން ރޮނީތޯއާއި ތިހާ ހިތްބަލި ކުދިން މި ޒާތުގެ ފިލްމު ބަލާކަށް ނުވާނެޔޭ ބުންޏެވެ. އަދި ފަހުން ގުޅާނެ ވާހަކަ ބުނެފައި ފޯނު ކަނޑާލިއެވެ.

އަހަރެން ފޯނު ދަބަހަށް ލުމުން ގާތުގައި އިން ގާތްގަނޑަކަށް ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ހަށިގަނޑުން ބިޔަ އަންހެން މީހާ އަހަރެންނާ ސުވާލުކުރިއެވެ.

"މިއީ އަސްލު ވެސް ސްކޫލުތަކުގައި ހިނގާ ކަންތައްތަ؟ ހަމަ މިފަދަ ކަންތައްތައް މި މުޖުތަމަޢުގައި ހިނގާތަ؟ އަހަރެންނަށް ބޭ އިޚްތިޔާރުގައި އަޑަށް ބާރުލާފައި "އާނއެކޭ" ބުނެވުނެވެ. އެ މީހާ އަހަރެންނާ ދިމާއަށް

ފާޑަކަށް ބަލާލާފައި ހާދަ ޔަގީންކަމާއެކުގައި ތިހެން ތިބުނީ މިކަހަލަ މަންޒަރެއް ފެނުނީތޯއޭ އެހިއެވެ. އަހަރެން ވަގުތުން މައުޟޫޢު ބަދަލުކޮށްލުމަށް ޓަކައި އެމީހާ އަތުގައި ފެންފުޅިއެއް ނެތްކަން އެނގި ހުރެ ފޮންފޮދެއް ނެތްތޯ އަހާލީމެވެ. އެހާހިސާބުން އިންޓަވަލް ގަޑި ނިމި މީހުންތައް ހޯލަށް ވަންނަން ފަށައިފިއެވެ. އަންހެންމީހާ ފެންފޮދެއް ނެތޭ ބުނުމަށް ފަހު އިތުރުވާހަކައެއް ނުދައްކައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ފިލްމު ފެށިއްޖެއެވެ.

"މަންމާ! އަޅެ ނެތްތަ 500 ރުފިޔާ ދެވެން. ރީތިވާ ސާމާނު ހުސްވެގެން މި އުޅެނީ." އާދޭސްކުރާ ރާގެއްގައި ފާތުން ބުނެލިއެވެ.

"ކިތައް ފަހަރު ބުނެފިން ކަލެއަށް ޚަރަދުކުރާކަށް އަހަރެމެންގެ އަތުގަ ލާރިއެއް ނެތޭ. އެހެން ނޫނަސް މިހާރު ތިހުރީ ބޮޑުވެފަ. އަމިއްލަ މަސައްކަތުން ކައިގެން އުޅެންވީނު." ނުރުހިފައި މަންމަ ބުންޏެވެ.

"އަޅުގަނޑު މި އުޅެނީ އެކި ތަންތަނަށް ލައިގެން. އަދި އެދެވޭ ޖަވާބެއް ނުލިބޭ."

"ހެހެ.ކިތައްމެ ރީތިވާ ސާމާނެއް ލިޔަސް ތިޔަށްވުރެ ރީއްޗެއް ނުވާނެ." ފާތުންގެ ދޮންދައްތަ މަލާމާތުގެ ހިނިގަނޑަކާ އެކު ބުނެލިއެވެ.

"މިގޭ ގޮދަންފުށް ބަސްތާއިން ފެންވަރަންވީނު. ކުލަ އަލިވޭތޯ ބަލަން. ދޯ ދޮންތީ." ފާތުންގެ ކޮއްކޮ ބުނެލިއެވެ. އެއާއެކު އެ ދެބެން ހިނިގިނޑެއް ޖަހާލިއެވެ. ފާތުންގެ ހިތުގައި ވަރަށް ޖެހުނެވެ. އިސްޖަހާލައިގެން ހުރެ ގޮސް އެ ވަނީ ކޮޓަރިއަށެވެ. މައިންބަފައިންގެ ފަރާތުން ލޯތްބެއް ނުލިބޭ ތާނގައި އެއްބަނޑު އެއްބަފާ މީހުން ވެސް ކުރަނީ މަލާމާތެވެ. ވަޒީފާއެއް ލިބިއްޖެނަމަ، މި ގޭގައި ނުހުންނާނަމޭ ފާތުންގެ ހިތަށް އަރަމުންދިޔައެވެ.

