ދުނިޔޭގެ އެކި ޤައުމުތަކުގައި ރޯދަ ހިފުމުގެ ކުރިން ހާރުގެ ގޮތުގައި ކެއުމަށް ތަފާތު އެކި ބާވަތްތައް ތައްޔާރު ކުރެއެވެ. އެ ގޮތުން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ގިނަ މީހުންނަށް ހާރުގެ ގޮތުގައި ކެއުމަށް އާދަވެފައި ވަނީ ޢާންމުކޮށް ރޭގަނޑު ކެއުމަށް ތައްޔާރުކުރާ ބޮޑެތި ކެއުންތަކެވެ. ބަތާއި ރޮއްޓާއި އެއްގަމު މަހާއި ކަނޑު މަހުގެ ބާވަތްތަކުން ތައްޔާރު ކޮށްފައި ހުންނަ ބޮޑެތި ކެއުންތަކެވެ. ނަމަވެސް އެއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި، ޚާއްޞަކޮށް ޢަރަބި ޤައުމުތަކުގައި، ހާރުގެ ގޮތުގައި ކެއުމަށް ތައްޔާރު ކުރާ ތަކެއްޗެއް ނޫނެވެ. އަދި އެއީ ރޯދައަށް ހުރުމުގެ ކުރިން ހާރުގެ ގޮތުގައި ކެއުމަށް އެންމެ ފައިދާކުރައި އެންމެ އެކަށީގެންވާ ތަކެއްޗެއް ވެސް ނޫނެވެ. އެއީ ރޯދަ މަހު މީހާ ވަރުބަލިކޮށްލައި ކަހަލަ ކެއުންތަކެކެވެ. އެހެންކަމުން ހާރުގެ ގޮތުގައި ކެއުމަށް އެންމެ އެކަށީގެންވާ ކެއުންތައް ކަމަށް ޞިއްޙީ ތަޖުރިބާކާރުން ދީފައިވާ ލަފާތަކަށް ބަލާލާނަމެވެ.
ހާރުގެ ގޮތުގައި ކެއުމަށް ތައްޔާރު ކުރައި ތަކެތީގެ ތެރޭގައި ކުކުޅު ބިސް ހިމެނުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެ ގޮތުން ފެނުކެއްކި ބިސް ނުވަތަ ސްކްރެންބެލްޑް އެގްސް ހެދިދާނެއެވެ. ހަޑިގަނޑަށް ބޭނުންވާ ނުވަ ވައްތަރެއްގެ އެމިނޯ އެސިޑާއި ޕްރޮޓީން ބިހުގައި އެކުލެވިގެންވެއެވެ. ދިރާސާތަކުން ދައްކައި ގޮތުގައި ކޮންމެ ބިހެއްގައި ހަ ގްރާމުގެ ޕްރޮޓިން އެކުލެވިގެންވެއެވެ. ޢާންމު ދިރިއުޅުމުގައި ވެސް ކެއުމުގައި ބިސް ހިމެނުމަކީ ޞިއްޙީ ރަނގަޅު އާދައެކެވެ.
ހާރުގެ ގޮތުގައި އޯޓްސް ކެއުމަކީ ވެސް ރަނގަޅު ކަމެކެވެ. އެ ގޮތުން އޯޓްސް ފެނު ކައްކައިގެން ނުވަތަ ކިރާ އެއްކޮށްގެން ވެސް ކެވިދާނެއެވެ. އޯޓްސްގައި ފައިބަރގެ ބާވަތެއް ކަމުގައިވާ ބެޓާ ގުލޫކެން ހިމެނެއެވެ. އެއީ ބްލަޑް ޕްރެޝަރާއި ކޮލެސްޓްރޯލުގެ މިންވަރު ދަށްކޮށް ހަށިގަނޑުގައި ވަރުޖައްސުވައިދޭ ކެއުމެކެވެ.
މަހަކީ އޭގައި އެކުލެވޭ ނިއުޓްރިއެންޓްސްގެ ސަބަބުން ހަށިގަނޑަށް އެންމެ ފައިދާކުރާ އެއް ބާވަތުގެ ކެއުމެވެ. ނަމަވެސް ހާރުގެ ގޮތުގައި ތެލުލި މަސް ކެއުން ރަނގަޅެއް ނޫނެއެވެ. އެއީ ރޯދައަށް ހުންނައިރު ކަރުހިއްކުން އިތުރުކޮށްދޭ ކަމެކެވެ.
ދިވެހިންގެ ޢާންމު ދިރިއުޅުގައި މޭވާއާއި ތަރުކާރި ކެއުން މަދު ކަމަށް ފާހަގަކުރެވެއެވެ. ނަމަވެސް ރޯދަ މަހު މޭވާއާއި ތަރުކާރި ގިނައިން ކާން އާދަކުރަން ޖެހެއެވެ. އެއީ ހާރަށް އެންމެ ރަނގަޅު ކެއުމެވެ. އެ ގޮތުން ހާރުގެ ގޮތުގައި ބޭބިސްކަދުރާއި އޮރެންޖާއި ކަރާ ކެއުން ގިނަ ކުރުން ރަނގަޅެވެ. އެއީ ރޯދައަށް ހުންނައިރު ކަރުހިއްކުން ކުޑަކޮށްދޭނެ ބާވަތްތަކެވެ. އަދި ފެނުކެއްކި ތަރުކާރިއަކީ ވެސް ހާރުގެ ގޮތުގައި ކެއުން ރަނގަޅު އެއްޗެކެވެ.
ތަފާތު ވައްތަރުގެ ބަދަނަކީ ބަނޑު ފުރިފައިހުރި ކަމުގެ އިޙްސާސް ކޮށްދޭ ތަކެއްޗެވެ. އަދި ގިނައިރު ނުކައި ހުރުމަށް ފަސޭހަކޮށްދޭ ބާވަތްތަކެވެ. ބަދަނާއެކު ޔޯގަޓް ވެސް ކެވިދާނެއެވެ،
މީގެ އިތުރުން ވެސް ކިއުކަންބާ އަދި ޗީސް ކަހަލަ ތަކެއްޗަކީ ހާރުގެ ގޮތުގައި ކެއުމަށް ރަނގަޅު ތަކެއްޗެވެ.