ރަށްރަށުގައި ފެނަކައިގެ އޮފީސް އެޅުމުގެ 60 މަޝްރޫއު ހުއްޓިފައި އެބަ އޮތް ކަމަށާއި އެ މަޝްރޫއުތަކަށް އެކަނިވެސް އެއް ބިލިއަން ރުފިޔާ ނިމިދިޔަ ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބ. ކެންދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ފެނަކައިގެ އެމްޑީ ވަނީ އެ ކުންފުނި އޮތް ހާލަތު ތަފްސީލް ކޮށްދެއްވާފައެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުއާޒު ވިދާޅުވީ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފެނަކައިގެ ދަރަނި 4.3 ބިލިއަން ރުފިޔާއަށް އަރާކަމަށެވެ. އަދި އެ ކުންފުންޏަށް 120 މިލިޔަން ރުފިޔާގެ ޢާމްދަނީއެއް ލިބުނުނަމަވެސް 8000 މުވައްޒަފުންނަށް ކޮންމެ މަހަކު 86 މިލިއަން ރުފިޔާ މުސާރައަށް ހޭދަކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މުއާޒް ވިދާޅުވީ ފެނަކަގެ އޮފީސް އެޅުމަށް ކުރިއަށް ގެންދިޔަ 60 މަޝްރޫޢުއަކަށް އެއް ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވީނަމަވެސް އެ މަޝްރޫޢުތައް އޮތީ ހުއްޓިފައިކަމަށެވެ. އަދި މަޝްރޫއުތަކުގެ 45 އިންސައްތަވަރު ނިމިފައި ހުއްޓަސް، މަޝްރޫއުތައް އަލުން ކުރިއަށް ގެންދިއުމަށް ބިލިއަނެއްހާ ރުފިޔާ އިތުރަށް ބޭނުންވާ ކަމަށްވެސް މުއާޒް ފާހަގަކުރެއްވިއެވެ.
"23 މިލިއަން ރުފިޔާއަށް މާކެޓްގައި ނިމޭ އޮފީސް އިމާރާތެއް 55 މިލިއަން ރުފިޔާ ޚަރަދުކުރިއިރު 60 ޕަސެންޓް ނުނިމޭ. މިއަދުގެ ހާލަތު. އިން ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކުން ވަރަަށް ބޮޑު ޖަރީމާއެއް މީގެ ކުރީގެ މެނޭޖްމެންޓުން ކުރީގެ ސަރުކާރުން ހިންގާފައި އޮތީ. މިއީ ވަރަށް ބޮޑު އިހުމާލެއް. ވަރަށް ބޮޑު ހިޔާނާތެއް، ވައްކަމެއް." ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ އެ ކުންފުނީގައި މިވަގުތު 502 ޖަނަރޭޓަރެއް ހުރިނަމަވެސް އެ ޖަނަރޭޓަރުތަކުގެ ތެރެއިން 302 ޖަނަރޭޓަރެއް މިވަގުތު ހުރީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި މިދިޔަ ފަސް އަހަރުގެ ތެރޭގައި ޖަނަރޭޓަރުތަކުގެ މެއިންޓެނަންސަށް އެއްވެސް ހަރަދެއް ނުކުރާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.
ޖަނަރޭޓަރުތައް މަރާމާތުނުކޮށް ހުރިނަމަވެސް ޖަނަރޭޓަރުތައް މަރާމާތު ކުރުމަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހަރަދުތަކުން ދައްކާކަމަށް މުއާޒު ވިދާޅުވިއެވެ. އަދި ޖަނަރޭޓަރުތަކަށް ބޭނުންވާ ސާމާނުވެސް މިދިޔަ ފަސް އަހަރު ތެރޭގައި ގަނެފައި ނެތް ކަމަށް މުއާޒް ވިދާޅުވިއެވެ.
"2022 އަދި 2023 އެކަނި 90 ޖެންސެޓް ފެނަކައަށް ގަނެފައި އެބަހުރި ހިސާބުތަކުން ފެންނަން. އެކަމަކު އަޅުގަނޑުމެންގެ ހާލަތަކަށް ބަދަލެއް ނާދޭ. ހުރިހާ ޖެންސެޓެއް ހަލާކުވެފައި ހުރީ. ކީއްވެގެންތޯ. މެއިންޓެނަންސަށް ސަމާލުކަމެއް މީގެކުރީ މެނޭޖްމަންޓުން ދީފަ ނެތީ. ފެނަކައިގެ އަމިއްލަ ސާވިސް ސެންޓަރެއްހާ ހިސާބު ވެސް ނެތް. ހުރިހާ ވަސީލަތަކާ އެކު ސާވިސް ސެންޓަރެއް 60 މިލިއަން ރުފިޔާއަށް ގާއިމް ކުރެވޭނެ . އެ ސެންޓަރު ހަދަން މިހާރު ނިންމާފައިވާނެ " ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.
ޓްރާންސްޕޯޓާއި ލޮޖިސްޓިކްގެ ނަމުގައި ވެސް ފެނަކައިން ހިންގާފައިވަނީ ބޮޑު ކޮރަޕްޝަނެއްކަން ފާހަގަކުރައްވަމުން މުއާޒް ވިދާޅުވީ ކޮންމެ އަހަރަކު 100 މިލިއަނެއްހާ ރުފިޔާ އެކަމަށްވެސް ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފެނަކައިގައި އަމިއްލަ ދޯންޏެއް، ލޭންޑިން ކްރާފްޓެއްވެސް ނެތްކަން މުއާޒް ފާހަގަކުރެއްވިއެވެ.
މުއާޒު ވިދާޅުވީ ފެނަކައިގެ ދަރަނި އިންތިހާއަށް އޮތްއިރު ހަމައެކަނި އެސްޓީއޯއަށް 2 ބިލިއަން ރުފިޔާ ދައްކަން ޖެހޭކަމަށެވެ. އަދި އެސްޓީއޯއަށް ދޭން ޖެހޭ އެއްވެސް ފައިސާއެއް 2019 ވަނަ އަހަރުން ފެށިގެން ދީފައި ނެތް ކަމަށާއި މިހާރު އެ ފައިސާ ދެއްކުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް މުއާޒު ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ފެނަކައިން ފައިސާ ދޭން ޖެހޭ އެހެން ކުންފުނިތަކަށްވެސް އެއް ފަހަރާ ފައިސާ ދޭނެ ގާބިލްކަން ކުންފުނީގައި ނެތްނަމަވެސް ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ހުރިހާ ފައިސާއެއް ހަލާސްކުރާނެ ޕްލޭނެއް މިހާރު ގެންގުޅުއްވާކަމަށެވެ. އަދި އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ ބޮޑު ވިޔަފާރިއެއް އުފައްދާފައި ކަމަށާއި އެ މައްސަލަތައް ވަރަށް އަވަހަށް އެންޓި ކޮރަޕްޝަން ކޮމިޝަން ފޮނުވަން ނިންމާފައިވާކަމަށްވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.