ހަމައެކަނި އާޓްސް މާއްދާއިން ފާސްވެފައިވުމުން ގިނަ ވަޒީފާތަކަށް ޝަރުތު ހަމައެއް ނުވެއެވެ. ޝަރުތުހަމަވާ ތަންތަންނުން ވެސް އޭނާގެ ކިބައިގައި ހުރި ޖިސްމާނީ އުނިކަމުގެ ސަބަބުން ނޫނެކޭ ބުނަމުންދިޔައެވެ. އެކަމަކު ވެސް ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން އަމިއްލަ ބަޔަކު ހިންގާ ކުންފުންޏަކުން މަސައްކަތު މީހެއްގެ ވަޒީފާއެއް ލިބުނެވެ. އެއީ ވަރަށް ބޮޑު ވަރުކަމުގައި ދެކެ ވަޒީފާއަށް ނުކުންނަން ފެށިއެވެ. މާގިނަ މީހުން އުޅޭ ތަނަކަށް ނުވި ނަމަވެސް އެތަނުން ވެސް އޭނާއާ ދިމާވާން ފެށީ ހިތްދަތިކަމެވެ. ރުހުމުގެ ލޮލަކުން ބަލާލާ މީހަކު ނެތެވެ. ހިތްހެޔޮ ކަމާއެކު އަނގައިން ބުނެލާނެ މީހަކު ނެތެވެ. އެ މާހައުލުން ވެސް އޭނާއަކީ އެކަނިވެރިއެކެވެ. ނަމަވެސް ކެތްކޮށްގެން ކުރިޔަށް އެ ދަނީ ފަންސަވީސް ލާރިއަކީ ވެސް މިއަދު އޭނާއަށް މުހިއްމު އެއްޗެއް ކަމުގައި ދެކިގެންނެވެ.

އާދައިގެ މަތިން މިއަދު ވެސް ފާތުން އޮފީހަށް ދިޔައީ ވަކި ތަފާތެއް ނެތް ދުުވަހެއްގެ ގޮތުގައި ދެކިގެންނެވެ. އޮފީހަށް ވަތްއިރު މިއަދު އޮފީހުގައި އާ ފިރިހެން ކުއްޖަކު ހުއްޓެވެ. ހެދި ހުރި ހަށިގަނޑެއްގެ ފިރިހެންވަންތަ ޒުވާނެކެވެ. ފުރަތަމަ ނަޒަރުން ވެސް ފާތުންގެ ހިތް އޭނާއަށް ވަގުފުކުރެވުނެވެ. އެއީ އެ އޮފީހުގެ ވެރިޔާގެ ދަރިފުޅު އަރީޝްކަމަށް އަމިއްލައަށް ތަޢާރަފްވެލިއެވެ. އަދި އޮފީހުގެ ކޮންމެ މުވައްޒަފެއްގެ ތައާރަފެއް އަހާލުމަށް ފަހު ފާތުންއާ ވެސް ސުވާލުކުރިއެވެ. ފާތުން ތުރުތުރުއަޅާ އަޑަކުން އަޅައަޅައިގަންނަމުން އޭނާއަށް ކިޔަނީ ފާތުންކަަމަށާއި މަސައްކަތަކީ ކުނިކަހާ ސާފުުކުރުންކަމަށް ބުންޏެވެ. އެވަގުތު އޮފީސްކުދިން އޭނާއާ ދިމާއަށް ބަލާލާފައި ސިއްރުސިއްރުން އެއްކުއްޖަކު އަނެއް ކުއްޖެއްގެ ގާތުގައި އެއްޗެއް ބުނެލުމަށްފަހު މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ. މިމަންޒަރު އަރީޝަށް ފެނުމުން އެންމެންނާ މެދު އެއް ހިތެއް ގެންގުޅުމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އެމީހުންނަށް އެންގިއެވެ. އެވަގުތު ފާތުންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހިގަތެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އޭނާގެ ހަޔާތުގެ ފާއިތުވެ ދިޔަ 21 އަހަރުގެ ތެރޭގައި އޭނާގެ ދިފާއުގައި މީހަކު އެއްޗެއް ބުނެލި މިއީ ފުރަތަަމަ ފަހަރެވެ. ފާތުންގެ ހިތުގައި އަރީޝަށް އޮތް ޤަދަރު އިތުރުވެގެން ދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ދާ ވަރަކަށް ފާތުންނާއި އަރީޝްއާ ދެމެދު ދެކެވޭ ވާހަކަތައް ގިނަވާން ފެށިއެވެ. ދެމީހުން އެކުގައި ވާހަކަދައްކަން ތިބޭ ތަން އޮފީސް ކުދިންނަށް ފެންނާން ފެށިއެވެ. މިކަން އެ އޮފީހުގެ ކުދިންނަކަށް ބަލައެއް ނުގަނެވުނެވެ. ޚާއްޞަކޮށް މީޝާއަށެވެ. އެއީ މީޝާއަށް އަރީޝް ކަމުދާތީއެވެ. އެހެންވެ މީޝާ އިސްވެ ހުރެ، ރަނގަޅު ރޭވުމެއް ރޭވިއެވެ. އެގޮތުން ފާތުންގެ ނަމުގައި އަރީޝަށް ލޯބީގެ ސިޓީއެއް ލިޔެފައި، އަރީޝް ސޮއިކުރަންޖެހޭ ފައިލްގެ ތެރެއަށް ލާފައި އަރީޝަށް ހަވާލުކުރުމަށް ފާތުން އަތަށް ދިނެވެ. ފާތުން ހެވިލާފައި އެ ފައިލް ހިފައިގެން އަރީޝްގެ ކެބިންނަަށް އެ ދަނީ މި ދެވެނީ ކިހާވަރެއްގެ އެއްޗެއް ހިފައިގެންކަން ނޭނގި ހުރެއެވެ. ފާތުން ފައިލް ހިފައިގެން ދިޔައިރު އަރީޝް މަސައްކަތެއްގައި އަވަދި ނެތި އުޅޭތީވެ ފައިލް މޭޒުމަތީގައި ބޭއްވުމަށް ބުންޏެވެ. ފާތުން ފައިލް ބާއްވާފައި ބޭރަށް ނުކުތެވެ.

