ގެއްލުމުގެ ބަދަލުގައި އެކި ފަރާތްތަކަށް ދީފައި ހުރި ސެޓެލްމަންޓްގެ އަގު އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށާއި މިސެޓްލްމަންޓަށް ބަދަލުދިނުން ހުއްޓުވާފައިވާ ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބް މިހެން ވިދާޅުވީ ދިފާޢީ ވުޒާރާއާއި ބަންޑާރަ ނައިބުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވީ މިދިޔަ ސަރުކާރުން އެކުލަވާލާފައިވާ ސެޓްލްމަންޓް ކޮމިޓީން ނިންމާފައި ހުރި މައްސަލަތަކެއް ބަލަމުން ދާކަމަށެވެ. މިކޮމިޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހުވަނީ އުވާލައްވާފައެވެ. އެ ކޮމިޓީން ކުރަމުންދިޔަ މަސައްކަތްތަކާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ރައީސް އޮފީހުން ބަންޑާރަ ނައިބްގެ އޮފީހާ ހިއްސާކުރައްވާފައިވާކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ ކުރީ ސަރުކާރުން އުފެއްދި ސެޓަލްމަންޓް ކޮމިޓީން 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްތައް ދީފައިވާ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ ރުފިޔާއާއި ހަރުމުދަލާއި ފައިސާ، ދައުލަތުން އެކި ފަރާތްތަކަށް ދީފައިވާކަމަށް އުޝާމް ވިދާޅުވިއެވެ. އެހެންނަމަވެސް ކުރީ ސަރުކާރުގެ ސެޓަލްމަންޓު ކޮމިޓީން ބަދަލުދޭން ނިންމި ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސާލަން މިހާރު ފިނޭންސް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބެލިބެލުމުން މިހާތަނަށް އެ ސެޓްލްމަންޓް ކޮމިޓީން ނިންމައިގެން ޖުމްލަ 10 ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާއާއި ރަށްރަށް ދީފަ ހުރިކަމަށް ފާހަގަކުރެވިފައިވޭ. ގެއްލުމުގެ ބަދަލުގެގޮތުގައި އެކި ފަރާތްތަކަށް ދީފަހުރި ސެޓްލްމަންޓުގެ އަގުކުރާކަމުގަ ވަނީނަމަ، އެއް ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް، ހަރުމުދަލާ ފައިސާގެ ގޮތުގަ ދައުލަތުން އެކިއެކި ފަރާތްތަކަށް ދީފަ އެބަހުރި" ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވިއެވެ.
ބަންޑާރަ ނައިބް އުޝާމް ވިދާޅުވީ ސެޓްލްމަންޓް ކޮމިޓީން މައްސަލަތައް ނިންމާފައި ހުރީ ކިހިނެއްތޯ ދިރާސާކުރަމުން އަންނަކަމަށާއި ބައެއް މައްސަލަތަކަކީ އޭރުގެ ޝަރީއަތަށް ހުށަހަޅައިގެން އަޑުއެހުންތައް ކުރިއަށްގެންދިޔަ މައްސަލަތަކެއް ކަމަށެވެ. އަދި ޝަރީއަތުގައި ދައުލަތާ ދެކޮޅަށް ދަޢުވާކޮށްފައި ހުރި ފަރާތްތަކަށް ކާމިޔާބު ނުވާނެފަދަ މައްސަލަތަކެއް ސެޓްލްމަންޓް ކޮމިޓީން ކާމިޔާބު ކޮށްދީފައި ހުރިކަންވެސް އުޝާމް ފާހަގަކުރެއްވިއެވެ. އުޝާމް ވަނީ ބައެއް މައްސަލަތަކުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަކި ގޮތަކަށް އަމަލުކުރުމަށް ލަފާދީފައިވާ ކަމަށް ވިދާޅުވިއެވެ.