ޚަބަރު

ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ ގުޅުވައިގެން އެމްއެންޔޫގައި ފޯރަމެއް ބާއްވައިފި


  • ފޯރަމްގައި އުފާވެރިކަމާއެކު ހުރުމުގެ ފައިދާތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވޭ

  • ފޯރަމް އިންތިޒާމްކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އަރޓްސްއިން

ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިސްނަގައިގެން ފޯރަމެއް ބާއްވައިފިއެވެ. ފޯރަމް ކުރިއަށްގެންގޮސްފައިވަނީ ޢާންމުންނަށް ހުޅުވާލެވިގެންނެވެ.

ފޯރަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޤައުމީ ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. ޢަލީ ޝަމީމް ވިދާޅުވީ ފޯރަމްގައި އުފާވެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވާ ކަމަށެވެ.

ޑރ. ޢަލީ ޝަމީމް ވިދާޅުވީ ދުނިޔޭގެ އުފާވެރިކަމުގެ ދުވަހެއް އ.ދ.އިން ފާހަގަކުރަން ފެށީ އުފާވެރިކަމާއެކު ތިބުމުގެ މުހިންމުކަމުގެ ސަބަބުން ކަމަށެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިންސާނުންގެ ތަރައްޤީ ވަޒަންކުރުމަށް އުފާވެރިކަމާއެކީ އިންސާނުން ތިބެނީ ކިހާވަރަކަށްތޯ ވަޒަންކޮށް އޭގެ މައްޗަށް ރިޕޯޓެއް އެކުލަވާލާކަމަށް ޑރ. ޝަމީމް ވިދާޅުވިއެވެ.

އުފާވެރިކަމުގެ ދުވަހެއް ބޭއްވުމުގެ ބޭނުމަކީ މުޖުތަމަޢުގައި އުފާވެރިކަން އޮތުމުން ތަރުބަވީ ގޮތުންނާއި ސިއްޙީ ގޮތުން އަދި އިޖުތިމާޢީ ގޮތުން ލިބޭ ފައިދާތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުވުންކަން ޑރ. ޝަމީމް ފާހަގަކުރެއްވިއެވެ

"މުސްތަޤުބަލުގައި ރައްޔިތުންގެ މެދުގައި އުފާވެރިކަމާއި އެކުވެރިކަމާ އެކުގައި ދިރިއުޅުމުގެ މުހިންމުކަމުގެ މައްޗަށް ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއްކުރުމަށް ވަނީ ނިންމާފައި. ޔުނިވާސިޓީ ކެމްޕަސްތަކުގައި މިކަމަށް މަޢުލޫމާތު ފެތުރުމަށް ބޮޑަށް މަސައްކަތްކުރެވޭނެ." ޑރ. ޝަމީމް ވިދާޅުވިއެވެ.

މި ފޯރަމްގައިއުފާވެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން 3 ބޭފުޅަކު މަޢުލޫމާތު ދެއްވާފައިވެއެވެ.

އެ 3 ބޭފުޅުންނަކީ ޑރ. ޢަލީ ޝަމީމްގެ އިތުރުން ޤައުމީ ޔުނިވަރސިޓީގެ ޕާޓް ޓައިމް ލެކްޗަރަރ އަޒްހާ ޒަމީރާއި، ދަ ހެޕިނަސް ކުލަބު ޖަމިއްޔާގެ ޗީފް ހެޕިނަސް އޮފިސަރ މުޙައްމަދު ޝިހާބެވެ. މި ފޯރަމް އިންތިޒާމްކޮށްފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އަރޓްސްއިންނެވެ.

2012 ވަނަ އަހަރުގެ ޖުލައި މަހުގެ 12 ވަނަ ދުވަހު އ.ދ.ގެ ޖެނެރަލް އެސެމްބްލީން ކޮންމެ އަހަރެއްގެވެސް މާރިޗު މަހުގެ 20 ވަނަ ދުވަހަކީ ދުނިޔޭގެ އުފާވެރިކަމުގެ ދުވަހުގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.