އެއިގެ ގަޑިއެއްހާ އިރު ފަހެވެ. ފާތުން އެކި ތަންތަން ސާފުކުރުމުގައި އަވަދިނެތި އުޅެނިކޮށް އަރީޝް ގޮވާލުމުން އަވަސް އަވަހަށް ކުރަން ހުރި މަސައްކަތް ދޫކޮށްލާފައި އަރީޝްގެ ގާތަށް ދިޔައެވެ. އަރީޝް ހުރީ ކެބިންގެ ބޭރުގައި މަޑުކޮށްލައިގެން ރުޅިއައިސްފައިވާ ގޮތަކަށެވެ. އަރީޝްގެ މިއަދު އެ ގޮވާލުމުގައި ހުރީ ނުރުހުމެވެ. ނަފްރަތެވެ. އެވަގުތު އޮފީހުގެ އެހެން މުވައްޒަފުން ވެސް އެތަނަށް ޖަމާވިއެވެ. އެ އެންމެންގެ ކުރިމަތީގައި މިއީ ކޮން ސިޓީއެއްހޭ ސުވާލުކުރިއެވެ. ފާތުން އެއަށް ޖަވާބުދޭން އަނގަ ހުޅުވާލިތަނުން މިފަދަ އަމަލެއް ކުރަން ލަދުނުގަންނަނީތޯ ސުވާލުކުރިއެވެ. އަދި އޯގާތެރިކަމާއެކު ވާހަކަދައްކާލުމަކީ ލޯބި ހުށަހަޅަން ދެވޭ ދައުވަތެއް ނޫންކަމުގައި ބުނެ އެ ސިޓީ ވީދާ ކުދިކޮށްލިއެވެ. އަދި މީގެ ފަހުން އޭނާ ފެންނަ ހިސާބަށް އައިސްގެން ނުވާނެކަމަށް ބުނެ އިންޒާރުދިނެވެ. ފާތުންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަރީޝަކީ ހަޤީޤަތް ނުބަލާ ގޮތް ނިންމާފާނެ މީހެއްކަމަށް ފާތުންގެ ހިތަކަށް ނާރައެވެ. އަމިއްލަ ނަފަސުދެކެ ފުރަތަމަ ފަހަރަށް ފާތުންނަށް ރުޅި އާދެވުނެވެ. ހުރިހާ ވެސް މައްސަލައަކީ ފާތުންގެ ސޫރަކަމުގައި ފާތުން ޤަބޫލުކުރިއެވެ. އަދި ދުވަހެއްގެ ކޮޅުން މީހަކަށް އިތުބާރު ނުކުރާނެކަމަށް ނިންމިއެވެ.

