ރ. އަލިފުއްޓާއި އައްޑޫ ސިޓީ ހުޅުދޫ އާއި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް ބިނާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަޔަކާއި ހަވާލުކުރައްވައިފިއެވެ.
މި މިސްކިތްތަކަކީ އަމިއްލަ ފަރާތްތަކަކުން ޚަރަދުކޮށްގެން ބިނާކުރާ މިސްކިތްތަކެކެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދުއެވެ.
އަލިފުށީގައި މިސްކިތް ބިނާ ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެއްބަސްވުމުގައި ސޮއިކުަރައްވާފައިވަނީ އަބްދުއްރަޙުމާން މޫސާއާއެކުގައެވެ. މި އެއްބަސްވުމުގެ ދަށުން މިސްކިތް ބިނާ ކުރުމުގެ ހުރިހާ ޚަރަދެއް ކުރާނީ އަބްދުއްރަޙުމާން މޫސާ އަމިއްލައަށެވެ.
އަލިފުށީގައި ބިނާ ކުރުމަށް ހަމަޖެހިފައިވަނީ 570 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިންމުމަށް އެއްބަސްވެފައިވަނީ 732 ދުވަހުގެ ތެރޭގައެވެ.
ހުޅުދޫގައި އަމިއްލަ ޚަރަދުގައި މިސްކިތް ބިނާ ކުރުމަށް ހަވާލުކުރައްވާފައިވަނީ މުޙައްމަދު ސާލިޙްއާއެވެ. މި އެއްބަސްވުމުގެ ދަށުން ހުޅުދޫ، މޫންލައިޓް ގޯތީގައި 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތުގެ މަސައްކަތް 720 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތް ބިނާ ކުރުމަށް ހަވާލުކޮށްފައިވަނީ މުޙައްމަދު ޔޫސުފްއާއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރު 22115 (އެން5-53) ގައި ބިނާ ކުރާ މި މިސްކިތުގެ ހުރިހާ ޚަރަދެއް ކުރާނީ މުޙައްމަދު ޔޫސުފެވެ.
މިސްކިތް ބިނާކުރުމަށް ޝަޢުގުވެރިވާ ފަރާތްކަށް، އެކަމަށް ބޭނުންވާ ބިމާއި އަދި ބޭނުންވާ އިދާރީީ އެހީތެރިކަން ފޯރުކޮށްދީ އެކަން ކުރުމަށް ފަސޭހަތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ މެދުވެރިކޮށް ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ޝަހީމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. މިސްކިތް ބިނާ ކުރުމަށް ބޭނުންވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދެއްވުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.