ޚަބަރު

ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލުކުރުމަށް ރައީސް މުއިއްޒުއަށް އެއްބާރުލުންދޭންޖެހޭ: ސިޔާމް


  • ރައީސް މުއިއްޒުއަކީ ގާބިލް ލީޑަރެއްކަމަށް ވިދާޅުވި

  • ރައީސް މުއިއްޒުގެ ވައުދުތައް ހަޤީޤަތަކަށްވާނެކަމަށްވެސް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަކީ ރައްޔިތުންގެ ބޭނުންވާ ތަރައްޤީ ގެނެސްދެއްވުމުގެ ޤާބިލްކަން ހުންނެވި ވެރިއެއްކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެެވެ.

ވިޔަފާރީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ސިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދ. މީދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެ ރަށުގައި ބޭއްވި ޖަލްސާގައެވެ.

އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ލާބަޔާއި މަންފާ އެންމެ ރަނގަޅަށް ލިބޭނެ ގޮތަށް ކަމަށާއި، ސަރުކާރުން ވައުދުވެވަޑައިގަންނަވާ ކަންކަމަކީ ކޮށްދެވޭނެ ކަންކަންކަމަަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކާ ދޮގު ވާހަކަތައް ރައްޔިތުން ޤަބޫލުކުރާނަމަ ތަރައްޤީއަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެކަންވެސް ސިޔާމް ފާހަގަކުރެއްވިއެވެ. އޭގެބަދަލުގައި ސަރުކާރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަކީ ތަރައްޤީ ހާސިލުކުރުމަށް އެޅޭނެ ބާރެއްކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ސަރުކާރެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީއަކީ މުހިއްމު އެއްޗަކަށްވާއިރު މަޖިލީހުގެ މެޖޯރިޓީ ކަމަށާއި މެޖޯރިޓީ ނުލިބޭކަމަށްވާނަމަ ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ތަރައްޤީ ހާސިލުކުރުމަށް ދަތިތަކެއް ކުރިމަތިވާނޭކަމަށެވެ. އެހެންކަމުން ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ހޯދައިދެއްވުމަށް ސިޔާމް އެދިވަޑައިގެންނެވިއެވެ.

"ކުރިއަށް އިތް ތަނުގަ ހަމަ ތިބޭފުޅުންގެ ހިތްވަރާއި އެއްކޮން ސަރުކާރަށް ބާރުދީގެން މިމަސައްކަތް ކޮއްފި ކަމުގައި ވާނަމަ ދ.މީދޫ ރައްޔިތުންނަށް އަދި ރާއްޖޭހެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އެންމެހާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާ އެއިންނެވީ ކޮއްދޭން." ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާގެ އުންމީދަކީ ރާއްޖެ ދުވަހަކު ނުދެކޭފަދަ ތަރައްޤީގެ އުސްމިންތަކަކަށް ރައީސް މުއިއްޒުގެ ޒައާމަތުގައި ރާއްޖެ ދިއުންކަމަށެވެ. އަދި ރައީސް މުއިއްޒު ވެވަޑައިގެންނަވާ ވައުދުތައް ފުއްދައިދެއްވާނެކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ސިޔާމް ވިދާޅުވިއެވެ. އަދި އެ ވައުދުތައް ފުއްދައިދިނުމަށް މާލީގޮތިން އެހީތެރިކަން ފޯރުކޮށްދޭނެ ޤައުމުތައްވެސް އޮތްކަން ސިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ސިޔާމް ވިދާޅުވީ އޭނާ ރައީސް މުއިއްޒުއަށް ތާޢީދުކުރައްވަނީ އަމިއްލަ އެދުމެއް އޮވެގެން ނޫންކަމަށެވެ. އޭގެބަދަލުގައި ބޭނުންވަނީ ރައްޔިތުން އުއްމީދުކުރާ ތަރައްޤީ ހާސިލުކުރަންކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.