ހިތުގައި ޖެހުނުލެއް ބޮޑުކަމުން ފާތުންގެ ލޮލުން ކަރުނައިގެ ސައިލެއް ދެމިގަތެވެ. އެއާއެކު އަހަރެންގެ ލޮލުން ވެސް ކަރުނަ ފައިބައި ގަތެވެ. އަހަރެން ތުރުތުރު އަޅާގޮތްވާން ފެށިއެވެ. މޭމައްޗަށް ތަދުވާންފެށިއެވެ. މޭމަތީގައި ކަނާތުން އަތްއަޅާފައި ފުން ނޭވާއެއް ލީމެވެ. ގާތުގައި އިން އެއްކަލަ އަންހެން މީހާއަށް އަހަރެންނަށް ވާންފެށިގޮތް ފެނި ކިހިނެއްވީތޯ އަހާލިއެވެ. އަހަރެން ކަމެއް ނުވެޔޭ ބުނެ އަމިއްލަ ނަަފްސު ހަމަޔަކަށް އެޅުވޭތޯ މަސައްކަތްކުރީމެވެ. އިރުކޮޅަކުން ހަމަޔަކަށް އެޅި ސްކްރީނާދިމާއަށް ބަލައިލި އިރު ފެނިގެންދަނީ ފާތުން ގޭގައި އިނދެގެން ރޮއިރޮއިފާ ވަޒީފާއިން ކެނޑެން ސިޓީ ލިޔާތަނެވެ. އަރީޝްއާ ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ކިބައިގައި ނެތްކަމަށް ހިތާހިތުން ބުނަމުން ދެއެވެ. މިއަދު ވަޒީފާއަކަށް ކިތަންމެ މަޖުބޫރިވިޔަސް އަމިއްލަ ނަފްސުގެ އަގު ހިފަހައްޓާނެ ކަމަށް ވެސް ބުނަމުން ދިޔައެވެ.

އޮފީހުން ކެނޑިގެން ދިޔަ ނަމަވެސް ފާތުންއަކަށް އެކަމަކުން އަރައެއް ނުގަނެވުނެވެ. ފާތުންނޭ ކިޔައިގެން ސޯޝަލް މީޑިޔާގެ އެކި މަންސަތަކުގައި ވާހަކަތައް ދެކެވެން ފެށިއެވެ. މުއްސަންދިންނާ ހެދި އުޅޭ މީހެއްކަމުގެ ލޭބަލް ހަރުކުރެވުނެވެ. ލޯބީގެ ސިޓީ ލިޔަން ބޭނުން ވަންޏާ ފާތުންއަށް ގުޅާށޭ ބުނެ ފާތުންގެ ނަންބަރު ވެސް "ހަވަރަށް" ދިނެވެ. މިއާއެކު އެކި މީހުންގެ ޖެއްސުމުގެ މެސެޖުތައް ފާތުންނަށް އަންނަން ފެށިއެވެ. އެންމެފަހުން ފާތުންނަށް ކެތްނުވެގެން ސިމް ނަގާ ހަލާކުކޮށްލިއެވެ.

"ކިހާ ތާހިރު މިހާރު މި ވީ ގޮތް. ލަދުން ބޯ ހަލާކު. ބޭރުތެރެއަށް ނުކުމެވޭކަށް ވެސް ނެތް." ފާތުންގެ މަންމަ ކޮޓަރިއަށް ވަދެ ފަށައިގަތެވެ.

"މަންމާ އަހަރެން ކުރިކަމެއް ނޫނޭ އެއީ. ﷲ ގަންދީ މި ބުނަނީ އަހަރެން އެކަހަލަ ކަމެއް ނުކުރަން."

"އަޑެއް ކިޔައިފިއްޔާ ރެނދެއް ނުލާ ނުދާނެ. ތިހާ ލޯބީގެ މާތައް ފޮޅުވަން ބޭނުމިއްޔާ މި ރަށު މޮޔަސޮރާ އިންނަންވީނު. ތިކަހަލަ މީހަކަށް އެސޮރު ރަނގަޅުވާނެ." އެއްވެސް އޯގާތެރިކަމެއް ނެތް އަޑަކުން މަންމަ ބުންޏެވެ.

