ޚަބަރު

އަމިއްލަ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ލޯގޯ ބޭނުން ނުކުރެވޭނެ: އީސީ


  • ލޯގޯ ބޭނުން ކުރެވޭނީ ސިޔާސީ ޕާޓީތަކުން ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް

  • ހުރިހާ ކެންޑިޑޭޓުންގެ ފޮޓޯ ވޯޓު ކަރުދާހުގައި ޖަހާނެ

  • މަޖިލިސް އިންތިޚާބުގައި 369 ކެންޑިޑޭޓުން ވާދަކުރައްވާ

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ވޯޓު ކަރުދާހުގައި ލޯގޯ ބޭނުން ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފުރުޞަތު ހުޅުވާލިއިރު އަމިއްލަ ކެންޑިޑޭޓުންނަށް ވެސް ލޯގޯ ބޭނުންކުރެވޭ ގޮތަށް ހަދަން އީސީން ނިންމިއެވެ. ނަމަވެސް އެ ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ސެކްޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވީ އެ ކޮމިޝަނުން މަޝްވަރާ ކުރުމަށްފަހު މިހާރު ނިންމާފައިވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ލޯގޯގެ ބަދަލުގައި "އަމިއްލަ" ޖެހުމަށް ކަމަށެވެ. ނަމަވެސް ކޮންމެ ކެންޑިޑޭޓެއްގެވެސް ފޮޓޯ، ވޯޓު ކަރުދާހުގައި ޖަހާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ ވޯޓު ކަރުދާހުގައި ލޯގޯ ބޭނުން ކުރެވޭނީ ސިޔާސީ ޕާޓީތަކަށް އެކަނި ކަމަށެވެ.

ޒަކަރިއްޔާ މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެ ޕާޓީގެ ލޯގޯ ބޭނުންކުރެވޭނެ ގޮތް ހަދައިދިނުމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ އިލެކްޝަންސްގައި އެދިފައެވެ. ނަމަވެސް އެ ޕާޓީއަކީ އަދި ރަޖިސްޓްރީކުރެވިފައިވާ ޕާޓީއަކަށް ނުވާތީ އެ ޕާޓީގެ ލޯގޯ ވޯޓު ކަރުދާހުގައި ބޭނުން ނުކުރެވޭނެ ކަމަށް ވެސް ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވިއެވެ.

ވޯޓު ކަރުދާހުގައި ކެންޑިޑޭޓުންގެ ނަމުގެ ފަހަތުގައި ފޮޓޯ ޖެހުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ވޯޓުލާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުންނެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 93 ދާއިރާއަށް 369 ކެންޑިޑޭޓުން ވާދަކުރައްވައެވެ.