ޚަބަރު

މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަކުރަން އިސްލާހެއް ހުށަހަޅުއްވައިފި


  • ބިލް ފާސްވެއްޖެނަމަ އަމަލު ކުރަން ފަށާނީ 2029ގެ އިންތިޚާބުން ފެށިގެން

  • ހުރިހާ ދާއިރާއެއްވެސް ކަވަރުވާ ގޮތަށް ގުރުއަތު ނަގާނެ

ރައްޔިތުންގެ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

ރޮޒައިނާ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ ބުދަ ދުވަހުކަމަށެވެ. މިއީ މަޖިލީހުގައި ތިއްބަވާ އަންހެން މެންބަރުންގެ އަދަދު އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރިހާ ޕާޓީއަކުން ވެސް އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ ރޮޒައިނާ މަޖިލީހަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވަނީ ބިލު ހުށަހެޅުއްވީ މަޖިލީހަށް އިންތޚާބުވާ މެންބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރު ކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ޤައުމީ މަސްލަހަތު ހިމާޔަތް ކުރުމުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ކަމަށެވެ. އަދި ޤައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމާއި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި ފުރުސަތުތައް ހުޅުވާލަދިނުމަކީ ވެސް މި ބިލުގެ މަގުސަދެއްކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ހުށަހަޅުއްވާފައިވާ އިސްލާހުގައި ބަޔާންކުރައްވާފައިގޮތުން މަޖިލީހުގެ %33 ޚާއްސަ ކުރަން ޖެހޭނީ އަންހެނުންނަށެވެ. އަދި އަންހެން މެންބަރުން އިންތިޚާބުކުރާ ދާއިރާތައް ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށާއި އެ ދާއިރާތައް ކަނޑައަޅާނީ ދާއިރާތައް ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަކަށް ކަމަށެވެ.

ހުރިހާ ދާއިރާއެއްގައި އަންހެނުން ތަމްސީލުވެ ނިމުމުން ދެން އިންތިޚާބު ކުރާނެ ގޮތެއް މަޖިލީހުން ކަނޑައަޅަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބަޔާންކުރައްވާފައެވެ.

ރޮޒައިނާ ވިދާޅުވީ އޭނާ ހުށަހަޅުއްވާފައިވާ އިސްލާހު ފާސްވެ ތަސްދީގު ކުރެއްވުމުން އެ އިސްލާހާ އެއްގޮތަށް މަޖިލިސް އިންތިޚާބު ބާއްވަން ފަށާނީ 2029 އިން ފެށިގެން ކަމަށެވެ. އެއީ 21 ވަނަ މަޖިލީހެވެ.

ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮންނަ ގޮތުން ހުރިހާ ދާއިރާއަކަށް ވެސް ދެ ޖިންސުގެ ކެންޑިޑޭޓުންނަށް ވާދަކުރެވެއެވެ. މިގޮތަށް އޮތުމުން ގިނަ ދާއިރާތަކަށް އަންހެނުން ނުހޮވާ ކަމަށް ބުނެ ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނުން ދަނީ އަބަދުވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކައުންސިލްތަކުގައި ވެސް އަންހެނުންގެ ދައުރު އިތުރު ކުރުމަށް މިހާރު ވަނީ ގާނޫނު އިސްލާހުކޮށް ކޮންމެ ރަށަކުން ވެސް ގޮނޑިތަކެއް އަންހެނުންނަށް ޚާއްސަކޮށްފައެވެ.