"މަންމާ! އަަހަ..އަހަރެންނަށް... މި ސޫރަ ލިބުނީ އަހަރެންގެ ކުށަކުންތަ؟ ކީއްވެތަ... ކީއްވެތަ މުޅި ދުނިޔެ އެތރެފުށަށް ނުބަލާ ބޭރުފުށަށް ބަލަނީ." ކީއްވެތަ... ކީއްވެތަ އަހަރެންގެ ކިބައިގައި ހުރި ރަނގަޅު ސިފަތައް އެއްވެސް މީހަކަށް ނުފެންނަނީ؟" މަންމަގެ 3 ދަރިން ތިބި އިރު ކޮން ދަރިއަކު މަންމަ ބަލިވީމާ ހޭހަންކޮށްދޭން ހުރީ. އަހަރެން ނޫންތަ އަބަދު މަންމަ ގާތުގައި ހުރީ. އެކަމަކު ވެސް މަންމައަށް އަހަރެން ކަމަކު ނެދޭ. މަންމައަށް އަހަރެން ކަމު ނުދާއިރު ދެން ކާކަށް އަހަރެން ކަމުދާނީ."

"މިހާރު ކަލަ ގޮވަން ވެސް ފެށީތަ؟ މި ތަނުން ދުރަށްދޭ." މިހެން ބުނެ އެ މަންމަ ފާތުން ކޮށްޕާލުމުން ފާތުން ގޮސް ފާރުގައި ބޯ ޖެހި ބޯފަޅައިގެން ދިޔައެވެ. އިސާހިތަކު ހަބަރު ހުސްވެގެން ފާތުން ވެއްޓުނެވެ. މަންމައަށް މަޖުބޫރުވީ ފާތުން ހަސްފަތާލަށް ގެންދިއުމަށެވެ.

ޑޮކްޓަރު ބެއްލެވުމަށް ފަހު، ފަޅައިގެން ގޮސް ހުރި ތަނުގައި ބޭސް އެޅިއެވެ. އަދި އިންޖެކްޝަނެއް ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހޭއެރިއެވެ. މި ވާހަކަ ހިކިހޯލިކޮޅެއްގައި އަލިފާން ހިފާހާ ބާރުމިނުގައި ރަށުތެރެއަށް ފެތުރިގެން ދިޔައެވެ. އެކަމަކު ހަޤީޤަތާ ޚިލާފަށެވެ. އަމިއްލައަށް މަރުވާން އުޅުނީކަމަށް ބުނެއެވެ.

" ފާތުން އެކަހަލަ ކަމެއް ކޮށްފާނެތަ؟" ކަރުނަވީ ލޮލަކުން ނައިލާ އަހާލިއެވެ.

"ނޫން! ދުވަހަކު ވެސް އެކަހަލަކަމެއް ނުކުރާނަން. އަހަރެން ކެތްތެރިވާނަން. މުޅި އުމުރަށް ވެސް ކެތްތެރިކަންމަތީ ދެމިހުންނާނަން. އަހަރެން މި ނޫންތަނަކަށް ގެންގޮސްދީ ޕްލީޒް" ނާއިލާގެ އަތުގައި ހިފަމުން ފާތުން ގިސްލަމުން ބުންޏެެވެ.

"މަޑުކުރޭ! އަހަރެން ކުރަން މިއުޅޭ ކަން ކުރުމަށް ފަހު ބަދަލެއް ނައިސްފިއްޔާ އަހަރެންގެ ގެއަށް ފާތުން ގެންދާނަން. ދަރިއެއްގެ ގޮތުގައި އަހަރެން ފާތުން ބަލާނަން"

"އެއީ ކޮންކަމެއްތޯ"

"އެއީ ފާތުންގެ ޙަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން. ފާތުންގެ ހުއްދަ އެބަ އޮތްތަ؟"

"މީހުންނަށް އެނގުނީމާ ކުރާ މަލާމާތް އިތުރުވާނެ. ފުރައްސާރަ ގިނަވާނެ."

