މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި ފަރާތެއްގެ ފޯމު ބަލައި ނުގަތީ ޤާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާއެކު ވ. ކެޔޮދޫ ދާއިރާއަށް ކެންޑިޑޭޓަކު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކެޔޮދޫ ދާއިރާއަށް އިތުރުކޮށްފައިވަނީ އަމިއްލަ ގޮތުން ވާދަކުރުމަށް ހުށަހެޅި އާއިޝަތު އަފްނާން އަލީގެ ނަމެވެ. އޭނާގެ ކެންޑިޑަސީ ގަބޫލުކުރަން ޖެހޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން އޭނާގެ ޝަރުތު ހަމަވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައި، ކެންޑިޑަސީ ބަލައިގެންފައިވާ ކަމަށް އެކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވިއެވެ.
ހަބީބު ވިދާޅުވީ ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި މިހާރު ކެޔޮދޫ ދާއިރާއަށް ހަތަރު ކެންޑިޑޭޓުން ވާދަކުރާނެ ކަމަށެވެ.
އަފްނާންގެ ކެންޑިޑަސީ ފޯމު ބަލައިނުގަތީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ އޭނާގެ ފަރާތުން ހުށަހެޅި މައްސަލައެއްގައެވެ. އޭނާގެ އިންތިޚާބީ އޭޖެންޓުގެ ލިޔެކިޔުންތަކެއް މަދު ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ފޯމު ބަލައި ނުގަތުމަށް ނިންމި ނަމަވެސް އެކަން ކޮށްފައިވަނީ ޤާނޫނު ބުނާ މިންވަރަށް ކޮމިޝަނުން ފަރުވާތެރިކަމާއެކު ނުބަލާކަން ކޯޓުގެ ހުކުމުގައި ވަނީ ފާހަގަކުރައްވާފައެވެ.
އިންތިޚާބުތަކުގައި ވާދަކުރަން ހުޅުވާލާ މުއްދަތުގައި ހުށަހަޅާ ފޯމު ބަލައި ނުގަތުމުން އެކަމާ ގުޅޭ ޝަކުވާއެއް އޮތްނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅެއެވެ. އެގޮތުން މިއަހަރުގެ މަޖިލިސް އިންތިޚާބާ ގުޅިގެން މިހާތަނަށް ދެ ފަރާތަކުން ހުށަހެޅި މައްސަލަތަކެއްގައި ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ކުރިއަށް ގެންގޮސްފައެވެ. އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ބަލައިގަނެވެން ނެތްކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.