"ނޫން. އަހަރެންނަށް ހީވަނީ މި ފިލްމަށް ފަހު މީހުންގެ ވިސްނުން ބަދަލުވާނެހެން. މީހުންނަށް ހީކުރެވިފައި އޮންނަނީ ގަނާ ކުރަނީ ޚިޔާލީ ވާހަކަތަކުގައި ހެން. އަހަރެން ބޭނުންވަނީ މިއީ ޚިޔާލީ ވާހަކައެއް ނޫންކަން އަންގައިދޭން."

"އެންމެ ރަނގަޅު، އެކަމަކު އަސްލު ނަންތައް ބޭނުން ނުކުރައްޗޭ."

"ޔަޤީން. ލޮކޭޝަން ވެސް ބަދަލުކުރާނަން."

ފާތުންގެ އަތުގައި ހިފައިގެން ނާއިލާ ތެދުވެ ހިނގައިގަތެވެ. "ނިމުނީ" ސްކްރީނަށް އެރުމާއެކު ހޯލު ދިއްލިގެން ދިޔައެވެ. އެއިރު މީހުންގެ ލޮލުންވަނީ ކަރުނަ ހިލުވާލައިފައެވެ. ހަރު ހިލަ ހިތްތައް މަޑުކޮށްލައިފައެވެ. އެތެރެއަށް ނޭފަތް ދަމާލާއަޑާއި ގިސްލުމުގެ އަޑު ވެސް ކޮންމެވެސް ވަރަކަށް އިވިއިވިހުއްޓެވެ. އެންމެން ވަނީ ބަސް ހުއްޓިފައެވެ. އާއެކެވެ. އެއީ ގަނާގެ ޝިކާއަރަކަށް ވި އަންހެން ކުއްޖެއްގެ ހިތްދަތި ހަޔާތުގެ ހިތްދަތި ވާހަކައެވެ. އަސަރު ނުކުރާނީ ފަހެ ކާކަށް ހެއްޔެވެ؟ މަޑުމައިތިރިކަމާއެކު އެންމެން ހޯލުން ނުކުންނާންފެށިއެވެ. އަހަރެންނަށް ވެސް ކޮށްފައިވާ އަސަރު މޫނުބުރުގާއިން ނިވާކުރަމުން މަޑުމަޑު ބޭރަށް ނުކުންނަން ހިނގައިގަތީމެވެ.

ޖެހިގެން އައި ދުވަހު މުޅި ސޯޝަލް މީޑިއާގައި އޮތީ އެ ފިލްމުގެ ވާހަކަތަކެވެ. އެ ޙަޤީޤަތް މީހުންގެ ލޯމައްޗަށް ގެނެސްދޭން ނާއިލާކުރި މަސައްކަތުގެ، މޮޅުޑައިރެކްޝަންގެ ވާހަކަތަކެވެ. ފިލްމުގެ އެކި ހާދިސާތަކަށް އެތައް ބަޔަކު ކޮށްފައިވާ ކޮމެންޓުތަކެވެ. ފާތުންނަށް ގަނާކުރި ފަރާތްތަކަށް ނުރުހުމުގެ ބަސްތައް ރައްދުކޮށް

ފޮނުވާފައިވާ ގިފްތަކާއި އެމޯޖީތަކެވެ. ބައެއް މީހުން ކޮމެންޓުކޮށްފައި ހުރިއިރު އެ ކޮމެންޓު ރައްދުވަނީ ޚުދު ތިމާއަށް ކަން ވެސް ގިނަ ފަހަރު ރޭކާ ނުލައެވެ.

ނާއިލާގެ ފިލްމަށް ލިބިގެންދިޔަ ތަރުހީބާއެކު، "ގަނާ" ފިލްމު ވެގެން ދިޔައީ މިހާތަނަށް ނެރުނު އެންމެ މޮޅު ދިވެހި ފިލްމަށެވެ. މި ކާމިޔާބީ ފުރަތަމަ ވެސް ނާއިލާ ފާހަގަކުރަން ބޭނުންވީ ވާހަކައިގެ ބަޠަލު "ފާތުންނާ" އެކުގައިކަމަށް އެކްސްގައި ނާއިލާ ބުނެފައި ވެއެވެ. އެއީ ކާކުތޯ ވަރަށް ގިނަ މީހުން ނާއިލާގެ ގާތުގައި އަހާއިރު، ތިއީ މިވެނި ކުއްޖެއްގެ ވާހަކަތޯ ވެސް އަހާމީހުން މަދެއްނޫނެވެ. އެއިގެ ޖަވާބުގައި ނާއިލާ ބުނެފައި ވަނީ އެއީ ފަަހަރެއްގައި އެންމެން ދަންނަ ސިއްރަކަށް ވެސް ވެދާނެކަމަށެވެ.

މި ކޮމެންޓްތައް ކިޔަން އޮއްވާ އަހަރެންގެ ފޯނު ރިންގުވާން ފެށިއެވެ. ނަން ފެނުމުން އަހަރެންގެ މޫނު މައްޗަށް އުފާވެރިކަން ވެރިވިއެވެ.

" ޝިމްލާ... އުހުނ ފާތުން ކިހިނެއް؟ ފިލްމު ކަމުދިޔަތަ؟" ސަމާސާގެ ރާގަކަށް ނާއިލާ އަހަރެންނާ ސުވާލުކުރިއެވެ.

" ވަރަށް މޮޅު... ވަރަށް މޮޅު ޑައިރެކްޝަން... ހަމަ އަހަރެންގެ އިހްސާސްތަކާއެކު ހުށަހަޅައި ތި ދިނީ؟"

" ވަރަށް ގިނަ މީހުން އެބަ ބޭނުންވޭ ޝިމްލާއާ ބައްދަލުކުރަން. އަރީޝް ވެސް. ހެހެ... އުހުނ ޔާސިރު... ޔާސިރު ވަރަށް ގުޅާ ޝިމްލާގެ ނަންބަރު ހޯދަން. ބުނީ ޔާސިރަށް ފަހުން އެނގުނޯ ވީގޮތް، ވަރަށް ދެރަވިޔޯ ހަޤީޤަތް އެނގުނީމާ. ވަރަށް ގުޅީމޯ އެކަމަކު ފޯނު ނިއްވާލާފައޯ އޮތީ. ވަރަށް އާދޭސް އެބަ ކުރޭ ނަންބަރު ދޭށޭ ކިޔާފަ. ބުނީ ތިމަންނަ ބޭނުމޯ ޝިމްލާއާ އެކުގައި ދިރިއުޅުމެއް ފަށަން. ތި ހިތްދަތިކަމަށް ނިމުމެއް ގެންނަން. ނަންބަރު ދޭންވީތަ؟"

އަހަރެން ވިސްނާލީމެވެ. އަދި ނާއިލާގެ ލަފައަކަށް އެދުނީމެވެ.

"ނާއިލާއްތައަށް ފެންނަނީ ކިހިނެއް ހަދަން."

"ނާއިލާއްތައަށް ފެންނަނީ ޔާސިރުގެ ހުށަހެޅުން ބަލައިގަންނަން"

އެއިގެ މަހެއްހާ ދުވަސްފަހުން އަހަރެމެންގެ ދެމީހުންގެ ކައިވެނި ކުރެވުނެވެ. ޔާސިރު އަހަރެން ގޮވައިގެން އިންޑިޔާއަށް ގޮސް އަހަރެންގެ މޫނުގެ ސާޖަރީއެއް ހެދުވިއެވެ. އަހަރެންގެ ކުޑަކޮށް ހުޅުވިފައިވާ ލޮލުން މިހާރު މި ބޮޑު ދުނިޔެ ފެންނާންް ފެށިއެވެ. މިއަދު އަހަރެން މީ އެ ކަޅު ހުތުރު ލޯކަނު "ފާތުމާ"އެއް ނޫނެވެ. މިއަދު މީހުން އަހަރެން ދަންނަނީ މަޝްހޫރު ވިޔަފާރިވެރިޔާ ޔާސިރުގެ ލޯބިވާ އަނބިމީހާގެ ގޮތުގައެވެ. މަންމައާއި ބައްޕަ އަހަރެންގެ ގާތުން މާފަށް އެދުނެވެ. މިއާއެކު ގަނާގެ ޝިކާރައަކަށް އަހަރެން ހެދި އެތައް ބަޔަކު އަހަރެންގެ ކިބައިން މާފަށް އެދުނެވެ. އެ ހުރިހާ ފަރާތްތަކަށް ހިތުން ރުހުމުން އަހަރެން މާފުކުރީމެވެ. ގަނާއަށް ނޫނެކޭ ބުނުމަށް ކޮޅަށް ތެދުވީތީއެވެ.

- ނިމުނީ -